07 Nov 2022, 13:42
ވޯލްޑްކަޕް ފެށެން ދެ ހަފުތާއަށް ކައިރި ވެފަައިވަނިކޮށް ބްރެޒިލްގެ އިތުބާރު މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯއަށް އަނިޔާވެ ވޯލްޑްކަޕް ގެއްލިދާނެކަމަށް މީޑިއާ ރިޕޯޓުތައް ބުނަން ފަށައިފިއެވެ.
އެސްޓަންވިލާގެ އާ ކޯޗު އުނާއި އެމެރީ މީޑީއާއާ ވާހަކަދައްކަމުން ބުނީ އެ ޓީމުގެ ކުޓީނިއޯގެ ފައިފަލަ މަސްގަނޑަށް އަނިޔާވެފައިވާކަމަށެވެ.
މީގެއިތުރުން އެމެރީ ބުނީ އެ އަނިޔާގެ ސަބަބުން އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނީ ކިހާ މުއްދަތެއްގައި ކަން ބުންނަން ނޭނގޭކަމަށެވެ.
އަނިޔާގެ ސަބަބުން ކުޓީނިއޯ ރޭ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ކުޅެފައެއް ނުވެއެވެ. އަދި އަންނަ ހަފުތާގައި އެސްޓަން ވިލާ ބްރައިޓަންއާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް އޭނާ ނުފެންނާނެކަމަށް އެމެރީ ބުންޏެވެ.
އަންނަ ހަފުތާގައި ޕްރިމިއާ ލީގުގައި ކުޅޭ މެޗުތަކަކީ ވޯލްޑްކަޕްގެ ކުރިން ކުޅޭނެ އެންމެ ފަހު މެޗުތަކެވެ. އަންނަ ހަފުތާގެ މެޗުތަކަށްފަހު ކުޅުންތެރިން އެނބުރިދާނީ އަމިއްލަ ގައުމާއެކު ވޯލްޑްކަޕްގެ ފަރިތަކުރުންތަކަށެވެ.

ވޯލްޑްކަޕް ކޮލިފިކޭޝަންގައި ބްރެޒިލްއާއި ޕެރަގުއާއީ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގެޓީ އިމޭޖްސް
އެހެންކަމުން މި މަހުގެ 20 ވަނަ ދުވަހު ފަށާ ވޯލްޑްކަޕަށް ކުޓީނިއޯ ފިޓް ނުވާނެކަމަށް ގިނަ މީޑިއާތަކަކުން ރިޕޯޓުކުރެއެވެ.
ބްރެޒިލްގެ ކޯޗު ޓިޓޭ މިއަދުގެ ވަގުތެއްގައި ވޯލްޑްކަޕްގައި އެ ގައުމަށް ކުޅޭނެ 26 ކުޅުންތެރިންގެ ސްކޮޑެއް ވެސް އިއުލާނުކުރާނެއެވެ.
ކުޓިނިއޯ ވަނީ 2010 ވަނަ އަހަރުގެ ވޯލްޑްކަޕްގައި އަދި 2018 ވަަނަ އަހަރުގެ ވޯލްޑްކަޕްގައި ކުޅެފައެވެ. މިހާތަނަށް ގައުމީ ޓީމަށް އޭނާ ވަނީ 60 މެޗެއް ކުޅެދީފައެވެ.
މިއަހަރުގެ ވޯލްޑްކަޕްގައި ބްރެޒިލް ހިމެނިފައިވަނީ ގްރޫޕް ޖީގައެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ ސާބިއާއާއި ސްވިޒަލޭންޑުގެ އިތުރުން ކެމަރޫންއެވެ. ބްރެޒިލްގެ ފުރަތަމަ މެޗުގައި އެ ޓީމު ނިކުންނާނީ ސާބިއާއާ ދެކޮޅަށެވެ.