07 Nov 2022, 13:52
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ނައިބު ރައީސްކަމުގެ މަގާމަށް އައްޔަންކުރައްވާފައިވާ ހއ. އިހަވަންދޫ، އާޒާދީބަހާރު، މުޙައްމަދު ފިރާޝްއަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފިރާޝްއަށް ރުހުން ދީފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިންނެވި 57 މެމްބަރުންގެ އިއްތިފާގުންނެވެ.
އޭނާ އެ މަގާމަށް އައްޔަނު ކުރުމަށް މަޖިލީހަށް ފެންނަ ގޮތެއް ހޯއްދެވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ފޮނުއްވި މައްސަލަ ދިރާސާ ކޮށްފައިވަނީ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސެސް ކޮމިޓީންނެވެ.
އެ މައްސަލަ ދިރާސާ ކުރުމުގައި ކޮމިޓީން ވަނީ ކަރެކްޝަނަލް ސާވިސް، އިލެކްޝަންސް ކޮމިޝަން، އިކޮނޮމިކް މިނިސްޓްރީ އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝީއަލް އެޑްމިނިސްޓްރޭޝަންގެ ލަފާ ހޯދާފައެވެ. އެ ކޮމިޓީން މައްސަލަ ދިރާސާ ކުރުމަށްފަހު ފިރާޝްއަށް ރުހުން ދިނުމަށް ފެންނަ ކަމަށް ވަނީ ނިންމާފައެވެ.
މި އަހަރުގެ ތެރޭގައި ޕީސީބީގެ ރައީސް ކަމުގެ މަގާމަށް ވެސް ބޭފުޅަކު ވަނީ އައްޔަނު ކުރައްވާފައެވެ. އެ މަގާމަށް އާސިމް މުޙައްމަދު އައްޔަނު ކުރުމަށް މަޖިލީހުން ރުހުން ދިނީ މި އަހަރުގެ ފެބްރުއަރީ މަހުގައެވެ.
ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައި އޮންނަ މިނިވަން ވުޒާރާ، ޕީސީބީގެ ރައީސްގެ މަގާމަށް މީހަކު އައްޔަންކޮށްފައި ވަނީ އެ މަގާމު ހުސްވިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައި ވަނިކޮށެވެ.
ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ އެ ބޯޑުގެ ރައީސްކަން ކުރިން ކުރެއްވީ ހަސަން ވަހީދެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އޭނާ އިސްތިއުފާ ދެއްވީ މިނިވަން މާހައުލެއްގައި މަސައްކަތް ކުރެވޭނެ ފުރުސަތު ނެތް ކަމަށް ވިދާޅުވެއެވެ.
ހަސަން ވަހީދު އިސްތިއުފާ ދެއްވުމުގެ ފަސް ދުވަސް ކުރިން މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް އޭނާ ވަނީ ހާޒިރުކޮށްފައެވެ.
ޕިސީބީ އަކީ 2013 ވަނަ އަހަރު އުފައްދައިފައިވާ ބޯޑެކެވެ. ބޯޑު އުފައްދައިފައިވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓްކުރުުމުގެ ގާނޫނުގެ ދަށުންނެވެ.