ސިނަމާލޭ ފްލެޓް ތެރެއިން ޒުވާނެއްގެ ގަޔަށް ވަޅިހަރައި ޒަޚަމްކޮށްލި މައްސަލައިގެ ތުހުމަތުގައި އިތުރު ދެ މީހަކު ހައްޔަރު ކޮށްފި އެވެ.

މިއަދު 11:30 ހާއިރު ސިނަމާލެ ފުލެޓް ތެރެއިން ވަޅި ހަރާ ޒަޚަމްކޮށްލާފައި ވަނީ ޏ. ފުވައްމުލަށް، ހޯދަޑު އަވަށު އަހުމަދު ނަޒީމް 24، އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ހާދިސާ ހިނގި ތަނުން ދެ މީހަކު ހައްޔަރު ކުރުމުގެ އިތުރުން ތުހުމަތުގައި އިތުރު ދެ މީހަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެމީހުންނާ ބެހޭ އިތުރު މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ.

މަންޒަރުދުށް މީހަކު ބުނީ ނަޒީމްގެ ގަޔަށް ވަޅި ހަރާފައި ވަނީ ސިނަމާލެ ފުލެޓްގެ ގޯތިތެރެއިން ކަމަށާއި ވަޅި ހެރުމާއެކު ނަޒީމް ޒަހަމްތަކާއެކު ގަލޮޅު މަދަރުސާ ކުރިމަތިން ދުވެފައި ދިޔައީ ލޮނުޒިޔާރަތް މަގުން ޗާންދަލިއާ ފޮތް ފިހާރަ ކުރިމައްޗަށް ކަމަށެވެ. އެހިސާބަށް ދެވުނުތަނާ ބިންމައްޗަށް ވެއްޓުނީ ކަމަށް ވެސް އެމީހާ ބުންޏެވެ. އަދި ބުނީ ނަޒީމް ވެއްޓުނު ވަގުތު އެސަރަހައްދުގައި ތިބި ބަޔަކު އޭނާ ޕިކަޕަކަށް އަރުވައިގެން ހޮސްޕިޓަލަށް ގެންދިޔައީ ކަމަށް ވެސް އެމީހާ ކިޔައިދިނެވެ.

ނަޒީމަށް ފަރުވާދެމުން އަންނަ އައިޖީއެމްއެޗުން ބުނެފައިވަނީ އޭނާގެ ބުރަކަށީގެ ދެ ތަނަކަށް ވަޅިހަރާފައިވާ ކަމަށެވެ.

ނަޒީމުގެ ގަޔަށް ވަޅި ހެރިއިރު މިދިއަ އާދީއްތަ ދުވަހުގެ ހަވީރު ވެސްޓްޕާކް ކައިރިން ވެސް ވަނީ މީހެއްގެ ގަޔަށް ވަޅި ހަރާ މަރާލާފަ އެވެ.