ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް އަހަރަށް ޚާއްސަ ކޮށްގެން ތައްޔާރު ކޮށްފައިވާ، ޕިކް މޯލްޑިވްސްގެ ތިން ވަނަ ފޮޓޯ ފޮތް މިހާރު ކުރިއަށް ދާ ކޮންޑެ ނާސްޓް ލަގްޒަރީ ޓްރެވަލް ފެއާގައި ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.

ލަންޑަން އޮލިމްޕިއާގައި ކުރިއަށް ދާ ފެއާގައި މި ފޮތް ނެރެދެއްވީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު ޑރ އަބްދުﷲ މައުސޫމެވެ. އަރިހުގައި ޓޫރިޒަމް މިނިސްޓްރީ އާއި އިންޑަސްޓްރީގެ ބައެއް އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިނިސްޓަރު މައުސޫމް ވަނީ މިކަން ކުރެއްވި ކަމަށްޓަކައި ޕިކް މޯލްޑިވްސްގެ ފައުންޑަރު ރިއާޔަތު އަބްދުލް މަޖީދަށް ޝުކުރު ދަންނަވައިފައެވެ. އަދި އެކަމުގެ އަގު ވަޒަން ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިހާރު ލަންޑަންގައި ކުރިއަށް ދާ ފެއާގައި ރިއާޔަތު، ރާއްޖެއާ ގުޅޭ މައުލޫމާތު ފެއާގެ ބައިވެރިންނަށް ދެއްވަނީ-- ފޮޓޯ: ޕިކް މޯލްޑިވްސް

"ވިޔަފާރިވެރި ޓޫރިޒަމް ވެންޗާތަކާއި ޑެސްޓިނޭޝަން މާކެޓިންގ އަދި ޕްރޮމޯޝަންގައި ޒުވާނުންގެ އިސްނެގުމުގެ އަގުވަޒަންކުރުން. ޒުވާން ވިޔަފާރިވެރިން މޯލްޑިވްސް ޓިކްކޮށް ޕިކް ކޮށްލައި،" މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

އެ ފޮތަކީ ރާއްޖޭގެ ގުދުރަތީ ހިތްގައިމު މަންޒަރުތަކާ، ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިން ރާއްޖެއާ މެދު ދެކޭ ގޮތް ހާމަކޮށް ލިޔެފައި ހުންނަ ރިވިއުތައް ހިމަނައިގެން، ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ރާއްޖެއާ ދޭތެރޭގައި އިތުރަށް އިތުބާރު އުފެއްދުމުގެ ނިޔަތުގައި ތައާރަފް ކުރި ޕިކްޗަރ ސްޓޯރީ ބުކް ނުވަތަ ފޮޓޯބުކެކެވެ. މީގެ ދެ އަދަދު މީގެ ކުރިން ވަނީ ނެރެފައެވެ.

މި ފޮތަކީ ލަގްޒަރީ ސުވެނިޔާއެއްގެ ގޮތުގައި ތަފާތު ކޮންސެޕްޓެއްގައި ޑިޒައިން ކުރެވި ވަރަށް ހައި ކޮލިޓީގައި ޕްރިންކުރެވި، ބީޓުސީ ޕީއާރު ޕަބްލިކޭޝަނެއްގެ ގޮތިގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަހަމުން ގެންދާ ފޮތެކެވެ.

ފެއާގެ ތެރެއިން ރާއްޖެއާ ގުޅޭ މައުލޫމާތު ރިއާޔަތު ދެއްވަނީ-- ފޮޓޯ: ޕިކް މޯލްޑިވްސް

އެންމެ މުހިންމު ޑިސްޓްރިބިއުޝަންގެ ގޮތުގައި މިފޮތް ދަނީ ޑީއެޗްއެލް މެދުވެރިކޮށް ދުނިޔޭގެ މަޝްހޫރު އިންފުލުއެންސަރުންނަށާއި ބްލޮގަރުންނަށް އަދި ސެލެބްރިޓީންނަށް ފޯރުކޮށްދެމުންނެވެ.

މީގެ އިތުރުން ދުނިޔޭގެ ބޮޑެތި ފެއާތަކުގައިވެސް މީގެ ކުރިން ނެރުނު ފޮތްތައް ވަނީ ބަހައިފައެވެ. އޭގެ ތެރޭގައި އައިޓީބީ، އޭޓީއެމް އަދި ޑަބްލިއުޓީއެމް ފެއާ ހިމެނެއެވެ. މީގެ އިތުރުން ޑުބާއީ، ޕެރިސް، މޮސްކޯ އަދި މިއުނިކް ފަދަ ބޮޑެތި ސިޓީތަކުގައި ކުރިއަށް ގެންދިޔަ ޓްރެވަލް އެގްޒިބިޝަންތަކުގައި ވެސް ޕިކް މޯލްޑިވްސް ފޮޓޯބުކް ވަނީ ބަހައިފައެވެ.

މި ފަހަރުގެ ފޮތް ނެރުނު، 'ލަގްޒަރީ ޓްރެވަލް ފެއާ' އަކީ ދުނިޔޭގެ ޓްރެވަލް އިންޑަސްޓްރީގައި ނަން މަޝްހޫރު ކޮންޑެ ނާސްޓް އިން ސްޕޮންސަރ ކުރާ ހަމައެކަނި މި ބާވަތުގެ ފެއާއެވެ. މި ފެއާގައި ޕިކް މޯލްޑިވްސްގެ ޚާއްސަ ސްޓޭންޑެއް ހުރެއެވެ. މި ފެއާގައި މި ފަހަރު ރާއްޖެ ތަމްސީލު ކުރާ ހަމައެކަނި ފަރާތަކީ ޕިކްމޯލްޑިވްސްއެވެ.

މި ފެއާ އަކީ ކޮންސިޔުމާ ފެއާ އެއްގެ އިތުރުން ވަރަށް "އެކްސްކްލޫސިވް" ފެއާއެކެވެ. މި ފެއާގައި 100 އެއްހާ އެގްޒިބިޓަރުން ބައިވެރިވާއިރު ޔޫކޭގެ އެންމެ މުއްސަނދި 10 ޕަސަންޓު މީހުންގެ ތެރެއިން ގާތްގަނޑަކަށް 12،000 އެއްހާ މީހުން މި ފެއާއަށް ޒިޔާރަތް ކުރެއެވެ.