އެޗްބީއޯއިން ދައްކަމުން އައި މަގުބޫލު ސައިފައި ޝޯ "ވެސްޓްވޯލްޑް" ކެންސަލުކޮށް ފޭނުން ސިއްސުވާލައިފިއެވެ.

ބޮޑު ބަޖެޓެއްގައި ތައްޔާރުކުރަމުން އައި ވެސްޓްވޯލްޑް އަކީ ގިނަ އަދަދެއްގެ އޭ ލިސްޓު ތަރިންނާއެކު ދައްކަމުން އައި ޝޯ އެކެވެ. މި ޝޯއަކީ އެޗްބީއޯގެ އެންމެ މަގުބޫލު ޝޯތަކުގެ ތެރޭގައި ހިމެނޭ އެއް ޝޯއެވެ. ނަމަވެސް އެޗްބީއޯ އިން ދާދިފަހުން ހާމަކޮށްފައިވަނީ ވެސްޓްވޯލްޑް އިތުރު ސީޒަނަކާ އެކު ދެން އެނބުރި ނެޓްވޯކަށް ނުދާނެ ކަމަށެވެ.

ތަފާތު އެކި ޖޯންރާތައް ވެސް ހިމެނޭ މި ޝޯ އަކީ ގިނަ ބައެއްގެ ސަމާލުކަން އެތައް އަހަރެއް ވަންދެއް ހިފަހައްޓާފައިވާ ޝޯއެކެވެ. ޝޯގެ ހަތަރު ވަނަ ސީޒަން ދައްކައި ނިންމާލާފައިވަނީ ދާދިފަހުންނެވެ.

ސީޒަން ނިމުމުގެ ކުރިން ޝޯގެ ކޯ ކްރިއޭޓަރެއް ކަމަށްވާ ޖޮނަތަން ނޯލަން ބުނެފައިވަނީ ޝޯ ދެން ނިމެން ގާތް ވެފައިވާ ކަމަށާއި ދެން ސީޒަން ފަހަކުން ޝޯ ނިންމާލާނެ ކަމަށެވެ. އެގޮތުން ޝޯގެ ހުރިހާ ސުވާލުތަކަށް ޖަވާބު ދީ އެއްކޮށް ޝޯ ފުރިހަމަ އަށް ނިންމާލުމަށް ބޭނުންވާނީ އެއް ސީޒަން ކަމަށް އޭނާ ފާހަގަކުރިއެވެ.

"އެންމެ ފުރަތަމަ ވެސް ޝޯ ކުރިއަށް ގެންދިޔަ އިރު ވިސްނައިގެން ތިބީ ފަސްވަނަ ސީޒަނަށް ފަހު ޝޯ ނިންމާލާނީއޭ،" އޭނާ ބުންޏެވެ.

ފޭނުންނަށް އެހާ ބޮޑު ޝޮކަކަށް ވެފައިވަނީ ވެސް އެހެންވެއެވެ. އެއީ ޝޯގެ ފަހު ސީޒަނަށް ވެފައިވަނިކޮށް ޝޯ އެއްކޮށް ނިންމާލުމަށް ފުރުސަތު ނުދީ ޝޯ ކެންސަލުކޮށްލުމުންނެވެ.

އެޗްބީއޯއިން 2016 ވަނަ އަހަރު ދައްކަން ފެށި މި ޝޯގައި ހޮލީވުޑްގެ އޭ ލިސްޓު ތަރިން ކަމަށްވާ އެންތަނީ ހޮޕްކިންސް އާއި ޓެސާ ތޮމްސަންސް އާއި އެވަން ރޭޗަލް ވުޑްސްގެ އިތުރުން ބެން ބާންސް ފަދަ އެކްޓަރުން ހިމެނެއެވެ.