ރިފްއަތު އޮފީހުގެ މަސައްކަތުގައި މަސްއޫލުވެ އުޅެން ހަދައިގެން އޭނާއަށް މިޝްޔާގެ ޙާލު ބަލައިލެވެނީ ހާލަކުން ފަހަރަކުއެވެ. ވާހަކަ ދައްކައިލާ ފަހަރަކުވެސް ހާލު އަހައިލުން ފިޔަވާ މާ ގިނަ ވާހަކަތަކެއް އޭނާ ނުދައްކައެވެ.

އެ އެކަނިވެރިކަމުގައި އޭނާ ނިމިގެންދިޔަ ނަމަ ކިހާ ރަނގަޅުހޭ މިޝްޔާގެ ހިތަށް އެތަކެއް ފަހަރަކު އެރިއެވެ. އެ އެކަނިވެރިކަމުގެ ސަބަބުން އޭނާ މާ ބޮޑަށް މަންމަ މަތިން ހަނދާންވާން ފެށިއެވެ. ކޮޓަރީގެ ހަތަރު ފާރުގެ ތެރޭގައި މީހާ ނިމިގެންދާގެން ހީވާން ފެށުމާއެކު މިޝްޔާ މަދުމަދުން ބޭރަށް ނިކުންނަން ފެށިއެވެ. އެންމެ ގިނައިން އޭނާ ދާތަނަކީ ހެންވޭރު އާރޓިފިޝަލް ބީޗެވެ. ކޮންމެ ދުވަހެއްގެ އެތަކެއް ވަގުތެއް އޭނާ އެތަނުގައި ހޭދަކުރެއެވެ.

*****

ހަވީރުގެ ވަގުތެވެ. ފެންވަރާލައިގެން ނުކުމެ މިޝްޔާ ލީ ހުދާ ކަޅުލުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ޖީންސްއެކެވެ. މާ ބޮޑަށް ރީތިވުމެއްނެތި މިޝްޔާ ތައްޔާރުވެލިއެވެ. ދަބަހަށް ވޮލެޓް ލަމުން ކޮނޑުގައި އަޅުވައިލުމަށްފަހު، އޭނާ ލޯގަނޑުން އަދިވެސް އެއްފަހަރު މީހާގެ ސޫރައަށް ބަލައިލިއެވެ. ކޮޓަރިން ނުކުމެގެން ސިޑިން ފައިބައިގެން ގޮސް ބޮޑު ކޮޓަރިއަށް ވަތްއިރު، ރިފްއަތު ސޯފާގައި މެގަޒިންއެއް ހިފައިގެން އިނެވެ. ރިފްއަތަށް ބަލައިލުމަށްފަހު، އިތުރު އެއްޗެއް ބުނުމެއްނެތި މިޝްޔާގޭގެ މައިދޮރާ ދިމާލަށް ހިނގައިގަތް ނަމަވެސް، އޭނާގެ ފިޔަވަޅުތައް މަޑުޖެހުނީ ރިފްއަތުގެ އަޑާ އެކުގައެވެ.

"މިޝްޔާ!"

