09 Nov 2022, 09:15
ޒުވާނުން ތަމްރީނުކުރުމުގެ އިތުރު ފުރުސަތުތައް ޔޫތު މިނިސްޓްރީގެ ފަރާތުން ފަހިކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
އެޗްޑީސީއާއި ޔޫތު މިނިސްޓްރީ ގުޅިގެން، ކުރިއަށްގެންދިޔަ ޔޫތު ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމް "ޒުވާނުންގެ ދިސާ" ނިންމުމުގެ ރަސްމިިއްޔާތުގައި ވާހަކަދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއީލް ވިދާޅުވީ ޒުވާނުންނަށް ކުރިމަތިވާ ކަންކަން ހައްލު ކުރާނެ ގޮތާއި ވަޒީފާގައި ދިމާވާނެ ކަންތައްތަކުގެ އިތުރުން ސްކިލް ޑިވެލޮޕްމަންޓް ޒުވާނުންނަށް ދަސްކޮށްދިނުމަކީ މުހިންމު ކަމެއްކަމަށެވެ.
"އެހެންވީމަ އަޅުގަނޑު ބުނެލަން އޮތީ، މި ފުރުސަތުގެ ބޭނުން ރަނގަޅަށް ހިއްޕަވާށޭ. ލިބުނު ނޮލެޖް އެންމެ އެކަށީގެންވާ ގޮތަށް ހިފާށޭ. މާދަމާ އަޅުގަނޑުމެން މިތިބަ މަގާމުގަ ތިބޭނީ ތިބޭފުޅުންނޭ،" އޭނާ ވިދާޅުވިއެވެ.
އޭނަ ވިދާޅުވީ މިހާރު ވެސް ވަޒީފާގައި އުޅެމުން ލައިފް ސްކިލް ދަސްކޮށްދޭ ޕްރޮގްރާމްތައް ޔޫތު މިނިސްޓްރީން ކުރިއަށް ގެންދާކަމަށް އޭނާ ވިދާޅުވިއެވެ.
ފަރުކޮޅުފުށީގައި އިއްޔެ ބޭއްވި އެ ރަސްމިއްޔާތުގައި އެޗްޑީސީގެ ސީއޯއޯ ޝާތިރު އަބްދުއްރަހްމާން ވެސް ބައިވެރިވެ ވަޑައިގަތެވެ.

ޒުވާނުންގެ ދިސާ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ މުޖުތަމައުއަށް ނުކުންނަ ޒުވާނުންނަށް ލައިފް ސްކިލް ދަސްކޮށްދިނުމާއި، ވަޒީފާއަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ ކަންކަމާއި، ސިވިކް އެޑިއުކޭޝަން އަދި ޓީމް ބިލްޑިން ދަސްކޮށްދިނުމެވެ.
އިއްޔެގެ ރަސްމިއްޔާތުގައި، ޕްރޮގްރަމްގެ 30 ބައިވެރިންނަށް ވަނީ ސެޓިފިކެޓު ހަވާލުކޮށްފައެވެ. އަދި ޕްރޮގްރާމްގެ ތަޖުރިބާ ހިއްސާކުރުމުގެ ގޮތުން ބައިވެރިއަކު ވަނީ ވާހަކަ ދައްކާފައެވެ.

ޒުވާނުންގެ ދިސާ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
ޒުވާނުންގެ ދިސާ އަކީ 2019ވަނަ އަހަރު ޔޫތު މިނިސްޓްރީން އިސްނަގައިގެން 16 އަހަރާއި 20 އަހަރުގެ ޒުވާނުންނަށް އަމާޒުކޮށް ޒުވާނުން ބިނާކުރުމަށް ފެށި ޕްރޮގްރާމެކެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން ޕްރޮގްރާމް މަޑުޖެހުމަށްފަހު އަލުން ފަށާފައި މިވަނީ މިއަހަރެވެ.