މޮސްކޯ (8 ނޮވެމްބަރު 2022): އިންޑިއާގެ ޚާރިޖީ ވަޒީރު ސުބްރަމާނިޔަމް ޖައިޝަންކަރު ރަޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މޮސްކޯއަށް ވަޑައިގެންފިއެވެ.

މިއީ ޔުކްރެން ހަނގުރާމަ ފެށުމާއެކު ރަޝިއާއާއި އިންޑިއާއާ ދެމެދު ސްޓްރެޓީޖިކް ލެވެލް އެއްގައި ބަދަހިވާން ފަށާފައިވާ އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުންތަކާ ގުޅިފައިވާ ދަތުރުފުޅެއްކަމަށް އިންޑިއާގެ ނޫސްތަކުން ސިފަކުރެއެވެ. މިދަތުރުފުޅާބެހޭ ތަފްސީލެއް އިންޑިއާ ސަރުކާރުން ދީފައެއް ނުވެއެވެ.

ޔުކްރެއިން ހަނގުރާމަ ފެށުމާއެކު ރަޝިއާ އިނދަޖައްސާލުމުގެ މަގްސަދުގައި އެމެރިކާއާއި ޔޫރަޕުން ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކުން ސަލާމަތްވުމަށްޓަކައި ރަޝިއާ އެންމެ ބޮޑު އިސްކަމެއްދިނީ ރަޝިއާ ޒަމާނުއްސުރެ ތެލާއި ގޭސް ވިއްކާ ޔޫރަޕްގެ މާކެޓަށް ބަރޯސާވުން ކުޑަކުރުމަށްފަހު ޗައިނާއާއި އިންޑިއާއިން އެތަކެއްޗަށް އިތުރު މާކެޓް ހޯދުމަށެވެ. މިކަމުގައި ރަޝިއާއަށްވަނީ ޗައިނާއާއި އިންޑިއާގެ އެއްބާރުލުން އިންތިހާއަށް ލިބިފައެވެ.

އެއްބާރުލުން އެހާބޮޑަށް ލިބުނީ ބާޒާރުގެ އަގަށްވުރެ ހެޔޮކޮށް ރަޝިއާއިން އެދެގައުމަށް ތެލާއި ގޭސް ފޯރުކޮށްދޭން ފެށުމުންނާއި ރަޝިއާގެ ބާޒާރުވެސް އެދެގައުމުގެ ކުންފުނިތަކަށް ހުޅުވާލުމުގެ ސަބަބުންނެވެ. ނަތީޖާއެއްގެ ގޮތުން ރަޝިއާގެ ތެލާއި ގޭހުގެ މައި މާކެޓަކަށް މިހާރުވެފައި ވަނީ ޗައިނާއާއި އިންޑިއާއެވެ. އަދި އެމެރިކާއާއި ޔޫރަޕްގެ ކުންފުނިތައް ރަޝިއާއިން ފާބައިގެން ދިޔުމުން އެކުންފުނިތައް ރަޝިއާގައި އަދާކުރި ދައުރުގެ ބޮޑުބައިވެސް ވަނީ މި ދެގައުމުގެ ކުންފުނިތަކަށް ލިބިފައެވެ.

މީގެ އިތުރުން ޗައިނާއާއި އިންޑިއާއާއެކު ރަޝިއާ ކުރާ ވިޔަފާރީގައި ޑޮލަރުގެ ބަދަލުގައި އެތިން ގައުމުގެ ފައިސާ ބޭނުންކުރާގޮތަށް އެއްބަސްވެ އެގޮތަށް އަމަލުކުރަމުން ގެންދިޔުމަކީވެސް ޗައިނާއާއި އިންޑިއާއަށް ބޮޑު ފައިދާތަކެއް ހާސިލްވާކަމެކެވެ. ރަޝިއާއާ ގާތްވާތީ އެމެރިކާއާއި ޔޫރަޕުން ކުރިމަތިކުރާ ފިއްތުންތަކަށް ޗައިނާއެކޭ އެއްގޮތަށް އިންޑިއާވެސް ވަނީ ފާޅުގައި ނޫނެކޭބުނެ އެކަމާ ދެކޮޅު ހަދާފައެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރު ޖަޔަޝަންކަރު ރަޝިއާއަށް ފުރާވަޑައިގަތުމުގެ ކުރިން އިންޑިއާގެ ތެލާބެހޭ ވަޒީރު ސްރީ ހާޑީޕް ޕޫރީ ސީއެންއެން އަށް ދެއްވި ބަސްދީގަތުމެއްގައިވަނީ ރަޝިއާއިން އިންޑިއާ ތެލާއި ގޭސް ގަންނަ ގަތުމާ އަދި އިންޑިއާއިން ރަޝިއާއާއެކު އިގްތިސާދީ ގުޅުންތައް ބަދަހިކުރުމަށް ގެންގުޅޭ ސިޔާސަތު ދިފާއު ކުރައްވާފައެވެ.

