ލޮނުޒިޔާރަތްކޮޅު ސަރަހައްދުގައި އެމްޑީޕީން ޖަހައިގެން އުޅުނު ކޭމްޕް ރޫޅާލައި އެތަނުން ގެންދިޔަ ތަކެތީގެ ލިސްޓެއް ފުލުހުން ހެދިއިރު އެތަނުން ގެންދިޔަ ބައެއްތަކެތި އެ ލިސްޓްގައި ހިމަނާފައި ނުވާކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން މިހެން ބުނީ ލޮނުޒިޔާރަތްކޮޅު ސަރަހައްދުގައި އެމްޑީޕީން ޖަހާފައިވާ ޓެންޓްތައް ރޫޅާލައި އެތާގައި ހުރި ތަކެތި ފުލުހުން ގެންދިޔަ މައްސަލައިގައި އެޕާޓީން ސިފައިންނާއި ފުލުހުންގެ މައްޗަށް ކޮށްފައިވާ ދައުވާގެ މިއަދުގެ ޝަރީއަތުގެ މަޖިލީހުގަ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އެމްޑީޕީގެ ވަކީލު ހިސާން ހަސަން ވިދާޅުވީ ޓެންޓްތައް ފުލުހުން ރޫޅާލި އިރު އެ ސަރަހައްދުގައި ތިން ޕޯސްޓަރު ހަރުކޮށްފައިވާ ކަމަށާއި ނަމަވެސް އެއިން އެއްވެސް ޕޯސްޓަރެއްގެ ނަމެއް އެ ލިސްޓުގައި ނެތް ކަމަށެވެ. އަދި ވިދާޅުވީ ފުލުހުން ކުރި އަނިޔާތައް ދައްކުވައިދޭ ފޮޓޯތަކާއި، 1000 ކުނާ ވެސް އެ ސަރަހައްދުގައި އޮންނާނެ ކަމަށެވެ. އަދި ވިދާޅުވީ 1000 ކުނާގެ ތެރެއިން ލިސްޓުކުރެވިފައި ވަނީ ހަމައެކަނި 400 ކުނާކަމަށާއި ބާކީ ހުރި ކުނަލަށް ވީގޮތެއް ނޭނގޭ ކަމަށެވެ.

ކުރީގެ ޔޫތު މިނިސްޓަރު ހަސަން ލަތީފު ވިދާޅުވީ އެ ސަރަހައްދުން ބިޔަރު ދަޅު އަޅާފައިވާ ފޮށިގަނޑެއް ނެގިކަމަށް ފުލުހުން ބުނާއިރު ބިޔަރު ދަޅުތައް އެޅި ފޮށިގަނޑު ވެސް ލިސްޓުގައި ނެތް ކަމަށެވެ.

ޝަރީއަތުން ބޭނުންވާކަންކަން ސާފު ކުރުމަށް ކުރީގެ ޝަރީއަތުގެ މަޖިލީހުގައި ސިވިލް ކޯޓުން ސިޓީ ކައުންސިލް ޝަރީއަތަށް ހާޒިރުކުރުމުން ދައުލަތުން ވަނީ ސިޓީ ކައުންސިލާއި ސުވާލުތަކެއް ކޮށްފައެވެ.

ކުރީގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ސިޓީ ކައުންސިލްގައި އެދުނީ ގާނޫނާއި ގަވާއިދާއި އެއްގޮތަށް އެ ސަރަހައްދުގައި ހަރަކާތްތެރިވުމަށް ސިޓީ ކައުންސިލުން އެމްޑީޕީއަށް އަންގާފައި ވަނިކޮށް އެޕާޓީން ގަވާއިދާއި ޚިލާފަށް ހަރަކާތްތެރިވެފައި ވާގޮތް ބަލަނީ ކިހިނެތްތޯއާ އަދި އާންމު ރައްޔިތުންނަށް އުނދަގޫ ނުވާނެ ފަދައިން އެ ސަރަހައްދު ބޭނުންކުރުމަށް ސިޓީ ކައުންސިލުން އަންގާފައިވާއިރު އާންމު ރައްޔިތުންނަށް އުނދަގޫވާގޮތް ބަލަނީ ކިހިނެތް ކަން ސާފުކުރުމަށެވެ.

