ސްޓްރޭންޖާ ތިންގްސްގެ ހަތަރު ވަނަ ސީޒަން އިން ގިނަ ބައެއްގެ ލޯބި ހޯދި ވެކްނާގެ ކެރެކްޓާ ކުޑައިރު އުޅުނު ގެ 1.5 މިލިއަން ޑޮލަރަށް ވިއްކާލަން ލިސްޓުކޮށްފިއެވެ.

ވެކްނާ ނުވަތަ ހެންރީ ކްރީލްގެ ކެރެކްޓާ އަކީ މުޅި ހަތަރު ވަނަ ސީޒަންގައިވެސް އެ ކެރެކްޓާއަށް އެންމެ ގިނަ ފޭނުންގެ ލޯބި ލިބުނު ކެރެކްޓާއެވެ. މި ސީރީޒްގައި ވެކްނާ ކުޑައިރު އުޅުނު ގެ ކުރީގެ ހަނދާންތަކުގެ ގޮތުގައި ދައްކުވައިދެއެވެ. އަދި، އެ ގޭގައި އޭނާ އަށް ދިމާވި ކަންތައްތަކާއި އެކަންކަމާ ގުޅިގެން އޭނާގެ މަންމަ އާއި ދައްތަ މަރާލި ހާދިސާވެސް ދައްކުވައިދެއެވެ.

ސީރީޒްގެ މުހިއްމު މި ބައިތައް ކުޅެފައިވަނީ ޖޯޖިއާގެ 140 އަހަރު ވެފައިވާ ބޮޑު ގެއެއްގައެވެ. ދަ ލިސްޓިން ގައި މި ގެ ވަނީ ވިއްކާލަން ލިސްޓުކޮށްފައެވެ.

ލިސްޓިންގައި ބުނާގޮތުން މި ގެއަކީ 1882ގައި އިމާރާތްކޮށްފައިވާ ގެއެވެ. އަދި ސްޓްރޭންޖާ ތިންްގްސްގެ ސީރީޒްގެ މަންޒަރުތައް ނަގަން އެގެއަށް ބައެއް ބަދަލުތަކެއް ގެނައި ކަމުގައިވިޔަސް، އެ ގެ އެންމެ ފުރަތަމަ އިމާރާތްކުރި އިރު ބޭނުންކޮށްފައިހުރި ވިކްޓޯރިއަން އާކިޓެކްޗާ އާއި ފުރާޅުގައި އެ ޒަމާނުގެ ސިގްނޭޗަރ ސިފަތައް ހުންނާނެ ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން، އެގޭގައި ބޭނުންކުރި އަތުންހަދާފައި ހުރި ފޮތް ކަބަޑުތަކާއި ފާރުތައްވެސް ހުންނަ ކަމަށް ބުނެފައިވެއެވެ.

ހަހާސް އަކަފޫޓުގެ މި ގޭގައި ހަތް ކޮޓަރި އާއި ހަތް ފާޚާނަ ހުރެއެވެ. އަދި، އިތުރު ގެސްޓް ހައުސް އެއްވެސް ގޭގައި ހުންނަ ކަމަށްވެއެވެ.