ޖަލުތަކުގައި ތިބި ގައިދީންގެ ތެރެއިން ޚާއްސަ ބަލިތަކުގައި ޑޮކްޓަރުންނަށް ދެއްކުމުގެ ކަންކަން ކުރިއަށް ގެންދަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއިން ފެށި ހޭހަން އޮޕަރޭޝަންގެ ފުރަތަމަ ހަފުތާގައި 192 ގައިދީއަކު ޑޮކްޓަރަށް ދައްކައިފިއެވެ.

ކަރެކްްޝަންސްއިން މައުލޫމާތު ދީފައިވާ ގޮތުގައި، ލޮލުގެ އެކި ބަލިތަކުގައި 102 މީހަކު ޑޮކްޓަރަށް ދެއްކިއެވެ. ހިތުގެ ބަލިތަކުގައި 10 މީހަކު ޑޮކްޓަރަށްވަނީ ދައްކައިފައެވެ.

މީގެ އިތުރުން ކިޑްނީގެ ބަލިތަކާއި، ފުއްޕާމޭގެ މައްސަލަތަކުގެ އިތުރުން ކުޑަކަމުދާ ނިޒާމާ ގުޅުންހުރި މައްސަލަތަކާއި ކަށީގެ މައްސަލަތަކުގައި ވެސް ގައިދީންވަނީ ޑޮކްޓަރަށް ދައްކައިފައެވެ.

ހޭހަން އޮޕަރޭޝަން ފެށީ މިދިޔަ މަހުގެ 29ވަނަ ދުވަހެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދާނީ ތިން ހަފުތާގެ މުއްދަތަކަށެވެ.

މި އޮޕަރޭޝަންގައި ކަރެކްޝަންސްގެ 70އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވާނެއެވެ. އަދި އެ ސާވިސްގެ ވަސީލަތްތައް ބޭނުންކުރާނެއެވެ.

ގައިދީން ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމުތައް ވީހާވެސް ފަސޭހަވާނެހެން ކަރެކްޝަންސް އިން ވަނީ ހޮސްޕިޓަލްތަކާއެކު މަޝްވަރާކޮށް ހަމަޖައްސައިފައެވެ.

ގައިދީންނަށް ޖަލުތަކުގައި އެކަށީގެންވާ ސިއްހީ ފަރުވާ ނުދިނުމަކީ އެ މީހުންގެ އާއިލާތަކުން އަބަދުވެސް ކުރާ ޝަކުވާއެކެވެ.

ހަމައެއާއެކު ޖަލުތަކުގެ ހާލަތު ދަށްވެ އެ ތަނުގައި ގައިދީންނަށް ދަތިތަކާ ކުރިމަތިލާން ޖެހުމަކީ ވެސް ފަހަގަވާ ކަމެކެވެ.