ރާއްޖޭގެ ޒުވާނުންގެ ކުއްލި މަރުތަކާ ނުރަނގަޅު އާދަތަކާ ގުޅުމެއް އޮވެދާނެ ކަމަށާއި އެކަން ދިރާސާ ކުރަން ޖެހޭ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ގައިންގަޔަށް ނާރާ ބަލިތަކުގެ ހިރާސްތަކުގެ މައުލޫމާތު ހާމަ ކުރުމަށާއި އެފަދަ ބަލިތައް ކޮންޓްރޯލް ކުރުމަށް ކަނޑައަޅާފައިވާ މަސއްކަތްތައް އިފުތިތާހު ކުރުމުގެ ކުރުން މިރޭ ހެލްތު މިނިސްޓްރީން ބޭއްވި ރަސްމިއްޔާތުގައި ގައުމީ ޔުނިވާސިޓީއިން ވަނީ ގައިންގަޔަށް ނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ ހިރާސްތައް ރާއްޖޭގައި ހުރި މިންވަރު ބެލުމަށް ކޮށްފައިވާ ސްޓެޕް ސާވޭގެ ނަތީޖާ ހާމަކޮށްފައެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލި ޖެހުމަށް މެދުވެރިވާ ނުރަނގަޅު އާދަތައް ފެތުރިފައިވާ މިންވަރު އެ ދިރާސާއިން ހާމަވެފައިވާ ކަމަށެވެ. އެގޮތުން އާބާދީގެ ގިނަ ބަޔެއްގެ ލޭގައި ހަކުރު ހުންނަ މިންވަރާއި ލޭގެ ޕްރެޝަރާއި ކޮލެސްޓްރޯލް މާ މައްޗަށް ގޮސްފައިވާކަން ދިރާސާއިން ހާމަވި ކަމަށް ރައީސް ވިދާޅުވިއެވެ.

"އެ ދިރާސާގެ ކުރު ޚުލާސާއަކީ މިހެން ބަލަން ތިބެވޭކަށް ނެތޭ. ތެދުވާށޭ، ތެދުވެ ހަރަކާތްތެރިވާން ފަށާށޭ. ދުވެ، ކުޅެ، ކަސްރަތު ކުރަން ފަށާށޭ،" ރައީސް ވިދާޅުވިއެވެ.

ގައިން ގަޔަށް ނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބުތަކުގެ ތެރޭގައި ހެލިފެލިވެ އުޅޭ މިންވަރު މަދުވުމާއި ސިއްހަތަށް ގެއްލުން ހުރި ކެއުމުގެ އާދަތައް ގެންގުޅުމާއި ދުންފަތުގެ އިސްތިއުމާލު ކުރުން ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ޒުވާނުންގެ ކުއްލި މަރުތައްވެސް ގިނަވެއްޖެ. އެއީ ވެސް އަޅުގަނޑުމެންގެ ތެރޭގައި ހުރި މިފަދަ ނުރަނގަޅު އާދަތަކާ ގުޅިފައި އޮތް ކަމަކަށް ވެސް ވެދާނެ. އެކަމުގެ ވެސް ހަގީގަތް ބެލުމަށްޓަކައި ދިރާސާކޮށް ހޯދާ ބަލަން އެބަ ޖެހޭ،" ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު، ރައީސް ވަނީ ގައިން ގަޔަށް ނާރާ ބަލިތަކުގެ ހިރާސް ކުޑަ ކުރުމަށް މި ސަރުކާރުން އަޅާފައިވާ ބައެއް ފިޔަވަޅުތައް ފާހަގަކުރައްވާފައެވެ. އެގޮތުން ދުންފަތުގެ ބާވަތްތަކުގައި އިންޒާރުގެ މެސެޖާއެކު ފޮޓޯ ޖަހަން ފެށުމާއި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމާ ގުޅުން ހުރި ބޭސްތަކާއި ޚިދުމަތްތައް އާސަންދައިގެ ދަށުން ލިބޭނެ ގޮތް ހަމަޖައްސާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް -- ފޮޓޯ/ ރައީސް އޮފީސް

