ޅ. ނައިފަރު ކައުންސިލްގެ މެންބަރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަހީދު ހަސަން މަނިކާ މިއަދު ބައްދަލުކުރައްވައިފި އެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ބައްދަލުކުރެއްވުމުގައި، ފާއިތުވި ތިން އަހަރުގެ ތެރޭގައި، ނައިފަރަށް ވަރަށް ބޮޑަށް އަޅާނުލެވިކަން ފާހަގަކޮށް އެރަށަށް ކުރިމަތިވަމުންދާ ތަފާތު މައްސަލަތަކާބެހޭ ރައީސަށް މައުލޫމާތު ދެއްވި އެވެ. އޭގެތެރޭގައި ރަށުގައި ރަނގަޅު ފެންވަރެއްގެ ނަރުދަމާގެ ނިޒާމެއް ގާއިމު ކުރުމުގަ އާއި ގޯތި ދޫކުރުމުގައި ދިމާވަމުންދާ ދަތިތަކުގެ މަޢުލޫމާތު ހިއްސާ ކުރެއްވިއެވެ. މީގެ އިތުރުން ނައިފަރުގެ ބަނދަރު ތަރައްގީ ކުރުމާއި، ތަޢުލީމީ ގޮތުން ރަށަށް ގެނެވިދާނެ ތަރައްގީގެ މައްޗަށްވެސް ކައުންސިލް މެންބަރުންގެ ވާހަކަފުޅު ދެއްކެވި އެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ނައިފަރު ރައްޔިތުންނަށް މިވަގުތު ކުރިމަތިވެފައިވާ ދަތިތައް ޙައްލުކޮށްދެއްވުމަށް މިހާރު ކުރެއްވެންހުރި ކަންތައްތައް ބައްލަވައި، އެކަންތައް ކޮށްދެއްވެން އޮތް މިންވަރަކުން ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.