08 Nov 2022, 11:38
"އާރޯ"ގެ ނަމުގައި ދިވެހިރާއްޖެއަށް ޚާއްސަ ފެންފުޅީގެ ބްރޭންޑެއް މާލެ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ތަޢާރަފްކޮށްފިއެވެ.
މެރީނާ އެޓް ކްރޮސް ރޯޑްސްގައި ބޭއްވި ކުލަގަދަ ޙަފްލާއެއްގައި އެ ފެންފުޅި އިފްތިތާހުކޮށްދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއެވެ. "އާރޯ"ގެ ފެންފުޅިގެ ބްރޭންޑަކީ ރާއްޖެގެ ސްލޯގަން ހާމަކޮށްދިނުމަށް ތަޢާރަފްކުރި ބްރޭންޑެކެވެ. އެގޮތުން މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހްވެސް ފާހަގަކުރެއްވީ "އާރޯ" ފެންފުޅިން ރަމްޒުކޮށްދެނީ "މޯލްޑިވްސް އިން އަ ބޮޓޮލް" ކަމަށެވެ.
"އާރޯ ފުޅީގައި މިނަލަ ރާއްޖޭގެ ތިންކަމެއް ސިފަކޮށްދީފައިވޭ. އާދެ ރައްޖޭގެ ސްލޯގަން. ދަ ސަނީ ސައިޑް އޮފް ލައިފް. ސަން، ސޭންޑް އެންޑް ސީ،" ޝާހް ވިދާޅުވިއެވެ.
ޝާހް ވިދާޅުވިގޮތުގައި، "އާރޯ" ފެނަކީ ފަތުރުވެރިންނާއި އާންމުންނަށް އެންމެ ކަމުދާނެ ގޮތަށް، ގުދުރަތީ މައުދަންތައް ހިމަނައިގެން އުފައްދާފައިވާ ފެންވަރު ރަނގަޅު، ކޮލެޓީ މޮޅު އަދި މިނެރަލައިޒްޑް ފެނެއް ކަމަށެވެ.
މިފެންފުޅީގެ ބްރޭންޑަކީ ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންނަށް ރާއްޖޭގެ ގުދުރަތީ ރީތިކަން އިޝްތިހާރުކުރުމަށާއި، ދިވެހީންނަށް ލިބިފައިވާ ގުދުރަތީ ވެށި ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކޮށް ބެލެހެއްޓުމުގެ ހޭލުންތެރިކަން އިތުރުކުރަން އެޅި ވަރަށް މުހިއްމު ފިޔަވަޅެއްކަމަށް ޝާހް ވިދާޅުވިއެވެ.

"އާރޯ"ގެ ނަމުގައި އެމްޑަބްލިއުއެސްސީން އުފެއްދި ފެން މިނިސްޓަރު ނަހުލާ ތަޢާރަފްކޮށްދެއްވަނީ --- ފޮޓޯ/ އެމްޑަބްލިއުއެސްސީ
"ހަލުވި ދުވެއްޔެއްގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުންދާއިރު، މި ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނީ މިފަދަ ދިވެހި އުފެއްދުންތައް ފަތުރުވެރިކަމުގެ ބާޒާރަށް ތަޢާރަފްވެގެން،" ޝާހް ވިދާޅުވިއެވެ.
މިފަދަ ބްރޭންޑްތައް އިޝްތިހާރުކޮށްގެން ބޭރުގެ ބްރޭންޑްތަކާ ފައިތިލަ ހަމަކުރެވުމަކީ ފަތުރުވެރިކަމާއި އިގްތިސާދީ ދާއިރާއިން ދިވެހީންނަށް ލިބޭނެ ކުރިއެރުމެއް ކަމުގައި ޝާހު ފާހަގަކުރެއްވިއެވެ.
"އާރޯ"އަކީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ޕްރިމިއަމް ފެންފުޅީގެ ބްރޭންޑެވެ. ރޭ ތަޢާރަފްކުރީ އެ ބްރޭންޑުގެ 500 އެމްއެލް އާއި 1000 އެމްއެލްގެ ފުޅިއެވެ.