06 Nov 2022, 08:56
އިނގިރޭސި ޕްރިމިއާ ލީގްގައި މިއަދު އާސެނަލް ޗެލްސީ އާ ދެކޮޅަށް ކުޅޭމެޗު ފަސޭހަ ނުވާނޭކަމަށް އާސެނަލްގެ ކޯޗު މިކޭލް އަޓޭޓާ ބުނެފިއެވެ.
މެޗުގެ ކުރިން މީޑިއާ އާ ވާހަކަދައްކަމުން އަޓޭޓާ ބުނީ، ޕޮއިންޓް ޓޭބަލަށް ބަލާއިރު ދެޓީމުގެ ފަރަގު ކިތަންމެ ބޮޑުނަމަވެސް ޗެލްސީއާ ދެކޮޅަށް ކުޅޭމެޗު ފަސޭހަކޮށްލެވެން ނެތްކަމަށެވެ. ގްރަހަމް ޕޮޓާގެ އިރުޝާދުގެ ދަށުން ޗެލްސީ ފެންނާނީ ކުރިއަށްވުރެ މާބޮޑަށްވެސް ވަރުގަދަކޮށްކަމަށާއި، މި މެޗުގައި އާސެނަލުން ބޮޑަށް ބަލާނީ ގިނަ ގޯލްތަކެއް ޖެހުމަށްކަމަށް އަޓޭޓާ ބުންޏެވެ.
"ޗެލްސީއަކީ ބަލިކުރަން އުނދަގޫ ޓީމެއް. މާދަމާގެ މެޗަށް އާސެނަލް ނިކުންނާނީ އެވަރުދަނެގެން،" އަޓޭޓާ ބުންޏެވެ.
ޗެލްސީގެ ކޯވް ގްރަހަމް ޕޮޓާ ބުނީ މާދަމާގެ މެޗަކީ ޗެލްސީއަށް އޮތް ވަރަށްބޮޑު އިމްތިހާނެއްކަމަށެވެ. މި ދެޓީމު ބައްދަލުކުރާ މެޗްތައް އަބަދުވެސް ޚާއްސަ ކަމަށާއި، މެޗުގައި ޗެލްސީގެ ކުޅުންތެރިއެއްގެ ގޮތުގައި އުބަމެޔަން ފެނުމަކީ މިމެޗު ވަކިން ޚާއްސަވާ ކަމެއްކަމަށް ގުރަހަމް ފާހަގަކުރިއެވެ.
ޗެލްސީއާ ދެކޮޅަށް ނިކުންނައިރު، އާސެނަލް އަށް ލިބިފައިއޮތް އެންމެބޮޑު ހިތްހަމަޖެހުމަކީ ޕްރިމިއާ ލީގްގައި މިސީޒަނުގައި މިހާތަނަށް އެޓީމުން ނެރެފައިވާ ނަތީޖާތަކެވެ. ޕްރިމިއާ ލީގުގައި މިފަހުން އާސެނަލް ބަލިވެފައިވަނީ މެންޗެސްޓަރ ޔުނައިޓެޑް އަތުންނެވެ.
އިނގިރޭސި ޕްރިމިއާ ލީގް ޕޮއިންޓް ތާވަލް މިހާރުއޮތްގޮތަށް ބަލާއިރު، ތާވަލްގެ ދެވަނައިގައި އާސެނަލް އުޅެނީ 31 ޕޮއިންޓް ހޯދައިގެންނެވެ. ޗެލްސީ އުޅެނީ 21 ޕޮޕޮއިންޓާއެކު ތާވަލުގެ ހަތް ވަނައިގައެވެ.