06 Apr 2012, 09:33
އިނގުރަކީ ގޮހޮރުގެ ބަލިތަކަށް ރަނގަނޅު ފަރުވާއެއްކަމާއި ޚާއްސަކޮށް އެއީ ގޮހޮރުގެ ކެންސަރުން ސަލާމަތްވުމުގެ ފުރްސަތު އިތުރުކޮށްދޭ އެއްޗެއްކަން އެމެރިކާގައި ކުރި ދިރާސާއަކުން ހާމަވެއްޖެވެ.
އެމެރިކާގެ މިޝިގަން ޔުނިވަރސިޓީގެ ފެކަލްޓީ އޮފް މެޑިސިންގެ ރީސާޗަރުންކުރި ދިރާސާއަކުން ވަނީ ގޮހޮރުގައި އިންފްލެމޭޝަން ބަލިހުރި 15 މީހަކަށް އިނގުރު ދީގެން 28 ދުވަހުގެ ތެރޭގައި އެބަލިން ސަލާމަތްވިކަން ޢަމަލީގޮތުން ހާމަވެފައެވެ.
ގޮހޮރުގައި އުފެދޭ އިންފްލެމޭޝަން ނުވަތަ ކޮލިޓިސް އަކީ ގޮހޮރުގެ ކެންސަރަށް މަގުފަހިކޮށްދޭ ބައްޔެކެވެ. ގޮހޮރުގެ ކެންސަރު ޖެހޭމީހުންނަށް ފުރަތަމަ ޖެހޭ އެއްބައްޔަކީ ކޮލިޓިސް ކަމަށާއި އެއަަށްފަހު ކެންސަރަށް ބަދަލުވަނީ ކޮލިޓިސް ބައްޔަށް ފަރުވާނުލިބި ދިގުމުއްދަތަކަށް ހުރުމުންކަން މެޑިކަލް ދިރާސާތަކުން ހާމަވެފައިވެއެވެ.
މިޝިގަން ޔުނިވަރސިޓީގެ ފެކަލްޓީ އޮފް މެޑިސިން ގެ ރީސާޗަރުންވަނީ 28 ދުވަސްވަންދެން ކޮންމެ ދުވަހަކު ދެތިން ގްރާމްގެ ރޯ އިނގުރު ދީގެން އިންފްލެމޭޝަން ބަލިހުރި 15 މީހަކު ރަނގަނޅުވިކަން ހާމަކޮށްފައެވެ. އޮލްޓަނޭޓިވް މެޑިސިންއާ ބެހޭ އެމެރިކާގެ ތަޖްރިބާކާރަކު ހާމަކުރެއްވި ގޮތުގައި އިނގުރަކީ ގޮހޮރުގެ ބަލިތަކަށާއި ޗިސްމޭގެ ސިއްޙަތަށް ވަރަށް ފައިދާކުރާ އެއްޗެކެވެ. އިނގުރު ކެއުމުން ޗިސްމޭ ގްލޭންޑް ސާފުކޮށްދީ އެގްލޭންޑްގެ މަސައްކަތް ރަނގަނޅުކޮށްދީ އެއިން އުފައްދާ ދިޔަވަރުތަކުގެ ފެންވަރު ރަނގަނޅު ކޮށްދޭކަމަށް އޭނާ ވިދާޅުވިއެވެ.
އޮލްޓަނޭޓިވް މެޑިސިންއަކީ ސިނާޢީ ބޭސްތަކުގެ ބަދަލުގައި ތަބީޢީ ތަކެތި ބޭނުންކޮށްގެން ބަލިތަކަށް ފަރުވާދިނުމެވެ. މިއީ ހުޅަނގުގައިވެސް މިހާރު ވަރަށް މަޤްބޫލު ފަރުވާއެކެވެ. -- ޑެއިލީ ޓެލެގްރާފް