"ލައްބަ!" ރިފްއަތާ ދިމާލަށް އެނބުރިލުމަށްފަހު، މިޝްޔާ ޖަވާބު ދިނެވެ. ރިފްއަތު މިޝްޔާ ދާތަނަކާ ބެހޭގޮތުން ސުވާލުކުރުމާއެކު، އޭނާ އެދަނީ އާރޓްފިޝަލް ބީޗަށްކަމުގައި މިޝްޔާ ބުނެލިއެވެ. އިތުރު އެއްޗެއް ރިފްއަތު ނުބުނުމާއެކު، މިޝްޔާގެ މޫނުމަތިން މާޔޫސްކަން ފެނިގެން ދިޔައެވެ. އޭނާ އެންމެ ބޭނުންވި ދުވަހު ބައްޕަގެ ފަރާތުން އެއްވެސް ސަމާލުކަމެއް އޭނާއަކަށް ނުލިބުނެވެ. އެކަމުން އޭނާގެ މޭ ވިރެމުން ދިޔައެވެ. ދެލޮލުގެ ތެރެއަށް ކަރުނަތައް ޖަމާވާން ނެގީ މަދު ސިކުންތުކޮޅެކެވެ. އަވަސް އަވަހަށް އަތުގެ ނުފުށުން ދެލޯ ފުހެލުމަށްފަހު، ދަނީކަމަށް ބުނެ މިޝްޔާ ހިނގައިގަތެވެ. ގެއިން ނުކުމެގެން ލަސް ފިޔަވަޅުތަކެއްގައި މިޝްޔާ ބީޗާ ދިމާލަށް މިސްރާބުޖެހިއެވެ. ހަވީރުގެ ވަގުތަށް ވުމާއެކު، މަގުމަތިވެސް ހަމަބޮއްޔެވެ. ބާޒާރުކުރާ މީހުންނާ ކުޑަކުދިން ގޮވައިގެން އެކި އެކި ތަންތަނަށް ދާ މީހުންނެވެ. މީހެއްގެ ގައިގައި ނުޖެހި މަގުމަތިން ހިނގާލުމަކީ ވެސް ނާދިރުކަމެކެވެ.

މަގުގެ ދެކޮޅު ބަލައިލުމަށްފަހު، މިޝްޔާ މަގު ހުރސްކޮށްލާފައި ގޮސް ބީޗަށް ވަނެވެ. އޭނާ ފަރާތް ފަރާތަށް ނަޒަރު ހިންގައިލިއެވެ. އާއްމުކޮށްވެސް އިށީނެގެން އިންނަ ސިމެންތި ގޮނޑިއާ ދިމާލަށް މިޝްޔާ ހިނގައިގަތެވެ. އެތަނުގައި އިށީނުމަށްފަހު، އޭނާ ދުރު ދުރަށް ދާންދެން ފެންނަން އޮތް ކަނޑަށް ނަޒަރު ހުއްޓައިލިއެވެ. އެކަނޑު އޭނާގެ ދިރިއުޅުން ފަދައެވެ. އެ ކަނޑެކޭ އެއްގޮތަށް އޭނާގެ ދިރިއުޅުން ވެސް ވަނީ ފުންމިން ނޭނގޭ ބޮޑު ވަޅުގަނޑަކަށް ވެއްޓިފައެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު، މިޝްޔާ މޫދުގައި ސަކަރާތްޖަހާ މަޖާކުރަމުންދިޔަ ކުދިންނަށް ބަލަހައްޓައިގެން އިނެވެ. އެ މަންޒަރަކީ އޭނާއަށް ހިތްހަމަޖެހުން ގެނުވާ މަންޒަރަކަށް ވިއެވެ. އެތަނުގައި ވެއްޔާ ކުޅެން ތިބި ކުޑަކުދިންނަށް ނަޒަރު ހުއްޓައިލި މިޝްޔާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވެގެންދިޔައީ ބޭއިޚްތިޔާރުގައެވެ. އެއީ އޭނާ ކުޑައިރު މަންމައާއެކު ވަރަށް ކުރާ ކަމެކެވެ. އަދިވެސް އޭނާ އެދުވަސް އަނބުރާ ބޭނުމެވެ.

އެހެން ނަމަވެސް ވަގުތަކީ އަނބުރާ ލިބޭނެ އެއްޗެއް ނޫނެވެ. އަބަދަކު އުފަލުގައި ވެސް ނޫޅެވޭނެއެވެ. ދިރިއުޅުމަކީ ހަނގުރާމައެކޭ މީހުން ކިޔަނީ އެހެންވެގެންނެވެ. އަޑި ގަޑަކަށްފަހު އުސްގަނޑެއް އަންނާނެޔޭ ކިޔަނީވެސް އެހެންވެއެވެ. ހިތާމަޔާއި ހިތްދަތިކަމާއި، އުފަލާ އަރާމަކީ ދިރިއުޅުމުގައި ތަޖްރިބާ ކުރަން ޖެހޭ އިޙްސާސްތަކެކެވެ. ދިރިއުޅުމުގައި މި ހުރިހާ އިޙްސާސްތައް ތަޖުރިބާ ކުރަންޖެހުމަކީ ވެސް ދުނިޔެ ދައްކަމުންދާ ހަޤީގަތެކެވެ.