ޕޫރީ ވިދާޅުވިގޮތުގައި އިންޑިއާ އިސްކަންދޭނީ އިންޑިއާގެ ރައްޔިތުންގެ މަސްލަހަތަށެވެ. ހުޅަނގުގެ މަސްލަހަތަކަށް ނޫނެވެ. ހުޅަނގުން އެދޭގޮތަށް އިންޑިއާ ރަޝިއާގެ ތެލާއި ގޭސް ނުގަންނަނަމަ އެތަކެތީގެ އަގުތައް ބޮޑުވުމުން ގެއްލުން ލިބޭނީ އިންޑިއާގެ ރައްޔިތުންނަށް ކަމަށާއި އިންޑިއާގެ ސިޔާސަތަކީ އިންޑިއާ ފަސްޓް ޕޮލިސީކަން ހުޅަނގުންވެސް ގަބޫލުކުރަންޖެހޭނެކަން ސީއެންއެން އަށް ދެއްވި ބަސްދީގަތުމުގައި އިންޑިއާގެ ވަޒީރު ވިދާޅުވިއެވެ.

އޭގެ ކުރިން އިންޑިއާގެ ޚާރިޖީ ވަޒީރު ޖަޔަޝަންކަރު ހުޅަނގުގެ މީޑއާއަކަށް ދެއްވި ބަސްދީގަތުމެއްގައިވަނީ އިންޑިއާއާއި އެމެރިކާއާ ދެމެދުގައި އޮންނަ ގުޅުންތަކަކީ އިންޑިއާއަށް ރަޝިއާއާއެކު އިގްތިސާދީ ގުޅުންތައް ބަދަހި ނުކުރެވޭނެ ސަބަބެއް ނޫންކަމަށް ވިދާޅުވެފައެވެ.

އަދި ޔުކްރެއިންގެ ހަނގުރާމައަކީ ޔޫރަޕްގެ ހަނގުރާމައެއް ކަމަށާއި އެ ހަނގުރާމައާ ގުޅިގެން ރަޝިއާއާ ދެކޮޅަށް ޔޫރަޕްގެ އިއްތިހާދާއި ހުޅަނގުގެ އެހެން ގައުމުތަކުން އަޅާ ފިޔަވަޅުތަކުގައި އިންޑިއާ ބައިވެރިވާން ޖެހޭކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށްވެސް ޖަޔަޝަންކަރު ވިދާޅުވެފައިވެއެވެ.

ރިޕޯޓްތައް ބުނާގޮތުން ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅައިގެން ރަޝިއާ އިނދަޖައްސާލުމަށް އެމެރިކާއާއި ޔޫރަޕް ކުރި މަސައްކަތްތަކާއި ރޭވި ރޭވުންތައް ނާކާމިބުވީ ޗައިނާއާއި އިންޑިއާ އަދި އޭޝިއާގެ އެހެން ގައުމުތަކާއި ބްރަޒީލްއާއި ތުރުކީއާއި އީރާން ފަދަ ގައުމުތަކުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުންނެވެ. މި މައްސަލާގައި އެމެރިކާއާއި ޔޫރަޕްގެ ބާރުތައް ވަނީ އިންޑިއާ ހިމެނޭގޮތަށް މި ހުރިހާ ގައުމުތައް ދެކެވެސް ވަރަށް ބޮޑަށް ރުޅިއައިސްފައެވެ.