09 Nov 2022, 09:12
"ހަމްދާ..." ސޯފާގައި އިން ފިރިހެންމީހާ ތެދުވިއެވެ. އެއަށްފަހު އޭނާ އައިސް ހަމްދާގެ ކައިރީގައި ހުއްޓުމަށްފަހު، މިޝްޔާއަށް ވަރަށް ފުން ނަޒަރަކުން ބަލައިލިއެވެ. އެ ފިރިހެންމީހާ މިޝްޔާގެ ފައިން ފެށިގެން ބޮލާ ހިސާބަށް ސްކޭން ކޮށްލި ގޮތުން މިޝްޔާގެ ހިތަށް ބިރުވެރިކަން ވެރިވެގެން ދިޔައެވެ. މުޅި މީހާގެ ހަށިގަނޑު އެކީ ފިނިވެގެން ދިޔުމާއެކު އޭނާގެ ހުރިހާ ލޯލިތައްވެސް ކޮޅަށް ޖެހިގެން ދިޔައެވެ.
"މިޝްޔާ! މީ އަރޭ..." ހަމްދާ މިޝްޔާއަށް އަރޭ ތަޢާރަފްކޮށްލަދިނެވެ. އެތަނުން ކިތަންމެ ދާން ބޭނުންވި ނަމަވެސް، އޭނާއަށް އެކަން ކުރާކަށް ނުކެރުނެވެ. ހަމްދާއަށް އިތުބާރުކޮށްފައި މިޝްޔާވެސް އެތަނުގައި މަޑުކުރީއެވެ.
އެރޭގެ ފަހުން މިޝްޔާ ހަމްދާއާއެކު މަދުމަދުން އެމީހުންގެ ކައިރިއަށް ދާން ފެށިއެވެ. ކުރީކޮޅު އެމީހުން ބޭނުންކުރާ މަސްތުވާތަކެތީގެ އެއްވެސް ބާވަތެއް މިޝްޔާ ބޭނުމެއް ނުކުރެއެވެ. އޭނާއަށް އެގޮތަށް އުޅެން ނުކެރެނީއެވެ. އެހެންނަމަވެސް، ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އެމީހުން ފަރާތުން ލިބުނު ސަމާލުކަމުގެ ސަބަބުން މިޝްޔާއަށް އޭނާގެ އެކަނިވެރިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭހެން ހީވިއެވެ. މަޑުމަޑުން އޭނާ ވެސް ޑްރަގްގެ ވަބާގެ ތެރެއަށް ޢަރަގުވަމުން ދިޔައެވެ. ގެއިން ނުލިބޭ އެތަކެއް ސަމާލުކަމެއް އޭނާއަށް ލިބެމުން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން މިޝްޔާ އެމީހުންނަށް ބަރޯސާ ވަމުން ދިޔައެވެ. މިޝްޔާ ޑްރަގްގެ ވަބާގެ ތެރެއަށް ވަތްކަން ރިފްއަތަށް އެނގުމުން ރިފްއަތު އެކަމާ މިޝްޔާއަށް ނަސޭހަތް ދިންނަމަވެސް އޭރު މިޝްޔާ ހުރީ އެ ވަބާގެ ތެރެއިން ނުކުމެވޭނެ ޙާލަތެއްގައެއް ނޫނެވެ. މިޝްޔާ އެގޮތަށް އުޅެން ފެށުމުން ރިފްއަތަށް ވެސް މިޝްޔާ ދެކެ ރުޅި އާދެވެން ފެށިއެވެ. ކުރިއަށް ވުރެ ބޮޑަށް އެ ދެމެދަށް އިތުރު ދުރުކަމެއް ވެރިވެގެން ދިޔައެެވެ.
