ތެހެރާން (6 ނޮވެމްބަރު 2022): ފަޒާގައި ސެޓަލައިޓެއް ބެހެއްޓުމުގެ ގާބިލްކަން ލިބިފައިވާ އައު ރޮކެޓެއް އީރާނުން ތަޖުރިބާކޮށްފިއެވެ.

އީރާނުގެ ފަޒާއާބެހޭ އިދާރާއާ ހަވާލާދީ އެގައުމުގެ ރަސްމީ ޓީވީ ބުނިގޮތުގައި އިއްޔެ ފަޒާއަށް ފޮނުވާލީ 80 ކިލޯގެ ބުރަދަންހުރި ސެޓަލައިޓެއް ފަޒާގެ މަތީ އޯބިޓެއްގައި ބެހެއްޓުމުގެ ގާބިލްކަން ލިބިފައިވާ "ގާއިމް 100" ނަމަކަށް ކިޔާ ރޮކެޓެވެ. މިއީ ސޮލިޑް ފިއުލްއާއި ލިކުއިޑް ފިއުލް ހިމެނޭ ރޮކެޓެކެވެ.

މިރޮކެޓް އަޑަށްވުރެ ދެގުނަ ބާރުމިނުގައި ފަޒާގެ މަތީ ފަށަލަތަކަށް ގޮސްފައިވާކަމަށާއި ރޮކެޓް ދަތުރުކޮށްފައިވަނީ ފަޒާގެ މަތީ ފަށަލަތަކުގައި ސެޓަލައިޓެއް ބެހެއްޓޭފަދަ ބާރުދުވެއްޔެއްގައިކަން ކަށަވަރު ކުރެވިފައިވާ ކަމަށް އީރާނުގެ ސްޕޭސް އެޖެންސީން ބުނެފައިވެއެވެ. މި ރޮކެޓްގައި ބޭނުންކޮށްފައިވަނީ ސޮލިޑް ފިއުލްއާއި ލިކުއިޑް ފިއުލް މިކްސް ވެގެން ލިބޭ ހަކަތައެވެ.

މިދިޔަ ޖޫންކަމުގެ 29 ވަނަ ދުވަހުވެސް އީރާނުންވަނީ އަޑަށްވުރެ ދެގުނަ ބާރަށް ދަތުރުކުރާ ބިޔަ ރޮކެޓެއް އައުޓާ ސްޕޭސް އަށް ފޮނުވާލުމުގައި ކާމިޔާބު ތަޖުރިބާއެއްކޮށްފައެވެ. އީރާނުން މިހާތަނަށް ހަ ސެޓެލައިޓް އެކިފަހަރުމަތިން ކާމިޔާބުކަމާއެކު ޖައްވަށް ފޮނުވާފައިވާއިރު ނާކާމިޔާބުވެގެން އީރާނުގެ ތިން ސެޓަލައިޓެއް އޯބިޓަށް ނުދަނީސް ވެއްޓިފައިވެސް ވެއެވެ.

އީރާނުގެ ފަޒާއާބެހޭ އިދާރާ ބުނާގޮތުން އިއްޔެ ފަޒާއަށް ފޮނުވާލި "ގާއިމް 100" މަރުކާގެ ރޮކެޓްގެ ބޭނުމަކީ އެބާވަތުގެ ރޮކެޓް ބޭނުންކޮށްގެން ސެޓަލައިޓެއް ފޮނުވޭތޯ ކަށަވަރުކުރުމެވެ. "ގާއިމް 100" މަރުކާގެ ރޮކެޓްގައި ފޮނުވާލުމަށް ތައްޔާރުކޮށްފައިވާ ސެޓަލައިޓަކީ "ނާހީދު" ނަމަކަށް ކިޔާ 80 ކިލޯމީޓަރުގެ ބަރުދަންހުރި ސެޓަލައިޓެލެކެވެ. މިހާރު ކުރަމުން ގެންދަނީ އެސެޓަލައިޓްގެ އެންމެ ފަހުގެ މަސައްކަތްތައްކަމަށްވެސް އީރާނުން ބުނެއެވެ.

"ނާހީދު" ސެޓަލައިޓް ބެހެއްޓުމަށް ރާވާފައިވަނީ ބިމުގެ ސަތަހުން ފެށިގެން 500 ކިލޯމީޓަރުގެ މަތީގައިވާ އައުޓާސްޕޭސްގެ އޯބިޓެއްގައެވެ. ވަކި ބާރުމިނެއްގައި ދަތުރުކޮށް އޯބިޓްތަކަށް ވަނުމުގެ ގާބިލްކަން ލިބިފައިވާ ރޮކެޓްތަކަށް ނޫނީ އައުޓާސްޕޭސްގައި ސެޓަލައިޓެއް ނުބެހެއްޓޭނެއެވެ. މިފަދަ ރޮކެޓްތައް އަޑަށްވުރެ ދެގުނަ ބާރުމިނުގައި ދަތުރުކުރަންޖެހެއެވެ.

އީރާނުން ބާރުގަދަ ރޮކެޓެއް އައުޓާ ސްޕޭސްއަށް ފުރަތަމަ ފޮނުވީ މިދިޔަ އަހަރުގެތެރޭގައެވެ. އެތަޖުރިބާގެ އަލީގައި މިދިޔަ ޖޫންމަހު ފޮނުވާފައި މިވަނީ އެއަށްވުރެ މާބިޔަ އަދި މާބާރުގަދަ އަދި ސްޕީޑު އަވަސް، ސޮލިޑް ފިއުލްއާއި ލިކުއިޑް ފިއުލް މިކްސް ވެގެން ހަކަތަލިބޭގޮތަށް ފަރުމާކޮށްފައިވާ ޒަމާނީ ރޮކެޓެކެވެ.

އިއްޔެ ފޮނުވި ރޮކެޓަކީ މިދިޔަ ޖޫންމަހު ފޮނުވި ރޮކެޓަށްވުރެވެސް ސްޕީޑު އަވަސްރޮކެޓެއްކަމަށްވެއެވެ. އީރާނުން ސެޓަލައިޓާ އަދި ސެޓަލައިޓްތައް ފަޒާއަށް ފޮނުވާ ރޮކެޓްތަކާއި ސްޕޭސް ޓެކްނޮލޮޖީ ތަރައްގީކޮށް ޓެކްނޮލޮޖީގެ ޒަމާނީ އޮޅިގަނޑު ގިރާކޮށްފައިމިވަނީ އެމެރިކާއާއި ޔޫރަޕުން އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅާފައިވަނިކޮށެވެ.