"އާރޯ" ބްރޭންޑްގެ ފެނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މެރީނާ އެޓް ކްރޮސް ރޯޑްސްގައި ރޭ އެމްޑަބްލިއުއެސްސީއިން ބޭއްވި "އާރޯ" ފެން ބްރޭންޑްގެ ތައާރަފްކުރުމުގެ ޙަފްލާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނަހުލާ ވިދާޅުވީ "އާރޯ" ފެނަކީ ތިމާވެއްޓާ ރައްޓެހިގޮތެއްގައި އުފައްދާފައިވާ ބްރޭންޑަކަށް ވުމަކީ އެ އުފެއްދުމަށް އިތުރު ފުރިހަމަ ކަމެއް ލިބޭ ކަމެއްކަ ކަމަށެވެ. އަދި މިފަދަ ތިމާވެއްޓާ ރައްޓެހި އުފެއްދުންތައް ރާއްޖޭގެ ފަތުރުވެރިކަމުގެ ބާޒާރަށް ނެރުމަކީ ވަރަށްވެސް މުހިއްމުކަމެއް ކަމަށް ނަހުލާ ވިދާޅުވިއެވެ.

"ސަރުކާރުގެ އަމާޒަކީ ދިވެހި އަމިއްލަ އުފެއްދުންތައް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ނެރޭ މިންވަރު އިތުރުކުރުން ކަމުގައި ވީހިނދު، ދެމެހެއްޓެނިވި ގޮތެއްގައި މި ސިނާއަތް ކުރިއެރުމަށްޓަކައި އެންމެ ބޮޑު އިސްކަމެއްދޭން ޖެހޭނީ ތިމާވެށި ހިމާޔަތްކުރަން،" ނަހުލާ ވިދާޅުވިއެވެ.

އެގޮތުން އެއްފަހަރު ބޭނުންކޮށް އުކާލާ ޒާތުގެ ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކޮށް، ތިމާވެއްޓާ ރައްޓެހި، އިޖާދީ ވިސްނުމަކުން އުފެއްދޭ އުފެއްދުންތައް ބާޒާރަށް ނެރުމަކީ މުހިއްމުކަމެއް ކަމަށް ނަހުލާ ވިދާޅުވިއެވެ.

"އާދެ، ދިވެހި އުފެއްދުންތައް ބާޒާރަށް ނެރެ ތަޢާރަފްކުރާއިރު ތިމާވެށި ހިމާޔަތްކޮށް ރާއްޖޭގެ އެކި ސިނާއަތްތައް ދެމެހެއްޓުމަކީ ކޮންމެ ފަރުދެއްގެ ކޮނޑުގައި އެޅިފައިވާ ވަރަށް މުހިއްމު ޒިންމާއެއްކަން ފާހަގަކުރަން،" ނަހުލާ ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީ އުފެދިގެން އައީ ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޚާއްސަ ޔުޓީލިޓީ ކުންފުންޏެއްގެ ގޮތުގައިވިޔަސް، ފާއިތުވި 27 އަހަރުގެ ތެރޭގައި އެކުންފުނިވަނީ އިތުރަށް ފުޅާކޮށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން އެމްޑަބްލިއުއެސްސީ ވަނީ އިންޖިނިއަރިން، ޓްރެއިނިން އަދި މެނުފެކްޗަރިން ދާއިރާގައި ފައިތިލަ ސާބިތުކޮށް ކުރިއަރާފައި ކަމަށް ނަހުލާ ފާހަގަކުރެއްވިއެވެ.

ރޭ ތައާރަފްކުރި "އާރޯ" ބްރޭންޑްގެ ފެނަކީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ޕްރިމިއަމް ފެންފުޅީގެ ބްރޭންޑެވެ. މިފުޅި ބަންދުކުރެވިފައިވަނީ ބިއްލޫރި ފުޅީަގައި، 500 އެމްއެލް އިން އަދި 1000 އެމްއެލްއިންނެވެ.