** * * *
އެ ޚިޔާލުތަކުން ނިކުމެވުނު މިޝްޔާގެ ކަރުނައިން އޭނާގެ ކޯތާފަތް ވަނީ ތެމިފައެވެ. މަޑުމަޑުން އޭނާ އެނދުގެ ހެޑްބޯޑުގައި ލެނގިލިއެވެ. ދެލޯ މަރައިލި މިޝްޔާ އެ ހަނދާންތަކުން ދުރަށް ދާން މަސައްކަތް ކުރިއެވެ. އޭނާ ބޭނުންވަނީ ކޮންމެ ގޮތެއް ހަދާފައި ވެސް މިހާރު އެކަމުގެ ތެރެއިން ނުކުންނާށެވެ. އާ ދިރިއުޅުމެއް ފަށާށެވެ. އެހެންނަމަވެސް އެކަން ކުރަން އޭނާ އެހެން އެންމެންގެ އެހީތެރިކަން ބޭނުންވެއެވެ. މާޒީއަކީ މުސްތަގްބަލްގެ މޫނުބަލާ ލޯގަނޑޭ މީހުން ބުނާތީ އޭނާ އަޑު އަހައެވެ. މާކިންއާއި ނާޒިލްގެ އެހީތެރިކަމާއެކު އޭނާ ވަރަށް އަވަހަށް އެކަމުން ސަލާމަތްވާން ބޭނުންވިއެވެ. އޭނާގެ އަމިއްލަ ނަފްސަށްޓަކައެވެ. އަދި އޭނާ ދެކެ އިންތިހާ ލޯބިވާ އޭނާގެ އަމިއްލަ ބޭބެގެ ޙައްޤުގައެވެ.
ޖެހިގެން އައި ދުވަހު މާކިންއާއި މިޝްޔާއާ ދެމީހުން ދިމާވީ މެންދުރުގެ ކެއުމުގެ ވަގުތުގައެވެ. ހެނދުނު ވެސް ސައިބޯން ގޮވުމުން މިޝްޔާ އޭނާ ސައިބޯން ބޭނުންނުވާކަމަށް ބުނެ ނުނިކުތެވެ.
އޮފީސް ބަންދު ދުވަހަކަށް ވުމާއެކު، ރިފްއަތުވެސް ކެއުމުގައި ބައިވެރިވިއެވެ. މާކިން ރިފްއަތާއި މިޝްޔާއާއި ދެމީހުންނަށް ބަލައިލިއެވެ. އެ ދެމެދުގައި އޮތް ދުރުކަން އޭނާއަށްވެސް ސިއްރުވެފައި ނުވެއެވެ. އެގުޅުން ރަނގަޅުކުރަން އޭނާ ކިތަންމެ ވަރަކަށް ބޭނުންވިނަމަވެސް، އެއީ ކުރަން ކިހާ އުނދަގޫވާނެކަމެއްކަން އޭނާއަށް އެނގެއެވެ. އެކަމާ ބެހޭގޮތުން ވާހަކަ ދައްކަން ބޭނުންވި ނަމަވެސް ދައްކާނެ ވާހަކައެއް މާކިންގެ ސިކުނޑިއަކަށް ނަޔެވެ. އެ އާއިލާގެ ދިރިއުޅުން ބަދަލުވެގެން އެ ދިޔައީ ކޮންފަދަ ގޮތަކަށް ހެއްޔެވެ؟ އެއީ ކިހާ އުފާވެރި އާއިލާއެއް ހެއްޔެވެ؟. އަލުން ހަމަޖެހުމާއި އުފާވެރިކަން އެ އާއިލާގެ ތެރެއަށް ދެން އަންނާނީ ކިހިހެއްހެއްޔެވެ؟ އެފަދަ ޚިޔާލުތަކުން މާކިން އެންމެ ހަނދާންވަނީ އޭނާގެ މަންމަ މަތިންނެވެ. މަންމަ ހުރިނަމަ ކިހާ ރަނގަޅުހޭ އޭނާގެ ހިތަށް އެރިއެވެ. މިޝްޔާ އެންމެ ބޭނުންވި ދުވަހު މިޝްޔާ ދޫކޮށްލާފައި ދިޔުމަކީ އޭނާއަށް ކުރެވުނު ކުށެއްކަމުގައި މާކިން ގަބޫލުކުރެއެވެ. ވުމާއެކު މިހާރު އޭނާ ބޭނުންވަނީ އެ ކަންތަކުން މިޝްޔާއަށް ވެރިވި އެކަނިވެރިކަން ފޫބައްދައިދޭށެވެ. އެއީ ކުރަން ކިހާ އުނދަގޫވާނެކަމެއްކަން އެނގުނު ނަމަވެސް އޭނާ ހުރީ އުންމީދު ކަނޑައިލާ ގޮތަކަށް ނޫނެވެ. އިރާދުކުރެއްވިއްޔާ އޭނާ ދާދި އަވަހަށް މިޝްޔާ އެ ވަބާގެ ތެރެއަށް ސަލާމަތްކުރާނެއެވެ.