މާޒީގެ ހަނދާންތަކެއްގެ ތެރެއަށް ގެއްލިފައި އިން މިޝްޔާއަށް ސިހުން ލިބުނީ އޭނާއާއި ދާދިގާތުން މީހަކު ގޮވައިލި އަޑު އިވިފައެވެ.

"މިޝްޔާތަ؟" އެ އަޑަށް މިޝްޔާ އެނބުރިލިއެވެ.

"މިޝްޔާ ދޯ!" އޭނާއަށް ބަލަހައްޓައިގެން ހުރި ޒުވާން އަންހެން ކުއްޖާ ޔަޤީންކޮށްލުމުގެ ގޮތުން އަދިވެސް އެއްފަހަރު އަހައިލިއެވެ. މިޝްޔާ ބޯ ޖަހައިލިއެވެ.

"އަހަންނެއް ނޭނގުނު ދޯ!" އެ އަންހެން ކުއްޖާ ސުވާލުކޮށްލުމާއެކު، މިޝްޔާ ވިސްނައިލިއެވެ.

"ހަމްދާ!" ހަމްދާއަށް ބަލައިލި މިޝްޔާ ސުވާލުކޮށްލިއެވެ. އެއީ ސްކޫލުގައި އުޅުނުއިރު މިޝްޔާގެ އެކުވެރިއެކެވެ. ސްކޫލް ނިމުނުފަހުން ބައްދަލުވީ އަލަށެވެ. ހަމްދާ ހުރީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ކުރިއަށް ވުރެ ހަށިގަނޑު ހިއްކެވެ. ނޭފަތް ތޮރުފާފައި ހުރިއިރު، އަތުގައި ރަބަރ ބޭންޑެއް އަޅާފައި އޮތެވެ. އިސްތަށިގަނޑުގައި އޮތީ ބްލޮންޑް ކުލަ ޖައްސާލާފައެވެ.

"އާނ ހަމްދާ މީ." އެހެން ބުނެލުމަށްފަހު، ހަމްދާ މިޝްޔާގެ އެއްފަރާތުގައި އިށީނދެލިއެވެ.

"މިޝްޔާ ކިހިނެއްތަ؟ ހާދަ ހިކިއްޖެޔޭ." ހަމްދާ ސުވާލުކޮށްލިއެވެ.

"ރަނގަޅު!. އަހަރެން އެކަންޏެއް ނޫނެއްނު. ހަމްދާވެސް އެހާ ހިކި މިހާރު!" މިޝްޔާ ބުނެލިއެވެ. ވާހަކަ ދައްކަމުން ދިޔަ މިޝްޔާގެ މޫނުމަތީގައި އެއްވެސް ދިރުމެއްނެތްކަން ހަމްދާއަށް ވެސް ފާހަގަކުރެވޭކަށް މާގިނަ އިރެއް ނުނެގިއެވެ.

"މިހާރު ކިޔަވާ ނިމުނީތަ؟" ހަމްދާ އަނެއްކާވެސް އަނެއް ސުވާލު ކޮށްލިއެވެ. އެ ސުވާލާއެކު މިޝްޔާގެ މޫނުމަތީގައިވީ އަސަރުތައް އިތުރަށް ފުންވެގެން ދިޔައެވެ.

"ކިހިނެއްވީ އަނެއްކާ؟ ގޯސް ސުވާލެއްތަ މި ކުރެވުނީ؟" ހަމްދާ ބުނެލިއެވެ.

"ނޫނޭ. ގޯސް ސުވާލެއް ނޫން. އެކަމަކު އަހަރެން ކިޔަވާކަށް ނުދަން! ހަމްދާ ކީއްތަ ކުރަނީ މިހާރު؟" މިޝްޔާ ބުނެލިއެވެ.

