06 Nov 2022, 10:57
ރާއްޖޭގެ ފަތުރުވެރިކަމުގެ އޮކިއުޕަންސީ ރޭޓު އެވްރެޖު ގޮތެއްގައި މި އަހަރު، މިދިޔަ އަހަރަށްވުރެ ރަނގަޅުވެއްޖެއެވެ.
އެގޮތުން މަރުކަޒީ ބޭންކު އެމްއެމްއޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖެނުއަރީން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެވްރެޖުކޮށް ޓޫރިސްޓް އޮކިއުޕެންސީ ރޭޓު ހުރީ 52 ޕަސެންޓުގައެވެ. ނަމަވެސް މި އަހަރު އެ އަދަދުވަނީ 58 ޕަސެންޓަށް އިތުރުވެފައެވެ. އެހެންކަމުން މިއީ އެވްރެޖުކޮށް ބަލާނަމަ ހަ ޕަސެންޓުގެ ކުރިއެރުމެކެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރާތްކޮށްފައިވަނީ މި އަހަރުގެ މާޗު މަހުގައެވެ. މާޗު މަހު 151،000 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރާތްކޮށްފައިވެއެެވެ.
މިދިޔަ އަހަރާއި މި އަހަރުގެ މިހާތަނަށް ބަލާނަމަ، ފަތުރުވެރިކަމުގެ އޮކިއުޕެންސީ ރޭޓު އެންމެ މަތީގައި ހުރީ މި އަހަރުގެ ފެބްރުއަރީ މަހުގައެވެ. އެގޮތުން އެ މަހު އޮކިއުޕެންސީ ރޭޓު ހުރީ 72 ޕަސެންޓުގައެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހު އެވްރެޖު ގޮތެއްގައި ފަތުރުވެރިން ރާއްޖޭގައި ހޭދަކޮށްފައިވަނީ ނުވަ ދުވަހެވެ. ނަމަވެސް މި އަހަރު ވަނީ އަށް ދުވަހަށް މަދުވެފައެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ރަޖިސްޓާކޮށްފައިވާ ބެޑް ކެޕޭސިޓީގެ އަދަދު މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ވަނީ އިތުރުވެފައެވެ. އެގޮތުން އަލަށް 4،554 އެނދު އިތުރުވެ ޖުމްލަ ބެޑް ކެޕޭސިޓީވަނީ 58،524އަށް އިތުރުވެފައެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތްކުރަނީ އިންޑިއާއިންނެވެ. ނަމަވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް އިންޑިއާއިން ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދަށްވުރެ މިއަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު މަދެވެ. އެގޮތުން އިންޑިއާއިން ރާއްޖެއަށް މިދިޔަ އަހަރުގެ އެ މުއްދަތުގައި 200،449 ފަތުރުވެރިން އައި އިރު މި އަހަރު އައިސްފައިވަނީ 168،600 ފަތުރުވެރިންނެވެ.
ފަތުރުވެރިންގެ މާކެޓުން ދެވަނައަށް އެންމެ ބޮޑު މާކެޓެއް ހިއްސާކުރަނީ ރަޝިއާ ފަތުރުވެރިންނެވެ. ތިންވަނަ މާކެޓަކީ ޖަރުމަނެވެ.