ޒަކާތު ނަފާ ޕްރޮގްރާމްގެ ދަށުން ޒަކާތު ފަންޑުން އާއިލާއަކަށް ގިނަވެގެން 150،000ރުފިޔާ ޚަރަދު ކުރެވޭ ގޮތަށް، އެ ޕްރޮގްރާމް ހިންގާނެ ގޮތުގެ އުސޫލު މިއަދު އާންމުކޮށްފިއެވެ.

ޒަކާތު ނަފާ އަކީ ޒަކާތު ފަންޑު މެދުވެރިކޮށް، ފަގީރުންނަށް މާލީ އެހީތެރިކަން ދިނުމަށް އިސްލާމިކް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން މި އަހަރުގެ ފެބްރުއަރީ 28ވަނަ ދުވަހު ފެށި ޕްރޮގްރާމެކެވެ.

އެ ޕްރޮގްރާމް ފެށީ، ކަނޑައެޅޭ ވަކި އުސޫލެއްގެ ތެރެއިން، ވަކި އަދަދެއްގެ ބަޔަކަށް ޒަކާތު ފަންޑުން ޚަރަދުކުރާ ގޮތަށެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ އެ ޕްރޮގްރާމް ހިންގާނެ ގޮތުގެ އުސޫލު އާއްމުކޮށްފައެވެ.

ޒަކާތު ނަފާ ޕްރޮގްރާމާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެގޮތުން އެ ފްރޮގްރާމުގެ ދަށުން ޒަކާތު ފަންޑުން ޚަރަދު ކުރެވޭނީ، އާއިލާއަކަށް ގިނަވެގެން 150،000ރުފިޔާ ކަމަށް އެ އުސޫލުގައިވެއެވެ.

ހަމައެއާއެކު އެސްއެމްއީ ފަންޑު މެދުވެރިކޮށް، އަނބުރާ ދައްކާ ގޮތަށް، އިންޓްރަސްޓް ނުހިމެނޭ ލޯނެއް ގޮތަށް ވަކި ވަރެއްގެ އެހީގެ ގޮތުގައި ހަމަޖައްސައި ދެވިދާނެ ކަމަށް ވެސް އެ އުސޫލުގައިވެއެވެ.

ޒަކާތު ނަފާ ޕްރޮގްރާމުގެ ދަށުން އެހީ ދޭނީ އިސްލާމިކް މިނިސްޓްރީގެ "ފަގީރުންނާއި މިސްކީނުންގެ ދަފުތަރު"ގައި ރަޖިސްޓަރީ ކޮށްފައިވާ މީހުންނަށް އެކަންޏެވެ.

އެ ޕްރޮގްރާމް ހިންގުމަށް ބޭނުންވާ ބަޖެޓް ކަނޑައަޅާނެ ގޮތާއި އެ ޕްރޮގްރާމްގެ ބައިވެރިންގެ ޒިންމާތައް އެ އުސޫލިގައި ބަޔާންކޮށްފައިވެއެވެ. އެ ޕްރޮގްރާމުގެ ދަށުން އެހީ ލިބޭ މީހުން ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތާއި އެހީގެ ގޮތުގައި ދޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އިތުރުން އެ ޕްރޮގްރާމް އެކި ފިޔަވަހިތަކަށް ބަހާފައިވާ ގޮތް ވެސް އެ އުސޫލުގައި ބަޔާން ކޮށްފައިވެއެވެ.

މިއަދު އާއްމު ކުރި އުސޫލުގައި ވަނީ ޒަކާތު ނަފާ ޕްރޮގްރާމް ރާވައި ހިންގާ ތަންފީޒުކުރުމުގައި އިސްދައުރެއް އަދާކުރާ "އިމްޕްލިމަންޓިން އެޖެންސީ" އަކީ އިސްލާމިކް މިނިސްޓްރީ ކަމަށެވެ.

އެގޮތުން އެ ޕްރޮގްރާމް ހިންގުމަށް މިނިސްޓްރީން ނުވަ މެމްބަރުން ހިމެނޭ ޚާއްސަ ސްޓިއަރިން ކޮމެޓީއެއް އުފައްދަން ޖެހޭއިރު އެ ކޮމެޓީގައި ތިބޭނީ އިސްލާމިކް މިނިސްޓްރީގެ ފަރާތުން ތިން މެމްބަރުންނާއި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ދެ މެމްބަރުންނާއި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ ފަރާތުން އެއް މެމްބަރެކެވެ.

