މެއިންޓަނެންސްގެ މަސައްކަތްތަކެއް ކުރިއަށް ދާތީ މާލޭގެ ބައެއް ހިސާބު ތަކުން ދިރާގުގެ ހިދުމަތްތައް މިރެ އާއި މާދަމާ ބައެއް ވަގުތުތަކުގައި މެދުކެނޑޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މުއާސަލާތީ ހިދުމަތްދޭ އެންމެ ބޮޑު ކުންފުނި ދިރާގުން މިއަދު ބުނީ މާލޭގެ ހަތް ސަރަހައްދަކުން އިންޓަނެޓާއި ފިކުސްޑް ލައިނާއި އަދި ލީސްލައިން ގެ ހިދުމަތް މިރޭ 9:00 ން މާދަމާ މެންދުރު 12:00 އަށް މެދު ކެނޑޭނޭ ކަމަށެވެ.
ހިދުމަތްތައް މެދުކެނޑޭނީ ޗާންދަނީ މަގުން ފަރީދީ މަގާ ހަމައަށް އަދި ޗާންދަނީ މަގުން އިބްރާހިމް ހަސަންދީދީ މަގާއި ހަމައަށް އަދި އޯކިޑް މަގުން ޗާންދަނީ މަގާއި ހަމައަށް އަދި އޯކިޑް މަގުން އާބުރުޒު ހިނގުމާ ހަމައަށް އަދި ކޮލި އުމަރު މަނިކު ގޯޅިންނާ، ފޭމްދޭރި މަގު އަދި ދަނބުގޯޅިން ކަމަށް ދިރާގުން ބުނެ އެވެ.

އެ ކުންފުނީގެ މާސް ކޮމިއުނިކޭޝަން އަދި ޕަބްލިކް ރިލޭޝަން އެކްޒިކިއުޓިވް އިމްޖާދު ޖަލީލް މިއަދު ވިދާޅުވީ ދިރާގުގެ ހިދުމަތްތައް މިރެ އާއި މާދަމާގެ ބައެއް ވަގުތުތަކުގައި މެދުކެޑުނު ނަމަވެސް އެ ވަގުތުގައިވެސް ހިދުމަތް މެދުކެނޑޭނީ އިރުއިރުކޮޅުން ކަމަށެވެ.

"އެ ވަގުތުގައި މުޅިން ހިދުމަތް ކެނޑޭވާހަކައެއް ނޫން އެއީ. އެ ވަގުތުގައި ވެސް ވަރަށް ކުޑަ ކުޑަ އިރުކޮޅަކަށް ވެސް ހިދުމަތް މެދުކެނޑިދާނެ. މުޅިން މިރެއާ މާދަމާގެ މެންދުރާ ހަމައަށް ހިދުމަތް ކެޑެނިއްޔެއް ނޫން،" އިމްޖާދު ވިދާޅުވި އެވެ.

ދިރާގުން ބުނީ އެ ކުންފުނީގެ ހިދުމަތްތައް ބުރޫއަރަނީ އޯކިޑް މަގުގައި ހުރި ދިރާގު ޑިސްޓިރިބިއުޝަން ފޮއްޓެއްގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތެއް ކުރުމަށް ކަމަށެވެ.