08 Nov 2022, 19:27
ފޭސްބުކްގެ ބެލެނިވެރި ކުންފުނި މެޓާ އިންވެސް މި ހަފުތާ ތެރޭގައި މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފާނެކަމަށް ޚަބަރު ފެތުރިއްޖެއެވެ.
ރިޕޯޓްތައް ބުނާގޮތުގައި މިއީ އިގްތިސާދީ ގޮތުން ދަތި މާހައުލެއްގައި ޓެކް ކުންފުނިތަކުން އެމީހުންގެ ވިޔަފާރި ހީނަރުވިޔަ ނުދިނުމަށާއި، ކުންފުނީގެ ޚަރަދުތައް ކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ފޭސްބުކުން ވެސް އަޅަން ނިންމި ފިޔަވަޅެކެވެ. އަދި މިއީ، މެޓާއިން އެ ކުންފުނީގެ އެހެން އުފެއްދުންތަކަށް ވުރެ ބޮޑަށް "މެޓަވާސް"އަށް އިސްކަންދޭތީ އެކަމުގެ ސަބަބުން ދިމާވާ ދަތިތައް ވެސް ދައްކުވައިދޭ ކަމެއް ކަމަށް ރިޕޯޓުތަކުގައިވެއެވެ.
މި ޚަބަރު އެންމެ ފުރަތަމަ ރިޕޯޓްކުރި ވޯލް ސްޓްރީޓް ޖާނަލް (ޑަބްލިއުއެސްޖޭ)އިން ބުނާ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މެޓާގެ ޓީމުތަކުން ހަރަކާތްތެރި ވަމުންދާއިރު، އެ ކުންފުނިން ވަނީ އެތައް ހާސް ބަޔަކު ވަޒީފާއިން ވަކި ކުރަން ނިންމައިފައެވެ. މިހާރު 87،000 އެއްހާ މުވައްޒަފުން މެޓާގައި ވަޒީފާ އަދާކުރާ އިރު އޭގެ ތެރެއިން ވަޒީފާއިން ވަކި ކުރާނީ ކޮން ދާއިރާތަކެއްގެ މީހުންކަން މި ހަފުތާ ތެރޭގައި އަންގަފާނެ ކަމަށް ޑަބްލިއުއެސްޖޭގައިވެއެވެ.
މެޓާއިން މިއަހަރު ވަޒީފާއަށް މީހުން ނެގުން މަޑުޖައްސާލާފައިވާކަން މީގެ ކުރިން އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ. އެގޮތުން އެކުންފުނީގެ އިންޖިނިއަރިން ރޯލްތަކަށް ރެކްރޫޓްކުރާ އަދަދު 30 ޕަސެންޓް ކުޑަކުރާކަން ހޫނު މޫސުމުގެ ތެރޭގައި ވަނީ އިއުލާންކޮށްފައެވެ.
މެޓާގެ އިތުރުން ދުނިޔޭގެ އެހެން ބައެއް ޓެކް ވިޔަފާރިތަކުންވެސް މުވައްޒަފުން މަދުކުރަމުގެ ވިސްނުން ގެންގުޅޭކަމަށް ފާއިތުވި ހަފުތާތަކުގައި އަޑުތައް ފެތުރިފައިވެއެވެ. މިއީ ދުނިޔޭގެ އިންފްލޭޝަން އާއި އިންޓަރެސްޓް ރޭޓް މަތިވުމުގެ ސަބަބުން ޓެކްނޮލޮޖީގެ އުފެއްދުންތަކަށް އޮތް ޑިމާންޑް މިހާރު ވަރަށް ބޮޑަށް ދަށްވުމާ ގުޅިގެން އަޅަން ޖެހިފައިވާ ފިޔަވަޅެއްކަމަށް ދިރާސާވެރިން ބުނެއެވެ.
މިދިޔަ ހުކުރު ދުވަހު ޓެކް މޮނިޓާއިން ރިޕޯޓްކުރި ގޮތުގައި އޮންލައިން ޕޭމަންޓް ޕްލެޓްފޯމެއް ކަމަށްވާ ސްޓްރައިޕް އިންވެސް ވަނީ ގާތްގަނޑަކަށް 1،000 ވަރަކަށް މަސައްކަތްތެރިން ނުވަތަ 14 ޕަސެންޓް މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމާފައެވެ. އެގޮތުން ކުންފުނީގެ ސީއީއޯ ޕެޓްރިކް ކޮލިސަން، ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް އެކަން އީމެއިލް މެދުވެރިކޮށް އަންގާފައިވާ ކަމަށް އެ ނޫހުގައިވެއެވެ.
ހަމަ އެދުވަހު، ޓެކްސީ ޚިދުމަތްދޭ ކުންފުނި، ލިފްޓުންވެސް ވަނީ އެކުންފުނީގައި މަސައްކަތްކުރާ މީހުންގެ އަދަދު 14 ޕަސެންޓް ދަށްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ.
މިދިޔަ ހުކުރު ދުވަހު ޓްވިޓާއިން ވެސް ވަނީ ގިނަ އަދަދެއްގެ މީހުން ވަޒީފާ އިން ވަކިކުރިކަން އިއުލާންކޮށް، ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު 50 ޕަސެންޓާ ހަމައަށް ދަށްކޮށްފައެވެ.
ނަމަވެސް ބްލޫމްބާގުން އިއްޔެ ރިޕޯޓްކޮށްފައިވާ ގޮތުގައި މިމީހުންގެ ތެރެއިން ބައެއް މީހުން ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ވާތީ އޭގެ ތެރެއިން ބައެއް މީހުން އަލުން ވަޒީފާއިން ނުކުތުމަށް ވަނީ އަންގައިފައެވެ.