ފޭކް ސްލިޕްތަކެއް ބޭނުންކޮށްގެން ވިޔަފާރިކުރި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

އެ މީހާ ވިޔަފާރިކުރަމުން އައީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ފައިސާ ޖަމާކޮށްފައިވާކަމުގެ ސްލިޕްތަކެއް ބޭނުންކޮށްގެން ޅ. ހިންނަވަރު ފިހާރައަކުންނެވެ.

ފުލުހުން ބުނި ގޮތުގައި އެ މީހާ ވަނީ އެކި ދުވަސް މަތިން އެ ފަދަ ފޭކް ސްލިޕް ފޮނުވައިގެން ވިޔަފާރިކޮށްފައެވެ.

އޭނާ ވަނީ 170،000 ރުފިޔާއަށްވުރެ މަތިން އަގު އަރާ ވިޔަފާރި މަކަރާއި ހީލަތުންކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ބުނީއެ މީހާއަކީ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ގިނަ މައްސަލަތަކެއްގައި ޝާމިލުވެ އެ ކަން ކުރާ މީހެއްކަން ތަހުގީގުން ހާމަވެފައިވާ މީހެއް ކަމަށެވެ.

އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނައިރު އޭނާއަށް ކޯޓުންވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހައިފައެވެ.

ފްރޯޑުގެ މައްސަލަތަކަކީ ރާއްޖޭގައި އާންމުވެފައިވާ މައްސަލައެކެވެ. އެގޮތުން ބޭންކުގެ ނަމުގައި ގުޅައި މީހުންނަށް އޮޅުވައިލައިގެން ބޮޑެތި އަދަދުތަކުން ފައިސާ ނަގާ އެތައް މައްސަލައެއް ފުލުހަަށާއި ބޭންކަށް ހުށަހަޅައިފައިވާކަން ވަނީ ހާމަވެފައެވެ.