"އަހަރެން ހަމަ އުޅެނީ މި. ކީއްވެތަ މިތާ އެކަނި ތި އިނީ؟ އަނެއްކާ ބިޓަކަށް އިންތިޒާރުކުރަނީތަ؟" ހަމްދާއަށް ބަލައިލި މިޝްޔާ ހިނިތުންވެލަމުން ދެފަރާތަށް ބޯ ހޫރައިލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.

"އަހަރެން ވަރަށް ގިނައިން މިތަނަށް އަންނަން..." މިޝްޔާ ބުނެލިއެވެ.

"އަހަރެންވެސް ވަރަށް ފަހުން މިތާ ކައިރިއަށް މި ބަދަލުވީ... ކީއްވެ ތިހާ ދެރަވެފަ ތި އިންނަނީ؟" ހަމްދާ މިޝްޔާއަށް ވެފައި އިންގޮތް އެނގެން ބޭނުންވިއެވެ.

"އަހަރެން އޯކޭ. އަދިވެސް ބައިވަރު ކަންތައްތަކުން އަރައި ނުގަނެވި މިއުޅެނީ... އަދަރ ދެން ދެޓް އަހަރެން ވަރަށް ރަނގަޅު.."

"ތިބުނީ؟" ހަމްދާ ސުވާލުގެ ނަޒަރަކުން މިޝްޔާއަށް ބަލައިލިއެވެ. މިޝްޔާ އޭނާގެ މަންމަ ނިޔާވި ހާދިސާ ހަމްދާއަށް ކިޔައިދިނެވެ.

"ކުއްލިއަކަށް އެގޮތަށް ވަކިވީމަ އުނދަގޫވާނެ އެކަން ހިތުން ފިލުވައިލަން. ބީ ސްޓްރޯންގް." ހަމްދާ ބުނެލިއެެވެ. އޭނާ މިޝްޔާއަށް ހިތްވަރުދެމުން ދިޔައެވެ. ގާތްމީހެއްގެ އެހީތެރިކަމަށް ބޭނުންވެފައި ހުރި މިޝްޔާއަށް ހަމްދާ އެ ދިއްކޮށްލި އަތުގައި ހިފުނެވެ. އޭރު އޭނާއަށް ނޭނގުނު ކަމަކީ ހަމްދާއާ އެކުވެރިވެވުމުގެ ސަބަބުން އޭނާގެ ހަޔާތް ހީނުކުރާފަދަ ގޮތަކަށް ބަދަލުވެގެން ހިނގައިދާނެކަމެވެ.

އެދުވަހުގެ ފަހުން ހަމްދާއާއި މިޝްޔާއާ ދެމީހުންގެ ގުޅުން ބަދަހިވަމުން ދިޔައެވެ. އެކުގައި ކޮފީތަކަށް ދިޔުންވެސް އާާއްމުވިއެވެ. އެއީވެސް އެފަދަ ދުވަހެކެވެ. ހަމްދާއާއި މިޝްޔާއާ ދެމީހުން ހެނދުނުގެ ނާސްތާ ނަގަން ރެސްޓޯރެންޓަކަށް ވަނެވެ. އެމީހުން ނުކުތީ ބޭރު ފެންނަ ގޮތަށް ހާމައަށް އޮތް ދިމާލަށެވެ. ސައި ބޮއިނިންމާލުމަށްފަހު ވާހަކަ ދައްކަން ތިބެފައި ހަމްދާ ދަބަސް ހާވާލާފައި ނެގީ ސިނގިރެޓެކެވެ. ލައިޓަރު ނަގާ ރޯކޮށްލުމުން މިޝްޔާއަށް ބުނާނެ އެއްޗެއް ނޭނގި ހަމްދާއަށް ބަލަހައްޓައިގެން އިނދެވުނެވެ.

'ބޭނުންތަ؟" ހަމްދާ ސުވާލުކޮށްލިއެވެ.

"އަހަރެން ބޯ އެއްޗެއް ނޫން. ހަމްދާ ސިނގިރެޓް ވެސް ބޮންތަ؟" މިޝްޔާއަށް ސުވާލުކޮށްލެވުނީ އޭނާ ހައިރާންވީލެއް ބޮޑުކަމުންނެވެ.