ހަމައެއާއެކު ބިޒްނަސް ސެންޓަ ކޯޕަރޭޝަންގެ ފަރާތުން އެއް މެންބަރަކާއި އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަންގެ ފަރާތުން އެއް މެމްބަރަކާއި އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ފަރާތުން މެންބަރަކު އެ ކޮމެޓީގައި ތިބޭނެއެވެ.

އެ ކޮމިޓީގެ މުގައްރިރާއި ނައިބު މުގައްރިރު އައްޔަން ކުރާނީ އިކޮނޮމިކް މިނިސްޓްރީގެ މަޝްވަރާއާއެކު ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޒަކާތު ނަފާ ޕްރޮގްރާމުގެ ދަށުން ގެދޮރުގެ ނަފާ އާއި ޕޯލްޓްރީ ފާމިން އާއި ހައިޑްރޯޕޯނިކް ދަނޑުވެރިކަމާއި ފަރުމަސްވެރިކަމާއި ފެހުމުގެ އިތުރުން ޓްރެއިނިން / އޮން ދަ ޖޮބް ޓްރެއިނިން / އެޕްރެންޓިސްޝިޕް ދާއިރާއިން އެހީތެރިވެދޭނެއެވެ.

އެ ދާއިރާތަކުގެ އިތުރުން ހާލަތަށް ބަލައި އިތުރު ދާއިރާތައް ކަނޑައެޅުމުގެ އިޚްތިޔާރު، ސްޓިއަރިން ކޮމިޓީ އަށް ލިބިގެންވާ ކަމަށް މިއަދު އާއްމުކުރި އުސޫލުގައި ބުނެފައިވެއެވެ.

ނަމަވެސް އެހީ ދޭ ދާއިރާތަކަކީ އިސްލާމީ ޝަރީއާ ހުއްދަކުރާ ވިޔަފާރިތަކެއް ކަމުގައި ވާން ޖެހެއެވެ.

ޒަކާތު ނަފާ ޕްރޮގްރާމާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ ކޮންމެ އަހަރު އެއްފަހަރު ޒަކާތުގެ ފައިސާ ދިނުމަށްވުރެ ރަނގަޅު ގޮތެއް ފަގީރުންގެ ގޮތުގައި ތިބި މީހުންނަށް ހަދައިދޭން ޖެހޭ ކަމަށެވެ.

ޒަކާތު ނަފާ ޕްރޮގްރާމާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

"ހަތް ހާހަށް ވުރެ ގިނަ މީހުން އެބަވޭ މިހާރުވެސް ފަގީރުންގެ ގޮތުގައި. މި ޕްރޮގްރާމުގެ މަގުސަދަކީ އެ ލިސްޓުގައި އެއްވެސް މީހަކު ނީންނަ ގޮތެއް ހެދުން. އަމިއްލަ ފައި މައްޗަށް ތެދުވެތިބޭ ފުދުންތެރި ބަޔަކަށް އެމީހުން ހެދުން،" އޭނާ ވިދާޅުވިއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ ފަގީރުންނަށް އެހީވުމުގެ ގޮތުން އެމީހުންނަކީ ފުދުންތެރިކަމާއެކު އަބުރުވެރި އަދި ގަދަރުވެރި ބަޔަކަށް ހެދުމަށްޓަކައި ދެ މިނިސްޓްރީން މަޝްވަރާ ކުރަމުން އަންނަތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެއްޖެ ކަމަށެވެ.

ޒަކާތު ނަފާ ޕްރޮގްރާމާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

"މިފަދަ މަސައްކަތެއްގެ ބައިވެރިއަކަށް ވެވޭތީ އުފާކުރަން. އަޅުގަނޑުމެންގެ އަމާޒަކީ ފަގީރުންގެ ގޮތުގައި ތިބި މީހުންގެ ދިރިއުޅުން ތަނަވަސްކޮށްދީ ދެމެހެއްޓެނެވި ގޮތެއްގައި އިގްތިޞާދީ ފުދުުންތެރިބަަޔަކަށް އެމީހުން ހެދުން،" އޭނާ ވިދާޅުވިއެވެ.

އެ ޕްރޮގްރާމްގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ނަފާ ފަގީރުންގެ ގޮތުގައި ތިބި ކޮންމެ މީހަކަށް ވެސް ކުރާނެ ކަަމަށް އުއްމީދު ކުރާ ކަމަށް އިސްލާމިކް މިނިސްޓްރީ އާއި އިކޮނަމިކް މިނިސްޓްރީން ވެސް ބުންޏެވެ.