ޗެއާޕާސަންގެ މަގާމާއެކު، އެމްޑީޕީން ހުސްވެފައިވާ ހަތް މަގާމެއްގެ އިންތިޚާބު ޖޫން މަހު ބާއްވަން ހަމަޖައްސާ، މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްޑީޕީން ބުނީ ޖޫން މަހުގެ ދެވަނަ ދުވަހު ބާއްވާ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފައިވާ މަގާމުތަކަކީ ޤައުމީ ޗެއާޕާސަންގެ މަގާމާއި ޗެއާޕާސަންގެ ނާއިބުގެ މަގާމާއި ވެލިދޫ ދާއިރާގެ ރައީސްގެ މަގާމާއި ލ. ފޮނަދޫ ދާއިރާގެ ރައީސާއި ގއ. ވިލިގިނލި ދާއިރާގެ ރައީސާއި ހދ. ނޮޅިވަރަމް ދާއިރާގެ ނާއިބު ރައީސްގެ އިތުރުން މައްޗަންގޮޅި އުތުރު ދާއިރާގެ ނާއިބު ރައީސް ކަމުގެ މަގާމެވެ. މިގަމާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 12 ވަނަ ދުވަހަ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.

އެމްޑީޕީން ބުނީ ޖޫން މަހު ބާއްވާ އެޕާޓީގެ އިންތިޚާބް ތަކުގައި ވޯޓް ލެވޭނީ ޕާޓީގެ އަސާސީ ޤަވާއިދުގެ 95 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ ގޮތުން އޭޕްރިލް 12 ވަނަ ދުވަހާ ހަމައަށް އެޕާޓީގައި ރަޖިސްޓަރީވެ މެންބަރުންގެ ގޮތުގައި ދެމިތިބި ފަރާތްތަކަށް ކަމަށެވެ.

އެމްޑީޕީން ޗެއާޕާސަން ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ވަގުތީ ޗެއާޕާސަނެއްގެ ގޮތުގައި މިހާރު ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރުދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކެވެ.