ތިލަމާލެ ބްރިޖު މަސައްކަތަށް ބޭނުންކުރާ ޕްލެޓުފޯމެއް ފަރަށް އެރި މައްސަލައިގައި ފިޔަވަޅެއް އެޅޭނެ ދުވަހެއް ނޭނގޭކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބުނެފިއެވެ.

ބްރިޖު ޕްލެޓުފޯމް ފަރަށް އެރީ އޯގަސްޓު މަހުގެ 16ވަނަ ދުވަހެވެ. ޕްލެޓުފޯމް ފަރުން ނެގުނީ އޭގެ 12 ދުވަސް ފަހުންނެވެ.

އެއާއެކު މި މަހުގެ 16ވަނަ ދުވަހަށް ތިން މަސް ދުވަސްވާއިރު އަދިވެސް ކުރިއަށްދަނީ އެ މައްސަލައިގައި ލިބުނު ގެއްލުންތައް ތަހުގީގުކޮށް ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ހެދުމުގެ މަސައްކަތްކަމަށް އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމް ވަނީ "ސަން"އަށް ވިދާޅުވެފައެވެ.

ނައީމް ވިދާޅުވީ އެ ފަދަ މަސައްކަތްތަކީ ވަރަށް ގިނަ ދުވަސްތަކެއް ނަގާ މަސައްކަތްތަކެއްކަމަށެވެ.

"އަޅުގަނޑުމެން މިހާރު މި ކުރިއަށްގެންދަނީ އަދިވެސް ލިބުނު ގެއްލުންތައް ދިރާސާކުރުމުގެ މަސައްކަތް. ޖޫރިމަނާކުރަން އެ ހިސާބަށް ދިޔައިމާ އަޅުގަނޑުމެން އަންގާނަން،" ނައީމް ވިދާޅުވިއެވެ.

ޕްލެޓްފޯމު ފަރަށް އެރުމާ ގުޅިގެން ފަރަށް ލިބިފައިވާ ގެއްލުންތައް ފެންނަ ފޮޓޯތަކެއް އީޕީއޭއިން ވަނީ މީގެ ކުރިން އާއްމުކޮށްފައެވެ.

ޕްލެޓްފޯމުން ފަރަށް ލިބުނު ގެއްލުންތަކުގެ ފޮޓޯ -- ފޮޓޯ/ އީޕީއޭ

އީޕީއޭއިން އާއްމުކުރި ފޮޓޯތަކުން ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން ފަރުގައި ހެދިފައިވާ ބޮޑެތި ހަތަރު ބާގަނޑު ފެނެއެވެ.

އެ ހާދިސާއާ ގުޅިގެން ލިބުނު ގެއްލުންތައް ދިރާސާކޮށްފައިވަނީ އެފްކޯންސްގެ ބައިވެރިވުމާއެކުގައެވެ.

އެ މައްސަލައިގައި އެ ކުންފުންޏާ ދެކޮޅަށް ފިޔަވަޅު އަޅަންޖެހޭނަމަ އެކަން ކުރާނެކަމަށް އީޕީއޭއިން މީގެ ކުރިން ބުނެފައިވެއެވެ.