ޓަންޒޭނިއާގެ ޕްރިސިޝަން އެއާގެ މަތިންދާބޯޓެއް ލޭންޑުކުރަން އުޅުމުގެ ތެރޭގައި ކޯރަކަށް ވެއްޓި 19 މީހުން މަރުވެއްޖެއެވެ.

ޓަންޒޭނިއާގެ ބޮޑުވަޒީރު ކާސިމް މަޖަލިވާ ވިދާޅުވީ، މި ހާދިސާގައި އެ ފްލައިޓުގައި ތިބި 19 މީހުން މަރުވެފައިވާ ކަމަށެވެ.

"މި ހާދިސާގައި މި ދުނިޔެ ދޫކޮށްދިޔަ 19 މީހުންގެ މަރުގެ ހިތާމައިގައި މުޅި ގައުމުގެ އެންމެހައި ރައްޔިތުން ބައިވެރިވޭ," މަޖަލިވާ ވިދާޅުވިއެވެ.

ޓަންޒޭނިއާގެ ރީޖަނަލް ކޮމިޝަނަރު އަލްބާޓް ޗަލަމިލަ ވިދާޅުވިގޮތުގައި ޕްރިސިޝަން އެއާގެ އޭޓިއާރް-42 މަރުކާގެ ބޯޓުގައި 39 ފަސިންޖަރުންނާއި، ދެ ޕައިލެޓުންނާއި ދެ ކްރޫން ތިއްބެވެ.

އެ ފްލައިޓުގައި ތިބި 43 މީހުންގެ ތެރެއިން ސަލާމަތްވި 26 މީހުން އިތުރު ފަރުވާއަށް އެ ގައުމުގެ ކަގޭރާ ރީޖަނުގެ ހޮސްޕިޓަލަކަށް ގެންގޮސްފައިވާއިރު، މަރުވި 19 މީހުންގެ ތެރޭގައި ހިމެނެނީ ހަމައެކަނި ފަސިންޖަރުންކަމެއް ޔަގީނެއް ނޫނެވެ.

މީގެއިތުރުން ފްލައިޓް ވެއްޓުނު ސަރަހައްދަށް މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރަމުން ދިޔަ ދެ މީހަކުވެސް މަރުވެފައިވާކަމަށް ޗަލަމިލަ ވިދާޅުވިއެވެ.

ޓަންޒޭނިއާގެ އެންމެ ބޮޑު އެއް ޕްރައިވެޓް ކުންފުނިކަމުގައިވާ ޕްރިސިޝަން އެއާގެ މި ބޯޓު ވެއްޓިފައިވަނީ ތޫފާނެއްގެ ތެރޭގައި އެއާޕޯޓަށް ލޭންޑުކުރުމަށް މަސައްކަތްކުރަމުން ދަނިކޮށެވެ.

އެ ބޯޓް ކޯރަށް ވެއްޓި، ފެނުން މައްޗަށް ފެންނަން އޮތީ ބޯޓުގެ ޓެއިލްފިން އެކަންޏެވެ.

ޕްރިސިޝަން އެއާގެ ތާރީޚުގައިވެސް މިފަދަ ހާދިސާއެއް ހިނގާފައި ނުވާއިރު، އެންމެންވެސް ހަމަޖެހުމަށް އެ ގައުމުގެ ރައީސް ސާމިއާ ސުލޫހޫ ހަސަން ވަނީ އެދިވަޑައިގަންނަވާފައެވެ.