އެ ސުވާލުތަކުގެ ޖަވާބު މިއަދު ދިނުމަށް ކުރީގެ ޝަރީއަތުގެ މަޖިލީހުގައި ސިޓީ ކައުންސިލަށް ފުރުސަތު ދީފައި ވެއެވެ. ނަމަވެސް ދައުލަތުގެ ވަކީލު އަހުމަދު އުޝާމް ވިދާޅުވީ ސިޓީ ކައުންސިލުން އެ ސުވާލުތަކަށް މިއަދު ޖަވާބުދީފައިނުވާ ކަމަށެވެ.

ސުނާމީ ބިނާ ސަރަހައްދަކީ ކޮބައިކަމާމެދު ކުރީގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތާއި އެމްޑީޕީއާއި މެދު ޚިޔާލުތަފާތުވެފައި ވަނިކޮށް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ސިޓީ ކައުންސިލުން ވަނީ އެ ސަރަހައްދަކީ ކޮބައިކަން ސާފުކޮށްދީފަ އެވެ.

ސިޓީ ކައުންސިލްގެ ވަކީލު އަނަސް އަބްދުއް ސައްތާރު ވިދާޅުވީ ސުނާމީ ބިނާ ސަރަހައްދަކީ ޓަސްކަލޫސާ ކެފޭއިން ފެށިގެން އަޑުޕާކާއި އަޑިޕާކް އަދި ދަރުބާރުގޭ އިރަށް އޮންނަ ހުސްބިން ވެސް ހިމެނޭގޮތަށް އޮންނަ ސަރަހައްދު ކަމަށެވެ.

އަނަސް ވިދާޅުވީ ކުރީގެ މާލޭ މުނިސިޕަލްޓީއަކީ މާލޭގެ ހުސްބިންތައް ތަފާތު ބޭނުންތަކަށް އެކި ފަރާތްތަކުން އެދުމުން އެ ހުއްދަ ދޫކުރަމުން އައި ސަރުކާރުގެ އިދާރާ ކަމަށާއި ލާމަރުކަޒީ ގާނޫނުގެ 128 ވަނަ މާއްދާގެ ދަށުން މިހާރު ވެސް އެބާރު ސިޓީ ކައުންސިލަށް ލިބިފައިވާ ކަމަށެވެ.
އެމްޑީޕީން އެ ސަރަހައްދުގެ މަގު ބަންދުކޮށްފައިވާތީ، އެކަން ދައުލަތުން ކުރީގެ ޝަރީއަތުގެ މަޖިލީހުގައި ފާހަގަކޮށްފައި ވާއިރު އަނަސް ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ދަށުން އެ ސަރަހައްދުގެ މަގު ބަންދުކުރުމުގެ ހުއްދަ ސިޓީ ކައުންސިލަށް ދެވޭނެ ކަމަށެވެ.

ގާނޫނާއި ގަވާއިދާއި އެއްގޮތަށް އެ ސަރަހައްދުގައި ހަރަކާތްތެރިވުމަށް ސިޓީ ކައުންސިލުން އަންގާފައި ވަނިކޮށް ގަވާއިދާއި އެއްގޮތަށް ހަރަކާތްތެރިވާގޮތް ސިޓީ ކައުންސިލުން ބަލަނީ ކިހިނެތް ކަމަށް ބުނެ ދައުލަތުން ކުރީ ދުވަހު ކުރި ސުވާލުގެ ޖަވާބުގައި އެކަން ބެލުމަށްޓަކައި ސުޕަވައިޒަރަކު ހަމަޖައްސާފައި ހުންނާނެ ކަމަށެވެ.

އޭގެ ރައްދުގައި ދައުލަތުން ބުނީ އެމްޑީޕީއާއި އެތަން ހަވާލުކުރި ސިޓީގައި ވާގޮތުން ސުޕަވައިޒަރަކީ އެ ސަރަހައްދުގެ ހަރަކާތްތައް ނިމުމުން އަންގަން ޖެހޭ ފަރާތްކަމަށާއި ގާނޫނާއި ޚިލާފަށް ކުރާކަން ސުޕަވައިޒަރު ބަލާ ވާހަކައެއް އެ ސިޓީގައި ނެތް ކަމަށެވެ.

ސިވިލްކޯޓުގެ ގާޒީ އައިޝާ ޝުޖޫން މުހައްމަދު މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ދެ ފަރާތަށް ވެސް ޚުލާސާ ބަޔާން ހުށަހެޅުމުގެ ފުރުސަތު ދެއްވާނެ ކަމަށް އިއުލާން ކުރުމަށް ފަހު އެވެ.