މީގެ އިތުރުން ކުޅިވަރާއި ކަސްރަތުގެ ފުރުސަތުތައް ހުރިހާ ރަށެއްގައި ގާއިމު ކުރުމުގެ މަސައްކަތް ޔޫތު މިނިސްޓްރީއިން ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސާވިކަލް ކެންސަރުން އަންހެން ކުދިން ރައްކާތެރި ކުރުމަށް ވެކްސިން، ނެޝަނަލް ވެކްސިން ޝެޑިއުލްއަށް އިތުރު ކޮށްފައިވާ ކަމަށާއި ރާއްޖެއަކީ މި ސަރަހައްދުގައި މި ވެކްސިން ދޭން ފެށި އެއް ގައުމު ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ދިވެހިންނަކީ މީގެ ކުރިން ވެސް އަދި މިހާރު ވެސް ސިއްހީ ދުޅަހެޔޮ ކަމަށް ވަރަށް ބޮޑު އިސްކަމެއްދޭ ބަޔެއް ކަމަށެވެ. ނަމަވެސް އެކަމަށް ހުރަސް އަޅަނީ ނުރަނގަޅު އާދަތައް ކަމަށް ރައީސް ވިދާޅުވިއެވެ.

"މި ބަލިތަކަށް އޮތް ފަރުވާއަކީ އަޅުގަނޑުމެންގެ އަޒުމާއި ހިތްވަރު. ބޭނުން ވަނީ ބަދަލެއް. ބޭނުން ވަނީ ފެށުމެއް. އެ ބަދަލުގެ ފެށުމަކީ މިރޭ ކަމުގައި އަޅުގަނޑުމެން ހަދަންވީ،" ރައީސް ވިދާޅުވިއެވެ.

އެފަދަ ބަދަލުތަކުގެ ތެރޭގައި ހަރަކާތްތެރި ދިރިއުޅުމެއް އުޅެން ފެށުމާއި އެގޮތުން ކުޅިވަރަށާއި ކަސްރަތައް ވަގުތު ހޯދައި، އިންޖީނުލީ އުޅަނދު ބޭނުން ކުރުން ވީވަރަކުން މަދު ކުރުން ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހަށިގަނޑަށް ފައިދާ ހުރި ކާނާ ކެއުމަށް އިސްކަން ދޭން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުވެސް ސިއްހީ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުން ކަމަށާއި އެގޮތުން ބަޖެޓުގެ އެންމެ ބޮޑު ބައެއް ހާއްސަކޮށްފައިވާ އެއް ދާއިރާއަކީ ސިއްހީ ދާއިރާކަން ރައީސް ފާހަގަކުރެއްވިއެވެ.

އަންނަ އަހަރު ޕްރައިމަރީ ހެލްތު ކެއާ އަލުން ފެށޭނެ ކަމަށާއި އެ ޚިދުމަތުގެ އެންމެ ބޮޑު ބޭނުމަކީ ގައިން ގަޔަށް ނާރާ ބަލިތަކަށް ރައްޔިތުން ހޭލުންތެރިކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

ސިއްހީ ދާއިރާއިން ކުރާ ޚަރަދުތަކުގެ ތެރެއިން އަދިވެސް އެންމެ ބޮޑު ޚަރަދަކީ ބަލިވުމުން ކުރާ ހޭދަ ކަމަށާއި އެކަން ބަދަލު ކުރަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ދެންމެ ދިރާސާއިން ފެނުނު ފަދައިން ޕްރިވެންޝަންއަށް ކުރާ އެންމެ ރުފިޔާއަކުން 16 ރުފިޔާ ސަލާމަތް ކުރެވޭ ކަމަށް ވާނަމަ މިނިސްޓަރު ބަޖެޓު ހައްދަވާއިރުގަ އެންމެ މުހިންމުކަން ދޭންވީ އެއް ދާއިރާ އެ އޮތީ ފެންނަން،" ރައީސް ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކުރާ 42.7 ބިލިއަން ރުފިޔާގެ ބަޖެޓު މިދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިރު އޭގެ ތެރެއިން 5،017 މިލިއަން ރުފިޔާ ޚާއްސަކޮށްފައި ވަނީ ސިއްހީ ދާއިރާއަށެވެ. އޭގެ ތެރޭގައި ލ. ގަމުގެ ކެންސަރު ހޮސްޕިޓަލް އެޅުމަށް 54 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

އެ ރަސްމިއްޔާތުގައި ރައީސް ވަނީ ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމަށް "30އަށް 25" ކެމްޕެއިން އިފުތިތާހުކޮށްދެއްވާފައެވެ.