08 Nov 2022, 15:21
ކުރިއަށް އޮތް އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓާ ގުޅިގެން މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރަށް 45 މިނެޓުގެ ފުރުސަތެއް ދިނުމަށް މަޖިލީހުން ނިންމައިފިއެވެ.
ބަޖެޓް ބަހުސް މިހާރު ފަށާފައިވާއިރު، މިއަދުގެ ޖަލްސާގައި ބަހުސަށް ހުޅުވާލައްވަމުން ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ، ބަހުސްގައި މެމްބަރުން ފާހަގަކުރައްވާ ކަންތައްތަކާ ގުޅިގެން ޖަވާބުދާރީވުމަށް މަޖިލިސް ގަވާއިދުގެ ދަށުން މިނިސްޓަރު އަމީރަށް 25 މިނެޓުގެ ފުރުސަތެއް ދޭން މަޖިލީހުގެ އާންމު ކޮމިޓީން ލަފާދީފައިވާ ކަމަށެވެ.
ބަޖެޓު ބަހުސްގައި ކޮންމެ މެމްބަރަކަށްވެސް އަރުވަނީ 15 މިނެޓުގެ ފުރުސަތެކެވެ. ނަމަވެސް ބަޖެޓު ކޮމިޓީން ބަޖެޓު ދިރާސާކުރުމަށްފަހު ތަޅުމަށް ހުށަހަޅާ ކޮމިޓީ ރިޕޯޓަށް ބަހުސް ކުރުމަށް ކޮންމެ މެމްބަރަކަށްވެސް ލިބޭނީ ހަތް މިނިޓެވެ.
އަންނަ ބުރާސްފަތި ދުވަހުގެ ރޭގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ރޭގަނޑު 10:00 އާ ހަމައަށް ކުރިއަށް ގެންދިއުމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
ބުރާސްފަތި ދުވަހުގެ ރޭގެ ނިޔަލަށް ބަޖެޓު ބަހުސް ކުރިއަށް ގެންދަން ނިންމި ނަމަވެސް، ބަހުސަށް އެދިވަޑައިގަންނަވާ މެމްބަރުން ޖަލްސާއަށް ހާޒިރު ނުވާ ނަމަ މަޖިލިސް ޖަލްސާ ނިންމަވާލައްވާނެ ކަމަށް އީވާ ވިދާޅުވިއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވަނީ 42.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަންނަ އަހަރު ދައުލަތަށް ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 32.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، އޭގެ ތެރޭގައި ޖީއެސްޓީ ރޭޓު މަތިކުރުމާ ގުޅިގެން އިތުރުވާނެ ކަމަށް ބެލެވޭ 3.7 ބިލިއަން ރުފިޔާ ހިމެނެއެވެ. ޓެކުހުގެ ގޮތުގައި 23.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައިވެއެވެ.
މީގެއިތުރުން، ފައިނޭންސިންގެ ގޮތުގައި ޖުމްލަ 11.5 ބިލިއަން ރުފިޔާ ހޯދަން ޖެހޭނެކަމަށް ބެލެވޭ ކަމަށާއި، ދައުލަތުގެ ސީދާ ދަރަނި 9.2 އިންސައްތައިން އިތުރުވެ، 102.0 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބެލެވޭ ކަމަށް ވެސް ސަރުކާރުން ބުނެއެވެ. ސަރުކާރުން ޚަރަދުގެ ގޮތުގައި ހުށަހަޅާފައިވަނީ 40.1 ބިލިއަން ރުފިޔާއެވެ.