"މީ ވަރަށް ސަޅިކަމެކޭ. ވަރަށް ސްޓްރެސް ރިލީޒް ވާކަމެއް. މިޝްޔާވެސް އެކްސްޕީރިއެންސް ކޮށްލަބަލަ! ދެންތަ ސިނގިރެޓެއް." ހަމްދާ ބުމަ އަރުވައިލިއެވެ. މިޝްޔާ ނޫނެކޭ ބުނެ ދެފަރާތަށް ބޯ ހޫރައިލިއެވެ. ސިނގިރެޓްގެ ދުމުން މިޝްޔާއަށް އުނދަގޫވިނަމަވެސް އޭނާ އެކަމާ ބެހޭގޮތުން އެއްޗެއް ބުނާކަށް ބޭނުމެއް ނުވިއެވެ. އެކަމުގެ ސަބަބުން ހަމްދާއާއި އޭނާއާ ދޭތެރޭ އޮތް ގާތް އެކުވެރިކަމަށް ބުރޫއަރަން އޭނާ ބޭނުންނުވާތީއާވެސް އެކުގައެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް މިޝްޔާއަށް ސިނގިރެޓްގެ ދުމަށް އާދަވެވުނެވެ. މަޑުމަޑުން އޭނާވެސް ސިނގިރެޓްގެ އަޖުމަ ބަލާލާ ހިތްވިއެވެ. އެންމެ ފުރަތަމަ މިޝްޔާ ސިނގިރެޓެއް ބުއީވެސް ހަމްދާ ދީގެންނެވެ. އެދުވަހަށްފަހު އޭނާ މަދުމަދުން ސިނގިރެޓް ބޯން ފެށިއެވެ. ބައްޕައަށް ސިއްރުންނެވެ. ސިނގިރޭޓް ބޯން ފެށުމުން އިތުރަށް އެއަށް ބޭނުންވާން ފެށިއެވެ.

ހަމްދާއާ އެކު އޮތް އެކުވެރިކަމެއްގެ ސަބަބުން މިޝްޔާ އޭނާގެ އެކަނިވެރިކަމުގެ ވާހަކަތައް ހަމްދާއާ ހިއްސާކުރިއެވެ. އޭނާ ބޭނުންވަނީ ކޮންމެ ގޮތެއް ހަދާފައި ނަމަވެސް، އެ އެކަނިވެރިކަމުން ސަލާމަތް ވާންކަމުގައި މިޝްޔާ ބުނެލިއެވެ.

"އަހަންނާ އެކަނި ތަނަކަށް ދާން ކެރޭނެތަ؟" ހަމްދާ މިޝްޔާ އާ ސުވާލުކުރިއެވެ.

"ކޮންތާކަށް އަނެއްކާ؟" މިޝްޔާއަށް ހަމްދާއާ ދިމާލަށް ބަލައިލުމަށްފަހު، ބުމަ އަރުވައިލެވުނެވެ.

"އަހަރެންގެ އެކުވެރިންގެ ކައިރިއަށް. ތި އެކަނިވެރިކަން ފިލާފާނެ އޭރުން." ހަމްދާ ބުނެލިއެވެ. މިޝްޔާ ދާން އެއްބަސްވީ ހަމްދާގެ ފަރާތުން ލިބުނު ހިތްވަރުގެ ބަސްތަކުގެ ސަބަބުންނާ އެކީގައެވެ.

"އޯކޭ މިރޭ ބީޗުން ދިމާކުރޭ އިނގޭ އަހަންނާ" ހަމްދާ ބުނެލިއެވެ.

***

އެރޭ މިޝްޔާ ބީޗުން ހަމްދާއާ ދިމާކުރިއެވެ. ހަމްދާ މިޝްޔާ ގޮވައިގެން ގޮސް ވަނީ ހަނި ގޯޅިއެއް ތެރެއަށެވެ. ގޯޅިތެރެއަށް ވަދެގެން ގޮސް ދޮރުފަތެއްގައި ޓަކި ޖަހައިލުމާއެކު އެތެރެއަށް ދޮރު ހުޅުވައިލިއެވެ.