"މިޝޫ... ބަލީތަ؟" މާކިން މިޝްޔާއާ ސުވާލުކޮށްލިއެވެ.
"ނޫން..." މިޝްޔާ ބުނެލިއެވެ.
"ހެނދުނު ސައިބޯން ވެސް ނާންނާތީ އަހައިލީ.." މާކިން ބުނެލިއެވެ.
"އަހަރެން ކާން ވީމަ ކާނަމޭ ދޮންބޭ. އެހެނެްނޫނަސް މިގޭގައި އަހަންނާ ދޭތެރޭ ވިސްނާ އިތުރު މީހަކު ނުހުންނާނެ!" މިޝްޔާ އަވަސް ނަޒަރެއް ރިފްއަތަށް ދިނުމަށްފަހު ބުނެލިއެވެ. އެއީ އޭނާއަށް ނިސްބަތްކޮށްފައި މިޝްޔާ ބުނި އެއްޗެއްކަން ރިފްއަތަށް އެނގުނުނަމަވެސް، އެވަގުތު މިޝްޔާއާ ދިމާލަށް އެއްޗެއް ބުނާކަށް ރިފްއަތު ބޭނުންނުވުމުން އޭނާ ހިމޭންކަން އިޚްތިޔާރުކުރިއެވެ. މާކިން ވެސް އިތުރު އެއްޗެއް ނުބުނެއެވެ.
*****
ދުވަސްތައް އެގޮތުގައި ފާއިތުވަމުން ދިޔައެވެ. މާކިންއާއި ނައިރާގެ ގުޅުންވެސް އެގޮތުގައި ކުރިއަށް ދެއެވެ. ނާޒިލްއާއި މިޝްޔާގެ ގުޅުންވެސް ހަމަ އެގޮތުގައި އޮތެވެ. ދޭތެރެއަކުން ރީމާއާއި ހޮސްޕިޓަލުން މިޝްޔާއާ ދިމާވެެއެވެ. އެއްވެސް ވަރަކަށް ވާހަކަ ނުދެކެވުނު ނަމަވެސް، ރީމާގެ މޫނުމަތިން ހަސަދަވެރިކަމުގެ އަސަރުތައް މިޝްޔާއަށް ފެނެއެވެ. އެއީ ކީއްވެގެންކަން އެނގެން އޭނާ އިންތިހާ ބޭނުންވި ނަމަވެސް އެ ސުވާލު ނާޒިލްއާ ކުރާނީ ކޮން ހައިސިއްޔަތަކުންކަމެއް މިޝްޔާއަކަށް ނޭނގުނެވެ. އެއީ ވެސް އެފަދަ ރެއެކެވެ. މިޝްޔާ ސެޝަން ނިންމާލާފައި ގެއަށް ދިޔައީ މާކިންއާއެކުގައެވެ.
މިޝްޔާ ދިޔުމުން ނާޒިލް ގޮނޑީގައި ލެނގިލިއެވެ. އޭނާގެ ހިތުގައި ތަފާތު އެއްޗެހި ދައުރުވަމުން ދިޔައެވެ. އޭނާއަށް މިޝްޔާ ކަމުދެއެވެ. މިޝްޔާގެ އެ ވޭނަށް ލުޔެއް ގެނުވަދޭން ކުރެވެން އޮތް ކޮންމެ ކަމެއް ކުރަން އޭނާ ބޭނުންވެއެވެ. އެހެންނަމަވެސް އޭނާގެ ހިތް ބިރުގަންނަނީއެވެ. މާޒީގެ ސަބަބުން މިޝްޔާ އޭނާގެ ޙަޔާތަށް އައުން އެއީ ދުވަހަކުވެސް ނުވާކެމެއްކަމުގައި ނާޒިލް އޭނާގެ ހިތަށް ވިސްނައިދެމުން ދިޔައެވެ. އެ ހަޤީގަތް އެނގޭ ދުވަހުން މިޝްޔާގެ އިތުރުން މާކިންވެސް އޭނާއާ ވާހަކަ ނުދައްކާނެ ކަންނޭނގެއެވެ. އެހެންނަމަވެސް އެއީ އޭނާގެ ކުށެެއް ހެއްޔެވެ؟ އެގޮތަށް އެކަންތައް މެދުވެރިވުމުގެ އޭނާގެ ހިއްސާ އެއްވެސް ވަރަކަށް ނެތްކަމަކު، އެކަމަކީ އެހެން ބުނެފައި ނިންމާލެވޭނެ ކަމެއް ނޫންކަމުގައި ނާޒިލްއަށް ވެސް އެނގެއެވެ. އޭނާއަށް ބޮލުގައި ހިފައްޓައިލެވުނެވެ. ވިސްނާ ވިސްނާ އޭނާގެ ސިކުނޑި ސުމަކަށް ދާން ފެށިއެވެ. މަންމައާއި އެ ވާހަކަތައް ހިއްސާކުރަން ނާޒިލް ބޭނުންވިއެވެ. ފަސްޖެހެވެނީ އެކަމުން މަންމައަށް ލިބިދާނެ ނުތަނަވަސްކަމަކުންނެވެ. ހާސްކަމަކުންނެވެ. އެއްވެސް ކަހަލަ ނުތަނަވަސްކަމެއް އޭނާގެ މަންމައަށް ލިބުމަކީ ނާޒިލް ދުވަހަކުވެސް ބޭނުންވާ ކަމެއް ނޫނެވެ.
