06 Nov 2022, 14:25
ރާމަﷲ (6 ނޮވެމްބަރު 2022): އިސްރާއީލުން ފަލަސްތިނާ ދެކޮޅަށް ހިންގާ އުދުވާނާއި އިސްތިއުމާރީ ހަރަކާތްތަކުގައި ފަލަސްތީނުގެ އިތުރު ހަތަރު ޒުވާނަކު ޝަހީދުކޮށްލައި އެތައް ބަޔަކު ޒަޚަމްކޮށްލައިފިއެވެ.
އިސްރާއީލު ސިފައިން މިހަތަރު ޒުވާނުން ޝަހީދުކޮށްލީ އެމީހުންގެ މެޔަށާއި ބޮލަށް ބަޑިޖަހައިގެންނެވެ. މިޖަރީމާ ހިންގީ އިސްރާއީލުން ވެރިވެގަނެގެންއުޅޭ ފަލަސްތީނުގެ އިރުމަތީ ގުދުސުގައާއި ހުޅަނގު އައްސޭރީގެ ރަށެއްކަމަށްވާ ޖެނީންގައި ކަމަށް ފަލަސްތީނުގެ ސިއްހަތާބެހޭ ވުޒާރާއިން ބުނެއެވެ. މިހަތަރު ޒުވާނުންގެ ތެރެއިން ދެ ޒުވާނުން ޝަހީދުކޮށްލާފައިވަނީ މާތްވެގެންވާ މަސްޖިދުލްއަގްސާގެ ކައިރީގައެވެ. އަނެއް ދެ ޒުވާނުން ޝަހީދުކޮށްލާފައިވަނީ ޖެނީން ރެފިއުޖީ އަވަށުގެ ކައިރީގައެވެ.

އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ފަލަސްތީނުގެ ކުޑަކުއްޖަކު ހައްޔަރުކުރަނީ
މިދިޔަ އޮކްޓޫބަރު މަހުންފެށިގެން މިހާތަނަށް އިސްރާއީލުންވަނީ ފަލަސްތީނުގެ 34 މީހުން ޝަހީދުކޮށްލައި އެތައް ސަތޭކަބަޔަކު ޒަޚަމްކޮށްލާފައެވެ. ފަލަސްތީނު މީހުންގެ ހަމައެކަނި ކުށަކީ އިސްރާއީލުން ގަދަބާރުން ވެރިވެގަނެ އިސްތިއުމާރުކޮށް އަތްގަދަކޮށްގެން އުޅޭ ފަލަސްތީނުގެ ބިންތައް މިނިވަންކުރަން މަސައްކަތް ކުރުމެވެ.
އަޅުވެތިކަމާއި އިސްތިއުމާރާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދުކުރުމަކީ ބައިނަލްއަގްވާމީ ގާނޫނާއި އދ. ގެ ގަރާރުތަކުގައި ކޮންމެ ރައްޔިތަކަށްވެސް ލިބިދީފައިވާ ހައްގެއް ނަމަވެސް ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރުން އިސްރާއީލާއި އިސްރާއީލާ ވާގިވެރިވާ އެމެރިކާއާއި ޔޫރަޕުން ސިފަކުރަނީ ޓެރަރިޒަމްގެ ގޮތުގައެވެ.

އަނެއްކޮޅުން އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އުދުވާނާއި ސްޓޭޓް ޓެރަރިޒަމްގެ އަމަލުތަކަކީ އެމެރިކާއާއި ޔޫރަޕް ގަބޫލުކުރާގޮތުގައި އަމިއްލަ ނަފްސު ދިފާއުގައި އިސްރާއީލު ކުރާކަންކަމެވެ. ފަލަސްތީނުގެ ރައްޔިތުންނަށް އަމިއްލަ ނަފްސު ދިފާއުކުރުމުގެ ހައްގު އޮންނާނެކަމަށް އެމެރިކާއާއި ޔޫރަޕްގެ އިސްތިއުމާރީ ބާރުތަކުން ގަބޫލެއް ނުކުރެއެވެ. ނަމަވެސް ޔޫކްރެއިން އިން އެގައުމުގެ ދިފާއުގައި ރަޝިއާއާ ދެކޮޅަށް ކުރާ ހަނގުރާމައަކީ ޖިހާދުކަމަށް އެމެރިކާއާއި ޔޫރަޕް ދެކެއެވެ.