ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 80 ކުންފުންޏެއްގެ 731 ބައިވެރިންނާއެކު މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ދުނިޔޭގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއާގައި ރާއްޖެ ތަމްސީލުކުރަން ފަށައިފިއެވެ.

އިނގިރޭސިވިލާތުގެ ލަންޑަނުގައި އިއްޔެ ފަށައިގެން މާދަމާއަށް ކުރިއަށްގެންދާ މި ފެއާގައި ރާއްޖޭގެ ވަފުދުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ލީޑްކުރައްވަނީ އެމްއެމްޕީއާރުސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުޙައްމަދެވެ.

މި ފެއާގައި އެމްއެމްޕީއާރްސީއިން ފަތުރުވެރިކަމުގެ ދާއިރާގެ ޕާޓްނަރުންނާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާތު ސެގްމެންޓްތަކާއި، ފަތުރުވެރިކަމުގެ ޚާއްސަ ސިފަތަކާއި، ސަނީ ސައިޑް އޮފް ލައިފްގެ ޚާއްސަ ތަޖުރިބާތަކާއި، ހަރަކާތްތައް 420 އަކަމީޓަރުގެ ޑަބަލް ޑެކަރ ސްޓޭންޑެއްގައި ދައްކަމުންދާނެއެވެ.

ހަމައެހެންމެ، އިނގިރޭސިވިލާތުގައި ރާއްޖެ ޕްރޮމޯޓްކުރުމުގެ ގޮތުން އެމްއެމްޕީއާރްސީއިން އިނގިރޭސިވިލާތުގެ މައި ތިން ސިޓީއެއް ކަމުގައިވާ ލަންޑަން، މެންޗެސްޓަރ އަދި ނިއުކާސަލްގައި ރޯޑް ޝޯތަކެއް ކުރިއަށް ގެންދަން ނިންމާފައިވެއެވެ. އެގޮތުން މި ރޯޑް ޝޯތައް ކުރިއަށްދާނީ މާދަމާއިން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށެވެ.

މި ފެއާގައި އެންމެ ފާހަގަކޮށްލެވޭ އެއްކަމެއްގެ ގޮތުގައި އެމްއެމްޕީއާރްސީއިން ފާހަގަކޮށްފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ ތީމްއާ ގުޅުވައިގެން "މޯލްޑިވްސް މީޑިޔާ މީޓް" މިނަމުގައި ކުރިއަށްގެންދަން ނިންމާފައިވާ ޚާއްސަ ޕްރެސް ކޮންފަރެންސްއެވެ. އެގޮތުން މާދަމާ މި ހަރަކާތް ބޭއްވުމަށް ނިންމާފައިވާއިރު، މި ހަރަކާތުގައި ރާއްޖޭގެ ފަތުރުވެރިކަން ފެށުމުގައި އިސްކޮށް ހަރަކާތްތެރިވި އެއް ބާނީ ހުސައިން އަފީފާއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި އިނގިރޭސިވިލާތާއި، ގްރޭޓް ބްރިޓަން، އަދި އަޔަލޭންޑަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު، ޑރ. ފަރަހަނާޒް ފައިސަލް އާއި ތޮއްޔިބު ވާހަކަދެއްކުމަށް ހަމަޖެހިފައިވެއެވެ.

އިނގިރޭސިވިލާތަކީ ރާއްޖޭގެ އެންމެ މައި އެއް މާކެޓް ކަމަށްވާއިރު، އެމްއެމްޕީއާރުސީއިން އަންނަނީ މި މާކެޓަށް އަމާޒުކޮށްގެން ރާއްޖޭގެ މަގުބޫލުކަން ދަމަހައްޓާ އިތުރުކުރުމަށް ގިނަ ހަރަކާތްތައް ރާވާ ހިންގަމުންނެވެ. އެގޮތުން ޑަބްލިއުޓީއެމް ފެއާގައި ބައިވެރިވުމުގެ އަމާޒެއްކަމުގައި އެމްއެމްޕީއާރްސީއިން ބުނީ އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމާއެކު ރާއްޖޭގެ އެންމެ ފަހުގެ ޓްރެވަލް ގައިޑްލައިންތަކާއި މައުލޫމާތުތައް އެފަރާތްތަކާ ހިއްސާކުރުމެވެ.

ޑަބްލިއުޓީއެމް ލަންޑަން އަކީ ދުނިޔޭގެ ފެންވަރުގައި ބާއްވާ ފަތުރުވެރިކަމާ ބެހޭ އެންމެ ބޮޑު އެއް ފެއާއެވެ. މި ފެއާއަކީ ފަތުރުވެރިކަމުގެ ދާއިރާގެ ޕްރޮފެޝަނަލުން އެއްބަޔަކު އަނެއްބަޔަކާ އެއްތަނަކުން ބައްދަލުކޮށް، މަޝްވަރާކޮށް، ވިޔަފާރީގެ ގުޅުން ބަދަހިކޮށް، އެއްބަސްވުންތަކަށް އައުމުގެ ފުރުސަތު އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އެއް ފެއާއެވެ.