އަތޮޅު ތެރޭގައި ގާއިމްކޮށްފައިވާ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް އެޑީބީން 2002 ވަނަ އަހަރު ދިން ލޯން އެހީގެ ދަށުން ސަރުކާރުން ފެށި މަޝްރޫއު ކުރިއަށްގެން ގޮސްފައިވާ ގޮތާ މެދު އެޑީބީން ހިތްހަމަނުޖެހޭ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި ކަރަންޓްގެ ހިދުމަތް ރަނގަޅު ކުރުމަށް 2002 ވަނަ އަހަރު އޭޑީބީގެ ލޯން އެހީގެ ދަށުން ލިބިފައިވާ ނުވަ މިލިޔަން ޑޮލަރުގެ ޕްރޮޖެކްޓްގެ މަސައްކަތް މުޅިން ނިމިފައި ވިނަމަވެސް ބައެއް ރަށްރަށުން އެ މަޝްރޫއުގައި ބައިވެރިނުވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 19 ރަށަކަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދެމުން އަންނައިރު ތ. ވޭމަންޑޫއާއި ތ. ގުރައިދޫގެ އިތުރުން ރ. އުނގޫފާރުގައި މި މަޝްރޫއުގެ ދަށުން ގާއިމްކޮށްފައިވާ ނިޒާމުގައި ބޭނުންކުރަން ފަށާފަ އެއް ނުވެ އެވެ.

މަތީން ވިދާޅުވީ މި މަޝްރޫއު ނުނިމި ދިގުލައިގެން ގޮސް، އެމަޝްރޫއު މުޅިން ނިންމާލެވިފައި ވަނީ 2010 ވަނަ އަހަރު ކަމަށާއި އޭޑީބީން މި މަޝްރޫއަށް ހޭދަ ކުރިއިރު ދެ ވަނަ ފިޔަވައްސަކަށްދާން ނިންމި ކަމަށެވެ. ނަމަވެސް މިމަޝްރޫއު ނިންމާލަން އެޑީބީން ދީފައިވަނީ އަށް މިލިޔަން ޑޮލަރުކަން އޭނާ ފާހަގަކުރެއްވި އެވެ.

"ރައްޔިތުން އެ މަޝްރޫއުގައި ބައިވެރިވާން ބޭނުން ނުވަނީ ޔުޓިލިޓީޒް ކުންފުނިތަކުގެ ދަށަށް އެމީހުންގެ އިންޖީނުގެތައް ދާތީ، އޭޑީބީން މިޕްރޮޖެކްޓް ނިންމާލަން ދީފައި އޮތީ އަށް މިލިޔަން. 10 ވަރަކަށް އަހަރު ނަގައިފި މިމަސައްކަތް ނިންމާލަން. މިޕްރޮޖެކްޓާމެދު އެޑީބީން ހިތްހަމައެއް ނުޖެހެއޭ. އެހެންމެ ދެވަނަ ފިޔަވައްސަކަށްދާން ވަރަށް ބޮޑު މަސައްކަތްތަކެއް ކުރަންޖެހޭ. މިހާރަށް ވުރެ ޒިންމާދާރު ގޮތެއްގައި ބައިނަލް އަގުވާމީ މާލީ އިދާރާތަކުގެ އިތުބާރު ހޯދަން އެބަޖެހޭ،" މަތީން ވިދާޅުވި އެވެ.

މަތީން ވިދާޅުވީ މިހާރު ސަރުކާރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެއަށް ކަރަންޓް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމަށާއި އެކަންތައް އެގޮތަށް ކުރުމަށްޓަކައި ހަކަތައިގެ ދާއިރާ ފުޅާކުރަން ޖެހިފައިވާއިރު ސަރުކާރުގެ ހަކަތައިގެ އޮނިގަނޑު ހަރުދަނާ ކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރަންޖެހިފައިވާ ކަމަށާއި އެގޮތުން ހަރަދު ކުޑަކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް މިނިސްޓްރީން ކުރަމުން އަންނަކަން ފާހަގަކުރެއްވި އެވެ. އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް ސަރުކާރުން ފަށާފައިވާއިރު އުފައްދާ ހަކަތައިގެ ތެރެއިން އިސްރާފުވާ ބައި ކުޑަކުރުމަކީ ވެސް މުހިންމު ކަމެއް ކަމަށާއި އެޖާނީ އޮޑިޓިން އެއް ބޭރުގެ ފަރާތްތަކާ ގުޅިގެން ވަރަށް އަވަހަށް ކުރިއަށް ގެންދާނެ ކަމަށް ސްޓޭޓް މިނިސްޓާ ވިދާޅުވި އެވެ.

"މިހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދަން ބޭނުންވާނަމަ ހަރަދު ކުޑަކުރަން އެބެޖެހޭ. ޔުޓިލިޓީޒް ކުންފުނިތައް ގާއިމްކޮށްގެން ކުރި މަސައްކަތްތަކުގައި ވެސް އެބައުޅޭ މައްސަލަތަކެއް. އެކުންފުނިތައް މަދުކުރުމަށް ސަރުކާރުން ނިންމުމަކީ ރަނގަޅު ނިންމެމެއް،" މަތީން ވިދާޅުވި އެވެ.

މާލެ އާއި ރަށްރަށަށް ކަރަންޓް ފޯރުކޮށްދެވެނީ ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ކަމުގައި ވީނަމަވެސް އެއީ ވަރަށް ބޮޑު ހަރަދެއް ކޮށްގެން ކުރާ ކަމެއް ކަމަށާއި ކުންފުނިތަކެއް މެދުވެރިކޮށްގެން ކަރަންޓްގެ ހިދުމަތް ދެމުން އަންނައިރު ޔުޓިލިޓީޒް ކުންފުނިތަކުގެ އާމްދަނީގެ 45 އިންސައްތައަކީ ސަރުކާރުން ފިއުލް ސާ ޗާޖް އާއި ސަބްސިޑީގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ދައްކާ އެއްޗެއް ކަމަށް މަތީން ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީން ބުނީ ޔުޓިލިޓީޒް ކުންފުނިތައް އެއް ކުންފުންޏެއްގެ ދަށަށް ބަދަލުކޮށް އެކުންފުނިތަކުން ކުރަމުން ގެންދާ ހުރިހާ މަސައްކަތަކާއި މުވައްޒަފުން އެއް އެކުންފުންޏެއްގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.