ހުޅުމާލޭގެ ދެވަނަ ފިޔަވައްސާ ގުޅިފައި އޮންނަ ފަރުކޮޅުފުއްޓަށް ބަދަލުކުރި އެސްޖެހި ގަނޑުވަރު ތަރައްގީކޮށް އެތަނުގައި ރެސްޓޯރެންޓެއް ހިންގާނެ ބަޔަކު ހޯދުމަށް އެޗްޑީސީން އިއުލާން ކޮށްފިއެވެ.

އެސްޖެހިގެ ނުވަތަ އެސްޖެހި ގަނޑުވަރު މާލޭގައި ހުރި ތަން އެންމެ ފަހުން ބޭނުން ކުރަމުން އައީ ކެފޭއެއްގެ ގޮތުގައެވެ. އެއީ މެދުޒިޔާރަތް މަގު، ބަނޑޭރިކޮށި ކައިރިއެވެ.

އެޗްޑީސީއިން ބުނެފައިވަނީ އެސްޖެހި ގަނޑުވަރު ފަރުކޮޅުފުއްޓަށް ބަދަލުކުރީ އެތަނަކީ ތާރީހީ ތަނަކަށް ވެފައި އެތަން ރައްކާތެރިކޮށް ބެލެހެއްޓުމަށްޓަކައި ކަމަށެވެ.

އެސްޖެހި ގަނޑުވަރު ތަރައްގީކޮށް، އެތަނުގައި ރެސްޓޯރެންޓެއް ހިންގުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

އެޗްޑީސީއިން ބުނީ އެ މަސައްކަތް ކުރުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) އެޕްލިކޭޝަން ފޯމު މި މަހު 23 ވަނަ ދުވަހުގެ 14:00ގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ދެވަނަ ފޭހުގައި ހަދާ ހެރިޓޭޖް ޑިސްޓްރިކްޓްގައި އެސްޖެހިގެ ބެހެއްޓުމުގެ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ އެޗްޑީސީ

ރާއްޖޭގެ އާސާރީ އަދި ވަޑާމުގެ ފަންނުވެރިކަން އެންމެ ފުރިހަމައަށް ފެންނާންހުރި އެއް އިމާރާތްކަމުގައިވާ އެސްޖެހި ގަނޑުވަރު އޭގެ އަސްލު ނުގެއްލިގެން ނުދާނޭހެން ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ "ހެރިޓޭޖް ޑިސްޓްރިކްޓް"ގައި ބެހެއްޓުމުގެ ޢަމަލީ މަސައްކަތް ފެށީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.

އެސްޖެހި ގަނޑުވަރަކީ މާލޭގައި ހުރި އެންމެ ދުވަސްވީ އަދި ތާރީޚީ ތަންތަނުގެ ތެރޭގައި ހިމެނޭ ތަނެކެވެ. އެގޮތުން އެތަނަކީ މާލޭގައި ހުރި މުންނާރާއި ހުކުރު މިސްކިތް ބިނާކުރި ދުވަސްވަރުގައި ބިނާކުރި ތަނެއް ކަމެއް ބުނެވެއެވެ.

ބައެއް ތާރީހީ ލިޔުންތައް ބުނާގޮތުގައި އެސްޖެހިގެއަކީ 1870ގެ އަހަރުތަކުގެ ތެރޭގައި އެސްޖެހި ގަނޑުވަރު މާފަތް ކިލޭގެފާނު ބިނާކުރައްވާފައިވާ އިމާރާތެކެވެ.

އެސްޖެހި ގަނޑުވަރު މާފަތް ކިލޭގެފާނަކީ ސުލްތާން އިމާދުއްދީން 6ގެ ރަސްކަމުގައި އުޅުއްވި މަޝްހޫރު ބޭފުޅެކެވެ.

އެސްޖެހިގެ ބިނާކުރުމުގައި ތަފާތު ވައްތަރު ލަކުޑި ބޭނުންކޮށްފައިވެއެވެ. އެގޮތުން ތާރީހީ ލިޔުންތަކުން ބުނާގޮތުގައި އެސްޖެހިގެ ބިނާކުރި ދުވަސްވަރު، ފަރަށް އުރިފައިވާ ތަފާތު ނައުތަކުގެ ލަކުޑި ވަނީ، އެ ގެ ބިނާކުރުމުގައި ބޭނުންކޮށްފައެވެ.