07 Nov 2022, 11:25
އިންޑިއާގެ ޓީވީ ޗެނަލެއްކަމަށްވާ އެންޑީޓީވީ ފުޑްގައި ރާއްޖޭގެ ކެއުމުގެ ރަހަތަކަށް ޚާއްސަ އެޕިސޯޑެއް ދައްކައިފިއެވެ.
އެ އެޕިސޯޑަކީ "ފުޑް އެންޑް ފްލޭވާޒް ފްރޮމް ދަ ސަނީ ސައިޑް އޮފް ލައިފް" ގެ ނަމުގައި އެ ޗެނަލުން ދެއްކި ޚާއްސަ އެޕިސޯޑެކެވެ.
އެ ޕްރޮގްރާމްގައި ފީޗާކުރީ ރާއްޖޭގެ ރިސޯޓެއްކަމަށްވާ ލަކްސް ސައުތު އަރި އަތޮޅުގެ ޝެފް މުހައްމަދު ހަނީފެވެ. 20 މިނެޓުގެ މި އެޕިސޯޑުގައި ތަފާތު ދިވެހި ކެއުންތައް ބެލުންތެރިންނަށް ތަފްސީލުކޮށް ދައްކާލާދެއެވެ.
އެ ގޮތުން ދިވެހި ކެއުމުގެ ތައާރަފާއެކު، ރާއްޖޭގައި މަގުބޫލު ކެއުންތައް ހިމެނެއެވެ. އޭގެ ތެރޭގައި ކަނޑު ކުކުޅާއި، ބަރަބޯ މަސްހުންޏާއި، ކޮޕީ ފަތު ސަޓަނީގެ އިތުރުން ގަރުދިޔަ ހިމެނެއެވެ.
ހަމައެއާއެކު ދިވެހި ކެއުންބުއިމުން ލިބޭ ސިއްޙީ ފައިދާތަކުގެ މައުލޫމާތު ވެސް ގެނެސްދީފައިވެއެވެ.

"ފުޑް އެންޑް ފްލޭވާޒް ފްރޮމް ދަ ސަނީ ސައިޑް އޮފް ލައިފް" ގެ ނަމުގައި އެންޑީޓީވީން ދެއްކި އެޕިސޯޑު --
އެ އެޕިސޯޑުގައި ލަކްސް ސައުތު އަރި އަތޮޅުގެ މެނޭޖަރު މަސްދޫގު ސައީދު ވަނީ ކަލިނަރީ ސީންގައި ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރުމުގެ މުހިންމުކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވައިފައެވެ.
އެންޑީޓީވީއަކީ އިންޑިއާގައި ހިންގާތާ 25 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ޗެނަލެކެވެ. ގެސްޓްރޮނޮމީ އެޕިސޯޑަކީ މަންޒިލެއްގެ ގޮތުން ރާއްޖޭގެ މަގުބޫލުކަން ގިނަ ބަޔަކަށް އިޝްތިހާރުކުރުމުގެ ބޭނުމުގައި ދެއްކި އެޕިސޯޑެކެވެ.
ރާއްޖޭގެ ކެއުންބުއިން އެންޑީޓީވީ ފުޑްގައި ފީޗާކުރީ އިންޑިއާ މާކެޓަށް ޚާއްސަކޮށް އެމްއެމްޕީއާރުސީން ގެންގުޅޭ މާކެޓިންގެ މަސައްކަތުގެ ތެރެއިންކަމަށް އެ ކުންފުނިން ބުންޏެވެ.
މި އެޕިސޯޑް ޑިޖިޓަލްކޮށް އެންޑީޓީވީ, އެންޑީޓީވީފުޑް ޑޮޓްކޮމް އާއި އެ ޗެނަލްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޕްރޮމޯޓް ކުރާނެއެވެ.
މި އެޕިސޯޑް 130 މިލިއަނަށް ވުރެ ގިނަ ގޭބިސީއަށް ފޯރައި އެ ޗެނަލްގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް 20 މިލިއަން ފަހަރު ޑައުންލޯޑުކުރާނެ ކަމަށް ބެލެވޭކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.
އިންޑިއާގެ ފަތުރުވެރިންނަކީ ރާއްޖޭގެ ޓޫރިސްޓް މާކެޓުގައި އެންމެ ބޮޑު ހިއްސާއެއް އޮންނަ މާކެޓެވެ. އެހެންކަމުން އިންޑިއާގެ ޗެނަލަކުން ދިވެހި ރަހަތައް އިޝްތިހާރުކުރުމަކީ ރާއްޖެ އިތުރަށް ޕްރޮމޯޓުވާނެކަމެއް ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.