މިދިޔަ ދެ ހަފުތާގައި ޝާހުރުކްޚާން ވަނީ އޭނާގެ ފޭނުންނަށް އެކި ކަހަލަ ހަދިޔާތައް ދީފައެވެ. އެގޮތުން، ޕަޓާންގެ ޓީޒަރ ރިލީޒް ކުރުމާއި އޭނާގެ 57ވަނަ އުފަންދުވަހާ ގުޅިގެން ފޭނުންނާ ބައްދަލުކޮށްފައިވެއެވެ.

ޝާހުގެ އުފަންދުވަހާ ގުޅިގެން ޓްވިޓާގައި 'އާސްކްއެސްއާރްކޭ' ޖަހައި ހޭޝްޓެގް އެއް އޭނާ ވަނީ ހޯސްޓުކޮށްފައެވެ. އެގޮތުން އޭނާގެ ދިރިއުޅުމާ ގުޅޭގޮތުންނާއި މިހާރު ކުރިއަށްދާ ފިލްމުތަކުގެ އެންމެ ފަހުގެ ސްޓޭޓަސްތައް ގިނަ ފޭނުންނާ އޭނާ ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ފޭނަކު ޝާހް އާ ކުރި ސުވާލެއްގައި އަހާފައިވަނީ ދިރިއުޅުމުގައި ދިމާވާ ކަންކަމުން ކުރިއަށްދިއުމަށް މޯޓިވޭޓް ކުރަނީ ކިހިނެއްތޯއެވެ؟

އެ ސުވާލަށް ކުރު ޖަވާބުދެމުން ޝާހު ބުނީ، 'ވަން ހޭސް ޓު ބިލީވް ދެޓް ގުޑް ވިލް އޯލްވޭސް އައުޓްވެއި ދަ ބޭޑް' ކަމަށެވެ. ނުވަތަ، ނުބައި ކަމަކަށްވުރެ ރަނގަޅު ކަންކަމުގެ ބަރުދަން ބޮޑުވާނެ ކަމަށް ގަބޫލު ކުރަން ޖެހޭނެ ކަމަށެވެ.

ޝާޙުގެ ފިރިހެން ދަރި އާރްޔަން ޚާން މަސްތުވާތަކެތީގެ ތުހުމަތުގައި ހައްޔަރުކުރީ މިދިޔަ އަހަރުރުއެވެ. އަދި، ކަފާލާތުގެ ދަށުން ދޫކޮށްލުމަށްފަހު ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ އިން އޭނާ އަށް ކްލީން ޗިޓެއް ދިނީ މިއަހަރުއެވެ. މިކަމާ ގުޅިގެންވެސް އެއްވެސް މީޑިއާ އަކާ ޝާހު ވާހަކަދައްކާފައެއް ނުވެއެވެ.

ހަތަރު އަހަރު ފަހުން އޭނާގެ ފިލްމެއް ސްކްރީނުގައި އަޅުވަން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން، އަންނަ އަހަރު ޖެނުއަރީ 25ގަައި 'ޕަޓާން' ރިލީޒްކުރާނެއެވެ. މި ފިލްމުގައި އޭނާއާއެކު ދީޕިކާ ޕަޑުކޯން އަދި ޖޯން އަބްރަހަމް ފެންނާނެއެވެ.