އޭނާ ޑިއުޓީ ނިންމާލާފައިވެސް މިރޭ މަޑުކުރީ މިޝްޔާގެ ސެޝަން ނަގާފައި ގެއަށް ދިޔުމުގެ ބޭނުމުގައެވެ. އިރުކޮޅަކު އެހެެން އިނުމަށްފަހު އޭނާ ދާން ވެގެން ނުކުތް ގަޑީގައި ރީމާއާ ދިމާވިއެވެ. އެއްވެސް އެއްޗެއް ނުބުނެ ނާޒިލް ދިޔުމުން ރީމާއަށް އަނގަޔަަށް ގޮތެއް ހަދައިލެވުނެވެ، ނާޒިލްގެ ހިތުގައި މިހާރު އޭނާއާ މެދު އެއްވެސް އިޙްސާސްއެއް ނެތްކަމުގައި އޭނާއަށް ހީވާން ފެށުމުން ކުޑަކޮށް ނުތަނަވަސް ވާގޮތްވިއެވެ. ނާޒިލް ދޫކޮށްލާފއި އޭނާ ހޯދި ދިރިއުޅުމުން އޭނާއަށް އެއްވެސް އުފަލެއް ނުލިބުނެވެ. ވިސްނުނީ މާ ފަހުންނެވެ. ރީމާ ފުންނޭވާއެއް ދޫކޮށްލިއެވެ.
ނާޒިލް ގޮސް ގެއަށް ވަތްއިރު ހައިފާ ސޯފާގައި އިނެވެ. އިތުރު މީހަކު ގޭތެރެއިން ފެންނާކަށް ނެތެވެ.
"ޑޭޑް ކޮބާތަ؟" ނާޒިލް ސުވާލުކޮށްލިއެވެ. ހައިފާ ނާޒިލްއަށް ބަލައިލުމަށްފަހު ބުނެލީ އަދިވެސް ގެއަށް ނާންނަ ކަމުގައެވެ.
"ކާން ހަދައިދެންތަ؟" ސޯފާގައި އިށީން ނާޒިލްއަށް ބަލައިލުމަށްފަހު ހައިފާ ސުވާލުކޮށްލުމުން ނާޒިލް ބުނީ އޭނާ ހޮސްޕިޓަލުން ކައިފިކަމުގައެވެ.
ހައިފާއަކީ އޮސްޓްރޭލިއާ މަންމައަކާއި ދިވެހި ބައްޕައަކަށް ލިބިފައިހުރި ހަމަ އެކަނި ދަރިއެކެވެ. އޭނާގެ ގިނަ ސިފަތައް ބޭރުމީހަކާ ވައްތަރުވާ ސަބަބަކީވެސް އެއީއެވެ. އެންމެ ކުޑަ އިރުއްސުރެވެސް ހައިފާ އުޅެމުން ދިޔައީ މާލޭގައެވެ. ނާޒިލްއަށް ލިބިފައިވާ އަޅިކުލައިގެ ދެލޮލަކީ ހައިފާގެ މަންމަގެ ފަރާތުން ނާޒިލްއަށް ވާރުތަކޮށްފައިވާ ސިފައެކެވެ. ހައިފާގެ މައިންބަފައިންގެ ކައިވެނި ކުރެވުނީ ދެ ފަރާތު އާއިލާގެ ނުރުހުމުގައި ކަމަށް ވުމާއެކު އެއިން އެއްވެސް ބަޔަކާ ގުޅުމެއް ހައިފާއަކާއި ނޯވެއެވެ. އޭނާގެ މުޅި ދިރިއުޅުން ބިނާވެފައިވަނީ ރާއްޖޭގައެވެ.
