06 Nov 2022, 17:56
ޝިއޯމީގެ ހުރިހާ ފޭނުންނަށް މިއޮތީ އަނެއްކާ ވެސް އުފާވެރި ޚަބަރެކެވެ. އަވަސް ޗާޖިންއަށް ލޯބިކުރާ ފަރާތްތަކަށް މިކަން ވާނީ ވަރަށް ޚާއްޞަ ކަމަކަށެވެ. ސްމާޓް ފޯނެއް އެންމެ އަށް މިނެޓް ތެރޭގައި ފުލް ޗާޖް ކުރެވޭ ޓެކްނޮލޮޖީއަކާއެކު ޝިއޯމީއިން މިވަނީ ދުނިޔޭގެ އާ ރެކޯޑެއް ހަދައިފައެވެ.
ޝިއޯމީއިން މި ރެކޯޑް މުގުރާލުމުގެ ކުރިން ދުނިޔޭގެ އެންމެ އަވަސް އަދި އެންމެ ވަރުގަދަ ޗާޖިން ޓެކްނޮލޮޖީގެ ރެކޯޑް ހަދާފައިވަނީ 200 ވޮޓްގެ އަވަސް ޗާޖިން ތަޢާރަފްކުރި ޗައިނާގެ ކުންފުންޏެއް ކަމަށްވާ އައިކިއުއޯ އިންއެވެ. އައިކިއުއޯ ފަހަތަށް ޖެއްސުމަށްފަހު ޝިއޯމީއަށް މި ކާމިޔާބު ހާޞިލް ކުރެވިފައިވާކަން އިޢުލާން ކޮށްފައި މިވަނީ 210 ވޮޓްގެ ޗާޖިންއާއެކު މި މަހުއެވެ.
ޝިއޯމީއިން ވަނީ ޝިއޯމީ 11 އަލްޓްރާއާއެކު މި ޓެކްނޮލޮޖީގެ ގިނަ ޓެސްޓްތަކެއް ހަދާފައެވެ. މި ޗާޖިން ސްޕީޑް ބޭނުންކޮށްގެން ޝިއޯމީ 11 އަލްޓްރާ ސްމާޓް ފޯނު 0 އިން 100 ޕަސެންޓަށް ގާތްގަނޑަކަށް އަށް މިނެޓުގެ ތެރޭގައި ޗާޖް ކޮށްލެވެއެވެ.
ދުވިސައްތަ ދިހަ ވޮޓްގެ ކަރަންޓް ފޯރުކޮށްދޭ ރެޕިޑް ޗާޖަކަށް ޝިއޯމީއަށް ސެޓްފިކެޓް ލިބުނުއިރު، ހަގީގަތުގައި ވެސް މި ޗާޖިން ޓެކްނޮލޮޖީ މާކެޓަށް ނެރެވިދާނެކަމަށް ރިޕޯޓްތައް ބުނެއެވެ.
އެހެން ނަމަވެސް ކުރިއަށް އޮތްތަނުގައި ޝިއޯމީއިން މި ޓެކްނޮލޮޖީ ސްމާޓްފޯނެއްގައި ހިމަނާނެ ކަމެއް ނުވަތަ ނޫންކަމެއް އެކުންފުނިން މުޅިން ޔަގީންކޮށެއް ނުދެއެވެ.
ގިނައިރު ބޭނުން ކުރެވޭ ގޮތަށް އަވަހަށް ޗާޖް ކުރެވޭނެ ގޮތް ހެދުމަކީ މިހާރުގެ ޓެކްނޮލޮޖީއާއެކު ކުރެވިދާނެ ކަމެއް ކަމަށް ދިރާސާ ކުރާ މީހުން ބުނެއެވެ.
"އަޅުގަނޑުމެން މި ދައްކާ ވާހަކައަކީ އަށެއް ނުވަތަ ހަތް މިނެޓްތެރޭގައި 4،000 އެމްއޭއެޗްގެ ބެޓެރީއެއް ފުލްޗާޖް ކުރެވޭ ވާހަކަ، ބެޓެރީގެ ސައިޒު މިއަށްވުރެ ބޮޑުނަމަ މި ޓައިމްފްރޭމްތައް ބަދަލުވެދާނެ، މި ބާވަތުގެ ޗާޖިން ސްޕީޑާއެކު ކުދި ބެޓެރީތައް ބޭނުންކުރުމަކީ ބުއްދިވެރިކަމެއް، މަދު މިނިޓްކޮޅެއްގެ ތެރޭގައި ކުރެވޭ ޗާޖް އެތައް ގަޑިއިރަކަށް ހިފަހައްޓާނެ،" ޝިއޯމީގެ ރިޕޯޓްގައި ބުނެފައިވެއެވެ.
މި އާ ޗާޖިން ޓެކްނޮލޮޖީ އަކީ ކުރިއަށް އޮތް ސްމާޓްފޯނުތަކަށް ޝިއޯމީން ރާވާފައިވާ ޓެކްނޮލޮޖީއެއް ކަމަށް ވެދާނެއެވެ. ޝިއޯމީ 13 ނުވަތަ ޝިއޯމީ 13 އަލްޓްރާ އަކީ މިކަމަށް އެންމެ އެކަށީގެންވާ ޑިވައިސް ކަމަށް ބެލެވެއެވެ.