އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށްޓަކައި ބާއްވާ އެ ޕާޓީގެ ޕްރައިމެރީ ބާއްވާނެ ދުވަހެއް އިއުލާން ކުރެވޭނީ އިދާރީ ގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ފަހު ކަމަށް އެ ޕާޓީން ބުނެފިއެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ އެމްޑީޕީގެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ އެ ޕާޓީގެ ޕްރައިމެރީ ބާއްވާނެ ދުވަހެއް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް މީގެ ކުރިން ވެސް އެ ޕާޓީން ވަނީ ބުނެފައެވެ.

އޭގެ ފަހުން ޕްރައިމެރީ ބާއްވާނެ ވަކި ތާރީޚެއް އިއުލާނެއް ނުކުރެއެވެ.

ނަމަވެސް މިއަދު އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ކުރެއްވި ޓުވީޓެއްގައި ވަނީ އެ ޕާޓީގެ ޕްރައިމެރީ ބާއްވާނެ ވަކި ތާރީޚެއް ކަނޑައަޅައި އިއުލާން ކުރެވޭނީ އިދާރީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ފަހުގައި ކަމަށެވެ.

މީގެ ކުރިން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅާނީ ޕްރައިމަރީއަކުން ކަމަށެވެ.

ހަމައެއާއެކު ޕްރައިމަރީ ބާއްވާނެ ދުވަސް ކަނޑައެޅުމާއެކު ރިޔާސީ ޕްރައިމަރީގެ ކަންކަން ހިންގުމަށް ފަސް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލުމަކީ ގައުމީ މަޖިލީހުން ކުރަން ޖެހޭ ކަމެއް ކަމަށް އޭރު އޭނާ ވިދާޅުވިއެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބު ބޯމަތިވަމުންދާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވަނީ ދެވަނަ ދައުރަކަށް ވެރިކަމަށް ކުރިމަތިލުމަށް ތައްޔާރަށް ހުންނެވިކަން ފުރަތަމަ ފަހަރަށް އިއުލާނުކުރައްވާފައެވެ.

އެކަމާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިއީ އަމިއްލަ އުންމީދު އިސްކޮށް ވެރިކަމަށް ފައިނަންގަވަންވީ ވަގުތެއް ނޫން ކަމަށް ވިދާޅުވެ ރައީސް ޞާލިޙަށް, ވަރުގަދަ ރައްދެއް ދެއްވާފައެވެ.

މީގެ އިތުތުން އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙުގެ ކެންޑިޑެސީގެ އުންމީދު ގުޅިފައި އޮތީ ޖުމްހޫރީ ޕާޓީން ނިންމާ ނިންމުމެއްގެ މައްޗަށް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ނަޝީދު ވާދަކުރައްވާނެކަން އެމަނިކުފާނުގެ އާއިލީ ބޭފުޅެއް ކަމަށްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުالله ވަނީ މީގެ ކުރިން އިއުލާނު ކުރައްވާފައެވެ.

ދާދީ ފަހުން ޕީޕީއެމް/ ޕީއެންސީގެ ސެނެޓުންވެސް ވަނީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެ ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްކަން ޕްރައިމަރީއަކާ ނުލާ ނިންމާފައެވެ.

އެ ޕާޓީގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ހަވާލުކުރީ މި އަހަރުގެ އޯގަސްޓް މަހުގެ 19ވަނަ ދުވަހުއެވެ.