"ހާދަ ހާސްވެފައޭ ދަރިފުޅާ!" ހައިފާއަށް އޭނާގެ ދަރިފުޅު މިހާރު އަބަދުވެސް ވިސްނުންތަކަކަށް ގެއްލިފައި ހުންނަކަން ފާހަގަ ކުރެވެއެވެ. އޭނާ އެކަންތައް އެނގެން ބޭނުންވިއެވެ. ހައިފާއަށް ބަލައިލުމަށްފަހު ނާޒިލް ދޫކޮށްލީ ފުންނޭވާއެކެވެ. އޭނާ އެ ވާހަކަ ހައިފާއާ ދައްކާނެ ގޮތެއް ނޭނގުނެވެ.
"ދަރިފުޅާ! މަންމަ ވަރަށް ކަންބޮޑުވޭ ދަރިފުޅު ތިއުޅޭ ގޮތަކުން. އަނެއްކާ ކަމެއް ވީތަ؟" ހައިފާ ސުވާލުކޮށްލިއެވެ. ނާޒިލް ދެފަރާތަށް ބޯ ހޫރައިލިއެވެ.
"މަންމައަށް އެނގޭ ކަމެއްވެއްޖެކަން. ދަރިފުޅު ކީއްވެތަ މަންމައަށް ކަންތައްތައް ސިއްރުކުރަނީ؟" ހައިފާ ސުވާލުކޮށްލިއެވެ.
"މަންމާ..." ނާޒިލްއަށް ވާހަކަ ފަށާނެ ގޮތެއް ނޭނގުނެވެ. އޭނާއަށް ހައިފާއަށް ގޮވައިލެވުނެވެ. ހައިފާ އަނެއްކާވެސް ވީގޮތާ ބެހޭގޮތުން ސުވާލުކޮށްލިއެވެ.
"އޭނަ. އޭނަ ފެނިއްޖެ!" ނާޒިލް ބުނެލިއެވެ.
"ކާކު؟ ކާކު ދަރިފުޅާ!" ހައިފާގެ ހިތް ތެޅިގަތެވެ. އޭނާއަށް ނާޒިލްއަށް ބަލައިލެވުނީ ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ. އަޑު އަހަން ބޭނުންނުވާ ފަދަ ނުބައި ހަބަރެއް ލިބިދާނެކަމަށް އޭނާ ނަފްސު ތައްޔާރުކުރަން ފެށިއެވެ.
"މަންމާ... އޭނަ. އައި... އައި ޑޯންޓް ނޯ..." ނާޒިލްއަށް ހަމަ ހަޤީގަތުގައިވެސް ހައިފާގެ ކައިރީގައި ބުނާނީ ކީކޭކަމެއް ނޭނގުނެވެ. އޭނާ ފުންނޭވާއެއް ދޫކޮށްލާފައި ހިތްވަރުކޮށްފައި އޭނާއާ ދިމާވި ގޮތް ހައިފާއާ ހިއްސާކުރިއެވެ. ހައިފާ ކަންބޮޑުވިއެވެ.
"އޭނާއަށް ދަރިފުޅު އެނގުނުތަ؟" ހައިފާ ސުވާލުކޮށްލިއެވެ.
"ހިޔެއް ނުވޭ!" ނާޒިލް ބުނެލިއެވެ.
"ޝައްކުވެސް ނުވޭތަ؟" ހައިފާއަށް އަނެއްކާވެސް ސުވާލުކޮށްލެވުނެވެ.
"ނޭނގެ! މަންމާ... މަންމަ އެކަމާ ނުވިސްނައްޗޭ. ފެނުނީމަ ހަމަ..."
