07 Nov 2022, 17:29
ޗައިނާގައި އަޅާފައިވާ ކޯވިޑް ހުއްޓުވުމުގެ ފިޔަވަޅުތަކުގެ ސަބަބުން އައިފޯން އުފެއްދުމަށް ހުރަސް އެޅެމުންދާ ކަމަށް އެޕަލްއިން އިންޒާރު ދީފިއެވެ.
އެޕަލްއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޗައިނާގެ ޒެންގްޒޯގައި ހުންނަ އެ ކުންފުނީގެ އައިފޯން 14 ޕްރޯ އަދި އައިފޯން 14 ޕްރޯ މެކްސް އުފައްދާ މައި ކާރުހާނާގައި ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އައިފޯން 14 އުފެއްދުން ވަގުތީ ގޮތުން މަދުކޮށްފައިވާ ކަމަށެވެ.
އޭގެ ސަބަބުން އެ ފެކްޓަރީން ނިންމާ އޯޑަރުތައް މަދުވާނެ ކަމަށާއި ކަސްޓަމަރުންނަށް އެމީހުންގެ ފޯނުތައް ލިބެން ނަގާ މުއްދަތު އިތުރު ވާނެ ކަމަށް އެޕަލްގެ ބަޔާނުގައިވެއެވެ.
އެޕަލްގެ ބަޔާނުގައި ބުނެފައި ވަނީ އެކަމުގެ ސަބަބުން އަންނަ މަހު އައިފޯނު އުފައްދާ މިންވަރު މަދުވުމުގެ ފުރުސަތު އޮތް ކަމަށާއި، ކަސްޓަމަރުންގެ ޑިމާންޑާ އެއް ވަރަށް އައިފޯން ލިބުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭކަމަށެވެ.
އެ ކުންފުނިން ބުނީ އާ އައިފޯންގެ ޑިމާންޑް އަދިވެސް ބޮޑު ކަމަށެވެ. މި އައިފޯންތަކުގެ އަގު ފެށެނީ 999 ޑޮލަރާއި 1099 ޑޮލަރުންނެވެ.
މިދިޔަ ހަފުތާ ތެރޭގައި ޗައިނާއިން ވަނީ، އެޕަލްއިން އައިފޯންތައް އުފައްދާ މައި ސަރަހައްދު ކަމަށްވާ ޒެންގްޒޯ ލޮކްޑައުން ކުރުމަށް އަމުރުކޮށްފައެވެ.
ރޮއިޓާސްއިން ރިޕޯޓުކުރި ގޮތުގައި އެ ސަރަހައްދުގައި އަޅާފައިވާ ކޮވިޑްގެ ފިޔަވަޅުތަކުގެ ސަބަބުން ފެކްޓަރީގައި މަސައްކަތް ކުރާ މީހުން ކާރުހާނާގެ ވަޒީފާތައް ދޫކޮށްދާ މައްސަލަ ވަނީ އިތުރުވެފައެވެ.
ޗައިނާގެ ޒެންގްޒޯގައި ހުންނަ އައިފޯން ފެސިލިޓީ ފަދަ ފެސިލިޓީތައް ޗައިނާއިން ހިންގަނީ "ޒީރޯ ކޮވިޑް" ސިޔާސަތުގެ ދަށުން "ކްލޯޒްޑް ލޫޕް"އެއް ގޮތަށެވެ. އެ ސިޔާސަތުގެ ދަށުން ކާރުހާނާތަކުގައި މަސައްކަތް ކުރާ މީހުން ވަޒީފާ އަދާ ކުރާ ގަޑިތައް ނޫން އެހެން ގަޑިތަކުގައި މުޅިން ވެސް ދިރިއުޅެން ޖެހެނީ އެމީހުންގެ ޑޯމްގައެވެ.
އެޕަލްގެ ވެބްސައިޓުން އޯޑަރު ކޮށްފިނަމަ މިހާރު އައިފޯން 14 ޕްރޯ ލިބެން 31 ދުވަސް ނަގައެވެ. އެއީ އަގުހެޔޮ އައިފޯން މޮޑެލްތައް ޑެލިވާ ކުރަން އެވްރެޖްކޮށް ނަގާ ދެ ދުވަހުގެ މުއްދަތަށް ވުރެ ދިގު މުއްދަތެއް ކަމަށް ޖޭޕީމޯގަންގެ އެނަލިސްޓް ސާމިކް ޗެޓަޖީ ބުނެފައިވެއެވެ.