19:00


ކަންނެއްޔަށް ނުކުމެ އުޅުނު ދޯންޏެއް އަޑިއަށް ގޮސް އޭގެން ދަތުރުކުރި އެންމެން ކަނޑުވެފައި ތިއްބާ ކޯސްޓްގާޑުން އެ މީހުން ސަލާމަތްކޮށްގެން މާލެ ގެނެސްފި އެވެ.


ކޯސްގާޑުގެ ކޮމަޑާންޓް ޒަކަރިއްޔާ މަންސޫރު މިއަދު ވިދާޅުވީ 11 މީހުންނާއެކު ކަންނެއްޏަށް ނުކުމެ އުޅުނު އެ ދޯންޏަކީ ށ. އަތޮޅު ފޯކައިދޫގެ "ރަސްމަތި" ނަމަކަށް ކިޔާ ދޯންޏެއް ކަމަށާއި މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން ގިރިފުއްޓާއި ހިންމަފުއްޓާ ދެމެދަށް އެ ދޯނި އެއްކޮށް އަޑިއަށް ގޮސްފައިވާ ކަމަށެވެ. އަދި އެ ދޯނީގައި ތިބި 11 މީހުން ވެސް ސަލާމަތްކުރެވިފައިވާ ކަމަށާއި އޭގެ ތެރެއިން އެކަކަށްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.


މާލެ ހިމެނޭ ސަރަހައްދަށް މިއަދު މެންދުރުން ފެށިގެން ކުރަމުންދިޔަ ވިއްސާރައިގައި ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގައި ބައެއް މީހުންގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ކަންތައްތައް ގޮސްފައިވާ ކަމަށް ކޯސްޓްގާޑުން ބުނެ އެވެ. އަދި ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގާފާނެ ކަމަށް ބެލެވޭތީ ކަނޑުދަތުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވެސް ކޯސްޓް ގާޑުން އިލްތިމާސްކުރެ އެވެ.


މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްގެ ޑިޕިއުޓީ ޑިރެކްޓަރ އަލީ ޝަރީފު ސަންއެފްއެމްގެ ބްރޭކިން ނިއުސްއަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ މިއީ ރާއްޖޭގެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރު ގަދަވުމުގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށާއި މިއަދުގެ މެންދުރު ފަހު 2:51 ގައި ގާތްގަނޑަކަށް 62 މޭލު ބާރުމިނުގައި ވައިގަދަވެފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ސަރަހައްދުގައި ތޫފާނެއްގެ އެއްވެސް އަސަރު ނެތް ކަމަށާއި ނަނަވެސް ކުރިއަށް އޮތް 24 ގަޑިއިރުވެސް މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވެސް މޫސުމާ ބެހޭ އިދާރާއިން އިލްތިމާސްކުރެ އެވެ.


މާލޭގެ ސަރަހައްދަށް މިއަދު މެންދުރުން ފެށިގެން ކުރި ވިއްސާރައިގައި ވައިގަދަވުމުގެ ސަބަބުން މާލޭގެ އެކި ސަރަހައްދުތަކުގައި ގަސްގަހުގެ ގޮފިތައް ވެއްޓުން ފަދަ ހާދިސާތައް ވަނީ ހިނގައިފަ އެވެ.