"ހޭ ހަމްދާ..." އެތެރެއިން ދޮރު ހުޅުވައިލި ޒުވާނާ ހަމްދާއަށް ގޮވައިލުމަށްފަހު ހަމްދާގެ ކައިރީގައި ހުރި މިޝްޔާއަށް ވެސް އަވަސް ނަޒަރެއް ދިނެވެ. ބޮލުގެ އިސްތަށިގަނޑު ދިގުކޮށްފައި އަތާ ފައިގައި އެކި އެކި ފާޑުގެ ޗޭނު އަޅުވާފައި ހުރި އެ ޒުވާނާ ފެނުމުން މިޝްޔާގެ ހިތަށް ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް ވަނެވެ.

"ހިނގާ ދާން ހަމްދާ!" ހަމްދާގެ އަތަށް ދަމައިލުމާއެކު އޭނާގެ ކަންފަތް ދޮށުގައި މިޝްޔާ ބުނެލިއެވެ.

"ކަމެއް ނުވާނެޔޭ މިޝްޔާ. އެމީހުން އެއްވެސް ކަމެއް ނުކުރާނެޔޭ..." ހަމްދާ އެހެން ބުނެލުމަށްފަހު މިޝްޔާއަށް ބަލައިލަމުން ބޯ ޖަހައިލީ ހުރިހާކަމެއްވެސް ރަނގަޅުވާނެޔޭ ބުނުމުގެ ގޮތުންނެވެ. ހަމްދާގެ ފަހަތުގައި ހުރެ މިޝްޔާ މައްޗަށް އެރެން ހުރި ލަކުޑި ސިޑިން މައްޗަށް އަރަން ފެށިއެވެ. އިރުއިރުކޮޅަކާ އެމީހުންގެ ފަހަތުން އަރަމުންދިޔަ ޒުވާނާއަށް ވެސް މިޝްޔާ ބަލައިލައެވެ.

މައްޗަށްއެރުމަށްފަހު، މިޝްޔާ ވަށައިގެން އެ މާހައުލަށް ނަޒަރު ހިންގައިލިއެވެ. އެއްފަރާތު މޭޒު ދޮށުގައި ޒުވާން ފިރިހެން ގްރޫޕެއް ތާސްބައި ކުޅެން ތިއްބެވެ. އަނެއްފަރާތުގައި ހުރި ސޯފާގައި ދެ އަންހެނަކާއި ފިރިހެނަކު ތިބިއިރު ކުރިމަތީގައި ހުރި މޭޒު މަތީގައި ކޮންމެވެސް އެއްޗެހިތަކެއް ހުއްޓެވެ. ތަނުގައި ދިއްލާފައިވާ އެކި ކުލައިގެ ލައިޓްތަކުން ކޯންޗެއްކަމެއް ސާފެއް ނުވެއެވެ.

"ހަމްދާ..." ސޯފާގައި އިން ފިރިހެންމީހާ ތެދުވިއެވެ. އެއަށްފަހު އޭނާ އައިސް ހަމްދާގެ ކައިރީގައި ހުއްޓުމަށްފަހު، މިޝްޔާއަށް ވަރަށް ފުން ނަޒަރަކުން ބަލައިލިއެވެ. އެ ފިރިހެންމީހާ މިޝްޔާގެ ފައިން ފެށިގެން ބޮލާ ހިސާބަށް ސްކޭން ކޮށްލި ގޮތުން މިޝްޔާގެ ހިތަށް ބިރުވެރިކަން ވެރިވެގެން ދިޔައެވެ. މުޅި މީހާގެ ހަށިގަނޑު އެކީ ފިނިވެގެން ދިޔުމާއެކު އޭނާގެ ހުރިހާ ލޯލިތައްވެސް ކޮޅަށް ޖެހިގެން ދިޔައެވެ.

(ނުނިމޭ)