07 Nov 2022, 11:55
ވޯލްޑްކަޕް ފެށެން ދެ ހަފުތާއަށް ކައިރިވެފައިވާއިރު، އާޖެންޓީނާގެ ކެޕްޓަން އަދި ދުނިޔޭގައި އުފެދެނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ލިއޮނަލް މެސީ އަނިޔާއިން ރަނގަޅުވެ އަންނަ ހަފުތާގައި ކުޅުމުގައި ބައިވެރިވާނެކަމަށް މީޑީއާ ރިޕޯޓުތައް ބުނަން ފަށައިފިއެވެ.
މެސީއަށް އަނިޔާވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ޕީއެސްޖީއާއެކު ފަރިތަކުރުމުގެ ތެރޭގައެވެ. އެހެންކަމުން ރޭ ޕީއެސްޖީ ލޯރިއަންޓާ ދެކޮޅަށް ކުޅުނު މެޗުގައި ނުކުޅެއެވެ.
ނަމަވެސް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މެސީއަށް ލިބިފައިވަނީ ސީރިއަސް އަނިޔާއެއް ނޫނެވެ. އޭނާ މި ހަފުތާގެ ފަހުކޮޅު ޕީއެސްޖީގެ ފަރިތަކުރުން ތަކުގައި އަލުން ބައިވެރިވާނެކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
މެސީ ވަނީ މިދިޔަ ހަފުތާގެ ޗެމްޕިއަންސް ލީގްގައި ޕީއެސްޖީ އާއި ޔުވެންޓަސްއާ ދެކޮޅަށް ކުޅެފައެވެ. މެސީ އަންނަނީ މިފަހަރުގެ ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.
މިފަހަރުގެ ވޯލްޑްކަޕަކީ މެސީއަށް ވަރަށް މުހިއްމު މުބާރާތެކެވެ. ސަބަބަކީ މިފަހަރުގެ މުބާރާތަކީ މެސީގެ އެންމެ ފަހު ވޯލްޑްކަޕަށް ވުމެވެ.

އެސްޓޯނިއާއާ ދެކޮޅަށް އާޖެންޓީނާ ކުޅުނު އެކުވެރި ކަމުގެ މެޗުގެ ތެރެއިން މެސީ ބޯޅައާއެކު ކުރިއަށްދަނީ -- ފޮޓޯ/ ގެޓީ އިމޭޖްސް
ފުޓުބޯޅަ ދިރާސާކުރާ ގިނަ މީހުން ގަބޫލުކުރާ ގޮތުގައި މިއަހަރުގެ ވޯލްޑްކަޕްގެ ފޭވަރިޓުންނަކީ އާޖެންޓީނާއެވެ. އެ ޓީމު ވޯލްޑްކަޕަށް ކުރިމަތިލަނީ މެޗުން ބަލިނުވުމުގެ ރެކޯޑަކާއެކުގައެވެ. 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހަށްފަހު އާޖެންޓީނާ އަދި އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ.
މެސީއާއެކު އާޖެންޓީނާ ވަނީ 28 އަހަރުގެ ދިގު އިންތިޒާރަކަށްފަހު މިދިޔަ އަހަރު ކޮޕާ އެމެރިކާ ކާމިޔާބުކޮށްފައެވެ. އަދި މި އަހަރު އާޖެންޓީނާއިން ވަނީ ޔޫރޯގެ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ ބަލިކޮށް ފިނަލަސިމާގެ ތަށި ވެސް އުފުލާލައިފައެވެ.
މެސީ ވަނީ މި ވޯލްޑްކަޕްގައި އެ ގައުމު ޖެހިލުން ވާވަރުގެ ޓީމެއް ނެތްކަމަށް ބުނެފައެވެ. އާޖެންޓީނާއަށް ތަށި ކާމިޔާބު ކުރެވޭނެކަމަށާއި، ސަޕޯޓަރުން ޓީމާއެކު ކެތްތެރިވެގެން ތިބެން އޭނާ ވަނީ އެދިފައެވެ.
މި އަހަރުގެ ވޯލްޑްކަޕްގައި އާޖެންޓީނާ ލައްވާލައިފައިވަނީ ގްރޫޕް ސީގައެވެ. އެ ގްރޫޕްގައި އާޖެންޓީނާއާއެކު ދެން ހިމެނެނީ މެކްސިކޯއާއި ޕޮލެންޑުގެ އިތުރުން ސައުދި އަރަބިއާއެވެ. އާޖެންޓީނާގެ ފުރަތަމަ މެޗުގައި އެ ޓީމު ނޮވެމްބަރު 22 ވަނަ ދުވަހު ނިކުންނާނީ ސައުދީއާ ދެކޮޅަށެވެ.