ހިންދީ ފިލްމު އިންޑަސްޓްރީގައި ގިނަ ދުވަސްވެފައިވާ ތަރި ޖަޔާ ބަޗަން އަށް އެންމެ ފުރަތަމަ މުސާރައަށް ލިބުނީ ކޮން އަދަދެއް ކަމެއްވެސް ނޭނގޭކަމަށް އޭނާ ބުނެފިއެވެ.

ޖަޔާބަޗަންގެ މާމަ ދަރި ނަވްޔާ ނަވޭލީ ނަންދާ ގެނެސްދޭ ޕޮޑްކާސްޓް 'ވަޓް ދަ ހެލް ނަވްޔާ'ގެ އެކި އެޕިސޯޑްތަކުގައި ޖަޔާ ބަޗަން ވަނީ އޭނާގެ ދިރިއުޅުމުގެ ވާހަކަތައް ކިޔައިދީފައެވެ. އެންމެ ފަހުން ބޭއްވި އެޕިސޯޑުގައި އޭނާގެ ދިރިއުޅުމާއި ފައިނޭންސްގެ ކަންކަން ހިއްސާކުރިއެވެ. ޖަޔާ ބުނި ގޮތުގައި އެންމެ ފުރަތަމަ މުސާރައެެއް އޭނާ އަށް ލިބުނީ އުމުރުން 13 އަހަރުގައެވެ. އަދި އެ މުސާރައަށް ލިބުނީ ކިހާވަރެއް ކަމެއް މިހާރު ހަނދާން ނުވާ ކަމަށް ބުންޏެވެ.

އެހެންނަމަވެސް، ކިޔަވައި ނިމުމަށްފަހު މަތީ ތައުލީމު ހާސިލް ކުރުމަށް އަމިއްލަ އަށް ޚަރަދު ކުރި ކަމަށާއި އޭނާގެ އާއިލާ އިން އެއްވެސް ކަހަލަ ފަންޑެއް ނުކުރާކަމަށް ބުންޏެވެ.

"ބައްޕަ ކައިރީ ބުނިން އަހަންނަށް ލާރި ނުފޮނުވާށޭ ކިޔަވަން. އިންސްޓިޓިއުޓްއަށް ގޮސް ކިޔަވަން ޚަރަދުކުރީ އަމިއްލަ އަށް،" ޖަޔާ ބުނެފައިވެއެވެ.

މި އެޕިސޯޑުގައި ނަވްޔާގެ މަންމަ ވެސް ވަނީ އޭނާގެ ހަޔާތުގެ ބައެއް ކަންކަން ހިއްސާކޮށްފައެވެ. އެގޮތުން، އޭނާ ޕްރީސްކޫލެއްގައި އެސިސްޓަންޓް ޓީޗަރެއްގެ މަގާމުގައި ހުރެ ލިބުނީ 3000 ރުޕީސް ކަމަށާއި އޭނާ އާ އެއްގޮތަށް ނަވްޔާ ކުރިއަށް ނުދިއުމަށް އެދޭ ކަމަށް ބުންޏެވެ.

"ކައިވެންޏަކާ ހަމައަށް ދާނީ އަމިއްލަ ބޭންކް އެކައުންޓުން ގެއެއް ގަނެވޭ ވަރަށް ފައިސާ އެއްވީމައި،" ޝްވެތާ ބަޗަން ބުނެފައިވެއެވެ.

ޖަޔާ ބަޗަން އާއި ނަވްޔާގެ ޕޮޑްކާސްޓް ގިނަ ބަޔަކު ވަނީ އަޑުއަހާފައެވެ. މި ޕޮޑްކާސްޓުތަކަށް ގިނައިން ލިބިފައިހުރީ ޕޮސިޓިވް ފީޑްބެކްތަކެކެވެ.