ޓީވީ އަދި ފްރެކުއެންސީ ހޯދަން ނުވަ ފަރާތަކުން ބީލަން ހުށަހަޅައިފި އެވެ. ބީލަމުގައި ޓީވީ ފްރުކްއެންސީއަށް ފަސް ކުންފުންޏަކުން އެދުނު އިރު ރޭޑިއޯ ފްރެކުއެންސީއަށް ހަތަރު ކުންފުންޏެއް ކުރިމަތިލި އެވެ. ފްރެކުއެންސީގެ ބީލަން ހުޅުވުމުގެ ބައްދަލުވުން މާލޭ ސިނެކޯ މާލަމުގައި މިއަދު ކުރިއަށް ގެންގެންދިޔަ ނަމަވެސް އެ ބައްދަލުވުން ހުއްޓުވުމުގެ އަމުރަކަށް އެދި އާންމު ފަރާތަކުން ހައި ކޯޓަށް މިއަދު މައްސަލައެއް ވެސް ވައްދާފައި ވެއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ހުޅުވައިލި ޓީވީގެ ތިން ފްރެކުއެންސީއަށް އެންމެ ބޮޑު އަގެއް ހުށަހެޅީ ސަން އެފްއެމް ހިންގާ ޕިކްޗާ ލޭންޑް އެފްއެމް ޕްރައިވެޓް ލިމިޓެޑުންނެވެ. ޕިކްޗަރލޭންޑް އެފްއެމް ޕްރައިވެޓް ލިމިޓެޑަކީ ސަން އޮންލައިނާއި ސަން މެގަޒިންގެ ވެސް ބެލެނިވެރިޔާ އެވެ.

ސަންއެފްއެމް ހިންގާ ޕިކްޗަރލޭންޑުން 3.1 މިލިއަން ރުފިޔާ ޓީވީ ފްރިކުއެންސީ އަށް ބިޑް ކުރި އިރު ބްރޯޑްކާސްޓިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެއް މިލިއަން ރުފިޔާ އަދި އައިލެންޑް ބްރޯޑްކާސްޓިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ބީލަމުގައި 666،666ރ. ހުށަހެޅި އެވެ.

ޓީވީ ފްރެކުއެންސީ އަށް ރާއްޖެ ޓެލެވިޒަން ޕްރައިވެޓް ލިމިޓެޑާއި ނެކްސްޓް ޕްލޭން ޕްރައިވެޓް ލިމިޓެޑު ވެސް ބިޑް ކުރި އެވެ. އޭގެ ތެރެއިން ނެކްސްޓް ޕްލޭންގެ އަގަކީ 500،000ރ. އެވެ. ރާއްޖެ ޓެލްވިޒަން އިން ހުށަހެޅީ 310،000ރ. އެވެ.

ރޭޑިއޯގެ ހަތަރު ފްރެކުއެންސީ ހުޅުވައިލާފައިވާ އިރު އެ ހަތަރު ފްރިކިއުންސީ ހޯދަން ހުށަހެޅީ ވެސް ހަތަރު ކުންފުންޏަކުންނެވެ. ރޭޑިއޯ ފްރެކްއެންސީއަށް އެދި އެންމެ ބޮޑު އަގު ކިޔާފައި ވަނީ 1.5 މިލިއަން ރުފިޔާ ހުށަހެޅި އައިލެންޑް ބްރޯޑްކާސްޓިން އެވެ. ފާރަވޭ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުން 150،000ރ. ހުށަހެޅި އިރު އަސްނާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން 65،250ރ. ހުށަހެޅި އެވެ. އަދި ޕިކްޗާ ލޭންޑުން ހުށަހެޅީ އެއް މިލިއަން ރުފިޔާ އެވެ.

ބީލަން ކާމިޔާބުކުރާ ފަރާތްތަކުގެ ނަންތައް އިއުލާންކުރަން ހަމަޖައްސާފައި ވަނީ މިމަހު 22 ގަ އެވެ.