08 Nov 2022, 10:15
މާވެލްގެ އާ ސުޕަހީރޯ ތައާރަފުކުރުމަށް ޑިޒްނީއިން ދާދިފަހުން ދެއްކި "ޝީ-ހަލްކް" ޝޯގެ ދެވަނަ ސީޒަނެއް ނެރޭނެ ކަމެއް ނޭންގޭ ކަމަށް ޝޯގެ ލީޑް އެކްޓަރު ޓަޓިއާނާ މަސްލާނީ ބުނެފިއެވެ.
ޑިޒްނީގެ ސްޓްރީމިން ސާވިސް "ޑިޒްނީ ޕްލަސް" އިން ނެރުނު ޝީ-ހަލްކް ޝޯ އަކީ ޑިޒްނީގެ އެންމެ "ކޮންޓްރޮވާޝަލް" އެއް ޝޯ ކަމުގައި ގިނަ ބަޔަކު ބުނެއެވެ. ނަމަވެސް ގިނަ ބައެއްގެ ތެރޭގައި މި ޝޯ ވެސް ވަނީ ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ.
ޝޯގެ ފަހު އެޕިސޯޑު މިދިޔަ މަހުގެ 13 ވަނަ ދުވަހު ރިލީޒްކޮށްފައިވާއިރު ޝޯގެ ފިނާލޭއިން އެތައް ބަޔަކު ސިއްސުވާލިއެވެ. އަދި ޝޯގެ އިތުރު ސީޒަނެއް ފެނިއްޖެ ނަމަ ތަފާތު އެއްޗެހި ފެންނާނެ ކަމަށް އިޝާރާތް ވެސް ކުރިއެވެ.
ނަމަވެސް އެ ޝޯގެ ދެވަނަ ސީޒަނަކަށް ވާ ގޮތެއް އަދި ޑިޒްނީ އިން ވެސް ހާމަކޮށްފައެއް ނުވެއެވެ.
ޝީ-ހަލްކްގެ ރޯލުން ފެންނަ ޓަޓިއާނާ ބުނެފައިވަނީ އެ ޝޯގެ ދެވަނަ ސީޒަނަކާ ގުޅޭގޮތުން އަދި އޭނާއަށް މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ.
ޝޯ ގެ ދެވަނަ ސީޒަނެއްގެ ފުރުސަތު ލިބިއްޖެ ނަމަ ޝޯ ކުރިއަށް ގެންދެވިދާނެ އެކި މިސްރާބުތަކާ މެދު ވިސްނާ ކަމަށް ޓަޓިއާނާ ބުންޏެވެ. ނަމަވެސް އެ ކަމަކާ ގުޅޭގޮތުން އިތުރަށް މަސައްކަތް ކުރެވޭނީ ޝޯގެ ދެވަނަ ސީޒަނެއް ހެދުމަށް ޔަގީންކަން ޑިޒްނީއިން ލިބުމުން ކަމަށް އޭނާ ފާހަގަކުރެއެވެ.