ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ބްރެޒިލް ޓީމުގެ ސްކޮޑުން އާސެނަލްގެ މާޓިނެލީ އަށާއި ގެބްރިއަލް ޖީސަސްއަށް ފުރުސަތު ދީފިއެވެ.

ވޯލްޑްކަޕްގައި ވާދަކުރާ ބްރެޒިލް ޓީމުގެ ސްކޮޑުން މާޓިނެލީ އަށާއި ގެބްރިއަލް ޖީސަސްއަށް ފުރުސަތު ދީފައިވާއިރު، މި ސީޒަނުގައި އާސެނަލް މެޗުތަކުން މޮޅުވުމުގައި އެ ދެ ކުޅުންތެރިންގެ ހިއްސާ ވަރަށްބޮޑެވެ. މި ސީޒަނުގައި މާޓިނެލީ އާއި ޖީސަސް އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ގެބްރިއަލް ޖީސަސް މީގެ ކުރިން ބްރެޒިލް ޓީމުގައި ހިމެނުނަސް މާޓިނެލީ އަކީ އަދި ސީނިއާ ޓީމަށް ވަރަށް އާ ކުޅުންތެރިއެކެވެ.

ބްރެޒިލް ސްކޮޑަށް ބަލާއިރު، ދެން އެންމެ ފާހަގަކޮށްލެވެނީ ލިވަޕޫލަށް ކުޅޭ ފިރްމީނޯ ސްކޮޑަށް ނުނެގުމެވެ. ނަމަވެސް އެޓީމުގެ ފަބީނިއޯއަށް ވަނީ ފުރުސަތު ދީފައެވެ.

މިފަހަރުގެ ސްކޮޑުން ޖާގަ ދިން ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި، ޕީއެސްޖީއަށް ކުޅެމުން އަންނަ ނޭނާ، ޔުނިވާސިޑަޑަށް ކުޅެމުން އަންނަ ޑެނީ އަލްވޭޒް، މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރެޑް، ކަސެމޭރޯ، އަދި އެންޓޮނީ ފާހަގަކޮށްލެވެއެވެ. ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ރޮޑްރީގޯ، މިލީޓާއޯ، ވިނީޝިއަސްގެ އިތުރުން ބާސާގެ ފޯވަޑް ރަފީނިއާ އަށްވެސް ވަނީ ފުރުސަތު ދީފައެވެ.

ބްރެޒިލްގެ ސްކޮޑުން މިފަހަރުވެސް ވަނީ ތަޖުރިބާކާރު ޑިފެންޑަރު ތިއާގޯ ސިލްވާ އާއި ޔުވެންޓަސްގެ ޑެނީލޯއަށް ފުރުސަތު ދީފައެވެ. މީގެ އިތުރުންގޯލް ކީޕަރުންނަށް ބަލާއިރު، މެންޗެސްޓަރ ސިޓީގެ އެޑަސަން އާއި ލިވަޕޫލްގެ ބެކާއަށްވެސް ވަނީ ފުރުސަތު ދީފައެވެ.

ޤަތަރުގައި ވާދަކުރާ ބްރެޒިލް ޓީމުގެ ސްކޮޑުގައި ދެން ހިމެނޭ ކުޅުންތެރިންނަކީ:

ގޯލް ކީޕަރުން:
ވެވަޓަން (ޕަލްމޭރިއަސް)

ޑިފެންޑަރުން:

  • އެލެކްސް ސަންޑްރޯ (ޔުވެންޓަސް)

  • އެލެކްސް ޓެޔެސް (ސެވިއްޔާ)
  • މާކީނިއޯސް (ޕީއެސްޖީ)
  • ގްލީސަން ބްރެމާ (ޔުވެންޓަސް)

މިޑްފީލްޑަރުން:

  • ބްރޫނޯ ގިމަރޭސް (ނިއުކާސަލް)

  • ލޫކަސް ޕަކޭޓާ (ވެސްޓްހޭމް)
  • އެވަޓަން ރިބެރޯ (ފްލެމިންގޯ)

ފޯވަޑުން:

  • ޕެޑްރޯ (ފްލެމިންގޯ)
  • ރިލާޗްސަން (ސްޕާސް)

ބްރެޒިލް އަކީ ވޯލްޑްކަޕްގައި އެންމެ ކާމިޔާބު ޓީމެވެ. ބްރެޒިލް ވަނީ ވޯލްޑްކަޕް ތަށި ފަސް ފަހަރަށް އުފުލާލާފައެވެ. މިފަހަރުގެ ވޯލްޑްކަޕުގައި ބްރެޒިލް ލައްވާލާފައިވަނީ ބޮޑު ޓީމުތަކުގެ ނިސްބަތުން ފަސޭހަ ގްރޫޕެއްގައެވެ. ބްރެޒިލް ހިމެނެނީ ގްރޫޕް ޖީގައެވެ. މި ގްރޫޕްގައި ދެން ހިމެނޭ ޓީމުތަކަކީ ސާބިއާ، ސްވިޒަރލެންޑް އަދި ކެމަރޫނެވެ.