05 Apr 2012, 22:01
ހިފާފައިވާޤުދްސު (މާޗް 5) : އިސްރާއީލުގެ އަޅުވެތިކަމުގެ ދަށުގައިވާ މުސްލިމުންގެ ތިންވަނަ ހަރަމްފުޅު، މާތްވެގެންވާ މަސްޖިދުލްއަޤްސާ، ތަޅާލުމަށް ޔަހޫދީ ޖަމާއަތްތަކުންނާއި އިސްރާއީލު ސަރުކާރުން ގޮވާލަމުންދާ މައްސަލާގައި ހޭވަރިވުމަށް އަލްއަޤްސާ ފައުންޑޭޝަނުން އިސްލާމީ ދުނިޔެއަށް ގޮވާލައިފިއެވެ.
ޔަހޫދީ ރޭވުންތަކުން މަސްޖިދުލްއަޤްސާ ޙިމާޔަތް ކުރުމަށް ފަލަސްތީނުން އުފައްދާފައިވާ އަލްއަޤްސާ ފައުންޑޭޝަނުންބުނީ އަލްއަޤްސާ މިސްކިތް ތަޅާލުމަށް އިސްރާއީލުގެ މަސްއޫލުވެރިންނާއި ޔަހޫދީ ޖަމާއަތްތަކުން ގޮވާލަމުން ގެންދަނީ އެމިސްކިތް ހުރިތަނަކީ ބަނީއިސްރާއީލުގެ ދަރިކޮޅުގެ ނަބިއްޔެއް ކަމަށްވާ ސުލައިމާނުގެފާނުގެ ހައިކަލް (ފައްޅިއެއް) ހުރިކަމަށްބުނެ އެމިސްކިތް ތަޅާލުމަށްފަހު އެފަދަ ފައްޅިއެއް އެތާނގައި ބިނާކުރުމަށެވެ.
އަލްއަޤްސާ މިސްކިތް ހުރިބިމުގައި ސުލައިމާނުގެ ހައިކަލްހުރިކަމަށްބުނެ އިސްރާއީލުގެ އާކިއޮލޮޖިސްޓުންވަނީ އެތަށްފަހަރަކު އެތަނުގެ އަޑި ކޮނެއެކިގޮތްގޮތަށް ބަލާފައެވެ. މިކަން ބަލާފައިވަނީ އެމިސްކިތުގެ ދުރުން އެކިހިސާބުތަކުން ކޮނެ ބިންގަރާސް ހަދައިގެން ކަމަށާ ނަމަވެސް އެބުނާ ހައިކަލްގެ އެއްވެސް ނިޝާނެއް، އަސަރެއް އެތަނުން ފެނިފައިނުވާކަމަށް އަލްއަޤްސާ ފައުންޑޭޝަނުން ބުނެއެވެ.
ސުލައިމާނުގެފާނުގެ ހައިކަލް އެތަނުގައި ނެތްކަން އިސްރާއީލުގެ ބައެއް އާކިއޮލޮޖިސްޓުންވެސް ކަށަވަރުކޮށްދީފައިވެއެވެ. ނަމަވެސް އަލްއަޤްސާ ތަޅާލުމަށް ޔަހޫދީ ޖަމާއަތްތަކުންނާއި އިސްރާއީލު ސަރުކާރުން ގޮވާލަމުންދާ ގޮވާލުންތަކަށް ހުއްޓުމެއް އައިސްފައިނުވާކަމަށް އަލްއަޤްސާ ފައުންޑޭޝަނުން މިއަދު ނެރުނު ބަޔާނެއް ބުނެއެވެ.
އަނެއްކޮޅުން ޔަހޫދީ ހައިކަލްއާބެހޭ އިސްރާއީލުގެ އިންސްޓިޓިއުޓްގެ ރައީސް ޔިސްރާއީލު އެރިޔޭލްވަނީ ހައިކަލްހުރީ އަލްއަޤްސާ މިސްކިތްހުރި ތާނގައި ކަމަށް ވިދާޅުވެ އެމިސްކިތުގައި އަޅުކަންކުރުމަށާއި ޔަހޫދީން ނަދުރުބުނެގެން ޤުރްބާންކުރުމަށް ގެންނަތަކެތިވެސް އެމިސްކިތުގައި ބެހެއްޓުމަށް ޔަހޫދީންނަށް ފާޅުގައި ގޮވާލައްވާފައެވެ. އަލްއަޤްސާ ފައުންޑޭޝަނުން މިގޮވާލުން ސިފަކުރަނީ އަލްއަޤްސާ މިސްކިތް ޔަހޫދީ ފައްޅިއަކަށް ހެދުމުގެ ރޭވުމެއްގެ ގޮތުގައެވެ.
އިސްރާއީލުން މާތްވެގެންވާ މަސްޖިދުލްއަޤްސާ އަތްދަށުލާފައިވަނީ 1967 ގެ ހަނގުރާމައިގާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިންހިފުމާގުޅިގެންނެވެ. އަލްއަޤްސާ މިސްކިތް ހުންނަނީ އަލްޤުދްސުގެ އިރުމަތީ ފަޅީގައެވެ. އަލްޤުދްސުގެ އިރުމަތީ ފަޅިއަކީ ހުޅަނގު އައްސޭރީގެ ބައެކެވެ. އަލްޤުދްސުގެ ހުޅަނގުފަޅި އިސްރާއީލުން ހިފާފައިވަނީ 1948 ގައި ފަލަސްތީނުގެ ބައެއްގައި އިސްރާއީލުގެ ނަމުގައި ޔަހޫދީ ދައުލަތެއް އިޢްލާން ކުރުމާގުޅިގެން ހިނގައިދިޔަ ހަނގުރާމައިގައެވެ.
އިސްރާއީލުގެ ޔަހޫދީންގެ ހަރުކަށިބަޔަކުވަނީ 1969 ގައި މާތްވެގެންވާ މަސްޖިދުލްއަޤްސާ ގައި ހުޅުޖަހައި އެމުޤައްދަސްބިނާގެ ބައެއް އަންދާލާފައެވެ. މިކަމުގެ އަޑީގައިވަނީ އިސްރާއީލުގެ ސަރުކާރުކަން ފަހުންވަނީ ހާމަވެފައެވެ. -- އަލްޖަޒީރާ