05 Apr 2012, 20:05
ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ރާއްޖޭގެ ވެރިކަން ބަދަލުވި ގޮތާއި ޖެނުއަރީ 14 ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ ހަތަކަށް ހިނގައި ދިޔަ ކަންތައްތައް ތަހުގީގުކުރުމަށް އުފައްދާފައިވާ ނެޝަނަލް އިންކުއަރީ ކޮމިޝަނަށް ހުރިހާ ޕާޓީތަކަކުން އެއްބާރުލުން ދިނުމަށް އެމެރިކާ އިން ގޮވާލައިފި އެވެ.
އެމެރިކަން ސެންޓަރުގައި މިއަދު އޮތް ނޫސް ކޮންފަރެންސެއްގައި ސްރީލަންކާގައި ހުންނަ، ރާއްޖެ އަށާއި ސްރީލަންކާއަށް އެކްރިޑިޓްކޮށްފައިވާ އެމެރިކާގެ އެމްބަސީގެ ޑެޕިއުޓީ ޗީފް އޮފް މިޝަން، ޗާޖް ޑިފެއާސް ވެލަރީ ފައުލާ ވިދާޅުވީ ކޮމިޝަންގައި ބޭފުޅުން ހިމެނިފައިވާ ގޮތާ މެދު ކޮމަންވެލްތުން، އެ ޖަމާއަތަށް ފެންނަ ގޮތްތަކެއް ހުށައަޅާފައިވާކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އެއީ ހުރިހާ ޕާޓީތަކަކުން ތާއީދުކުރާ ހުށައެޅުންތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ނެޝަނަލް ކޮމިޝަން ފޯ އިންކުއަރީގެ މަސައްކަތަށް އެއްބާރުލުން ދިނުމަށް އަހަރެމެން ހުރިހާ ޕާޓީތަކަށް ގޮވާލަން، ކޮމަން ވެލްތުން އެ ކޮމިޝަން އެކުލެވިފައިވާ ގޮތަށް ކޮމަން ވެލްތުން ހުށައެޅުންތަކެއް ހުށައަޅާފައިވާކަން އަހަރެމެންނަށް އިނގޭ. އެ ހުށައެޅުންތަކަކީ ހުރިހާ ޕާޓީތަކުން ތާއީދުކުރާ ހުށައެޅުންތަކެއް، ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަށް މެދުވެރިވި ކަންތައްތައް، ވަކި ފަރާތަކަށް ނުޖެހި ފުރިހަމައަށް ތަހުގީގު ކުރެވެން ޖެހޭ، އަދި ކޮމިޝަންގެ ރިޕޯޓަށް އަހަރެމެން ބަލާނަން،" ވަލޭރީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ހުރިހާ ޕާޓީތައް ބައިވެރިވާ ވާހަކަތައް އަލުން ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ކޮންމެ ޕާޓީއަކުން ވެސް ހުޅުވިފައިވާ ވިސްނުމަކާ އެކު އެވާހަކަ ތަކުގައި ބައިވެރި ވުމުން އެވާހަކަތަކަކީ ރަނގަޅު ވާހަކަތަކަކަށް ވެގެން ދާނެ ކަމަށެވެ.
ކުރިއަރަމުން އަންނަ، މެދުމިނުގެ ޒުވާން ޑިމޮކްރަސީއެއްގެ ގޮތުން ބައިނަލް އަގުވާމީ މުޖުތަމައުގައި ރާއްޖެ ވަނީ ރީތި ނަމެއް ހޯދާފައި ކަމަށާއި ދާހިލީ ހަމަނުޖެހުން އިތުރަށް ކުރިއަށް ދާ ނަމަ ރާއްޖޭގެ ނަން ހަޑިވެ، ރާއްޖޭގެ ޓޫރިޒަމަށް ބޮޑެތި ގެއްލުން ތަކެއް ވެދާނެ ކަމަށް ވެސް ވަލޭރީ ވިދާޅުވި އެވެ.
އަދި ވިދާޅުވީ ރާއްގައި އުފެދިފައިވާ ސިޔާސީ ދެބަސްވުންތައް ނައްތާލުމަށް ބައިނަލްއަގުވާމީ އެހެން ބައިވެރިން ކުރަމުން އަންނަ މަސައްކަތް ފާހަގަކުރައްވާ ކަމަށެވެ.
ރާއްޖޭގައި 2008 ވަނަ އަހަރު ކާމިޔާބު ރިޔާސީ އިންތިހާބެއް ބާއްވައި، އަދި އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކާމިޔާބުކަމާ އެކު ބާއްވާފައިވާ އިރު ރިޔާސީ އިންތިހާބެއް އަލުން ބޭއްވުމުގެ ކުރިން ކަންތައްތައްތަކެއް ފުރިހަމަ ކުރަން ޖެހޭ ކަމަށް އެމެރިކާ އިން ގަބޫލުކުރަނީ ކީއްވެތޯ ސުވާލުކުރުމުން ވަލޭރީ ވިދާޅުވީ އެއީ ރާއްޖޭގެ ސިޔާސީ ޕާޓީތަކާއި ސިޔާސީ ބޭފުޅުން އެކަން އެގޮތަށް ގަބޫލުކުރައްވާތީ ކަމަށެވެ.
އަދި ޖެނުއަރީ މަހުގެ ފަހު ކޮޅާއި ފެބްރުއަރީ މަހުގެ ކުރީ ކޮޅުގައި ހިނގާފައިވާ ބައެއް ކަންތައްތަކުގެ ސަބަބުން ބައެއް ދާއިރާތަކުގެ ގާބިލުކަން އިތުރުކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިމަހުގެ 14 ވަނަ ދުވަހު ބާއްވާ ބައި އިލެކްޝަންތައް ކުރިއަށްދާ ގޮތް އެމެރިކާ އިން ބަލާނެ ކަމަށާއި މިއީ ވެރިކަން ބަދަލުވި ފަހުން ބާއްވާ ފުރަތަމަ އިންތިހާބުތައް ކަމަށް ވާތީ، ސިޔާސީ މަޝްރަހު އިތުރަށް އުނދަގޫ ނުވުމަށް ކުރަން ޖެހޭނެ ކަމެއް ކަމަށް އިޝާރާތް ކުރައްވާ ވިދާޅޫވީ ހާމަކަން ބޮޑު، ނަތީޖާ ގަބޫލުކުރެވޭ ފަދަ އިންތިހާބުތަކަކަށް އެ އިން ތިހާބުތައް ވާން ޖެހޭނެ ކަމަށެވެ.