06 Nov 2022, 11:02
ހުޅުމާލެ ސްކޭޓް ޕާކް ސަރަހައްދުން އަނެއްކާ ވެސް ކުނި ވަހެއް ދުވާތީ އާންމުން ކަންބޮޑުވެއްޖެއެވެ.
ހުޅުމާލެ ސްކޭޓު ޕާކް ސަރަހައްދާއި އެ ތަން ކުރިމަތީ އޮންނަ ބޮޑު ބިމަކީ މީހުން މަދުން އުޅޭ ފަޅު ސަރަހައްދެކެވެ. ސްކޭޓު ޕާކު ކުރިމަތީ އޮންނަ ބިމަކީ ބޯކޮށް ވިނައާއި ގަސް ހެދިފައި އޮންނަ ސަރަހައްދެކެވެ.
އެތަނުގެ ތެރޭ ބޭނުންނުކުރާ ވެހިކަލާއި އެކި ޒާތުގެ ކުނި އަޅައިފައިހުރެއެވެ.
އަނެއްކާވެސް އެ ސަރަހައްދުން ކުނި ވަސް ދުވައިގެން އާންމުން އަންނަނީ ސޯޝަލް މީޑިއާގައި އެ ވަހަކަ ދައްކަމުންނެވެ.
އެގޮތުން އެ ސަރަހައްދުން ކުނި ވަސް ދުވާކަމަށް ބުނެ މީހަކު ކޮށްފައިވާ ޓްވީޓަކަށް ކުރި ރިޕްލައިގައި ގިނަ ބަޔަކުވަނީ އެ ކަން އެ މީހުންނަށް ވެސް ފާހަގަވާކަމަށް ބުނެފައެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ އެފަދަ ކަމެއްގެ މައުލޫމާތު ފުލުހުންގެ ސަމާލުކަމަށް މިހާރު އައިސްފައިކަމަށެވެ.
"ހުޅުމާލެ ސައިމާ ހިނގުމާއި ނިރޮޅު މަގު ގުޅޭ ސަރަހައްދުން ކުނި ވަސް ދުވާކަމަށް ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން އެ ސަރަހައްދު ފުލުހުން ދަނީ ބަލައި ފާސްކުރަމުން،" ފުލުހުން މައުލޫމާތު ދިނެވެ.
މީގެ ކުރިން ވެސް އެ ސަރަހައްދުން ދޭތެރެއަކުން ކުނި ވަސް ދުވި ކަމުގައިވީ ނަމަވެސް އެ ކަމަށް މާ ބޮޑު އަޅައިލުމެއް ދެވިފައެއް ނުވެއެވެ.
ނަމަވެސް އާންމުންގެ ތެރޭގައި ނުތަނަވަސްކަން އުފެދުނީ ސެޕްޓެމްބަރުގެ މަހުގެ ތެރޭ ގެއްލުނު މުހައްމަދު އަޒްހާންގެ ކުނިވެފައިވާ ހަށިގަނޑު ގަސްތަކުގެ ތެރެއިން ފެނުމާއެކުއެވެ.
އެއިރު ވެސް އެ ތަނުން ދަތުރުކުރި މީހުންނަށް އެ ސަރަހައްދުން ކުނި ވަސް ދުވައިގެން އުޅުނެވެ.