"އިޓްސް އޯކޭ ދަރިފުޅާ. އެއީ ޙަޔާތުގައި ނިމިފައިވާ ބާބެކޭ..." ހައިފާ އެހެން ބުނެލި ނަމަވެސް، އޭނާ ކުޑަކޮށް ކަންބޮޑުވިއެވެ. ހައިފާ ކަންބޮޑުވުމުން ނާޒިލް އެހެން މައުލޫއަކަށް ވާހަކަ އަނބުރައިލިއެވެ. އެފަދަ ވާހަކަތަކެއްގައި ތިއްބާ ހައިފާގެ ފިރިމީހާ ހާފިޒު އައިސް އެތެރެއަށް ވަނެވެ.
"ޑޭޑް! ޑޭޑް ނައިސްގެން މަންމަ މިއުޅެނީ..." ނާޒިލްއަށް ހާފިޒު ފެނުމާއެކު ބުނެލިއެވެ. ނާޒިލް އެހެން ބުނެލި ގޮތުން ހައިފާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.
ހައިފާ ސޯފާއިން ތެދުވުމަށްފަހު ހާފިޒުއަތުން އޭނާގެ ލެޕްޓޮޕް ދަބަސް އަތުލިއެވެ.
"ކާން ހަދަން ބުނަންވީ ދޯ..." އެހެން ކިޔާލާފައި ހައިފާ ގޭގައި އުޅޭ ނޯކަރު ކުއްޖަކަށް ގޮވައިލުމަށްފަހު ކާން ހަދަން ބުނެލިއެވެ. އަދި އެބަ އަންނަން ކަމުގައި ބުނެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެެވެ.
"ދަރިފުޅު ހޮސްޕިޓަލް ކިހިނެއް؟ ދެންމެތަ ތި އައީ؟" ހާފިޒު ސުވާލުކޮށްލުމުން ނާޒިލް ބޯ ޖަހައިލިއެވެ.
***
މާކިން ޓެރެސްއަށް އެއީ ނައިރާއާ ބައްދަލުކޮށްފައި އައިހެވެ. އޭނާ ނައިރާ ގާތު ބުނީ ވީ އެންމެ އަވަހަކަށް އޭނާ ބައްޕަގެ ކައިރީގައި ކައިވެނީގެ ވާހަކަ ދައްކާނެކަމުގައެވެ. މާކިންގެ ނަސީބު ކަންނޭނގެއެވެ. އޭނާ ޓެެރެސްއަށް އެރިއިރު އެތަނުގައި ރިފްއަތުވެސް ހުއްޓެވެ.
"މާކިން..." މީހަކު އެރިހެން ހީވި ރިފްއަތު ފަހަތަށް ބަލައިލިއެވެ. މާކިން އައިސް ރިފްއަތުގެ ކައިރީގައި ރެއިލިންގައި ހުއްޓިލިއެވެ. ނައިރާގެ ވާހަކަ ދެއްކުން ރަނގަޅު ވަގުތެކޭ ހިތާ މާކިން އެ ވާހަކަ ފަށަން ގަސްތުކުރިނަމަވެސް، އެ ވާހަކަ ފަށާނެ ގޮތެއް އޭނާއަަަކަށް ނޭނގުނެވެ. މާކިން ވާހަކައެއް ދައްކަން އުޅޭހެން ހީވުމުން ރިފްއަތު ވާހަކަ ދެއްކިއެވެ.
"ދަރިފުޅު ވާހަކައެއް ބުނަން ވެފަ އޮތީތަ؟" ރިފްއަތު މާކިންއަށް ބަލައިލިއެވެ. މާކިންއަށްވެސް ރިފްއަތާ ދިމާލަށް ބަލައިލެވުނެވެ. އޭނާ ބޯ ޖަހައިލުމަށްފަހު، އަނެއްކާވެސް ރިފްއަތާ ނަޒަރު ވަކިކޮށްލިއެވެ. އެއަށްފަހު އޭނާ އިސްޖަހަލައިލިއެވެ.
"ވަރަށް ބޮޑު ވާހަކައެއް." މާކިންގެ އަޑުން ރިފްއަތަށް ކޮންމެވެސް ވަރެއްގެ ހާސްކަމެއް ފާހަގަވިއެވެ.
"އަނެއްކާ ކޮން ކަހަލަ ވާހަކައެއްބާ؟" ރިފްއަތު ބުނެލިއެވެ. އިރުކޮޅެއްގެ ހިމޭންކަމަށްފަހު މާކިން ހާމަކޮށްލި ވާހަކައަކުން ރިފްއަތަށް މާކިންއާ ދިމާލަށް ބަލައިލެވުނެވެ.
(ނުނިމޭ)