ސްރީލަންކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނަތާޝާ ރަތަނަޔަކަ އަދި ޒުމްބާ ނެށުންތެރިޔާ ސާރާ ހައިޑަވޭ ދޮނަކުޅީގައި ޝޯއެއް ދީފިއެވެ.

ހައިޑަވޭގައި ބޭއްވި ޝޯގައި ނަތާޝާ ރަތަނަޔަކަ ވަނީ އޭނާގެ ބައެއް މަޝްހޫރު ލަވަތައް ހުށަހަޅައިދީފައެވެ. މީގެ އިތުރުން ޒުމްބާ ނެށުންތެރިޔާ ސާރާވެސް ވަނީ މި ޝޯގައި އޭނާގެ ނެށުމުގެ ހަރަކާތްތައް ހުށަހަޅައިދީފައެވެ.

މި ދެ އާޓިސްޓުން ހައިޑަވޭ ރިސޯޓުގައި ޝޯއެއް ދީފައިމިވަނީ، ބައިސްކޯފުން ބޭއްވި ކާމިޔާބު މިއުޒިކް ޝޯ، ނިންމާލުމަށްފަހުއެވެ. ނަތާޝާ ވަނީ މީގެކުރިން ދެ ފަހަރެއްގެ މަތިން ހައިޑަވޭގައި ޝޯދީފައެވެ. އަދި ލަންކާގެ އެއްވަނަ ޒުމްބާ ޑާންސަރ އަދި ކޮރިއޮގްރާފާ ސާރާވެސް ވަނީ މީގެކުރިން ހައިޑަވޭގައި ޝޯތައް ދީފައެވެ. ނަތާޝާ އާއި ސާރާގެ މި ޝޯއަށް ފަތުރުވެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނުކަމަށް ހައިޑަވޭ ރިސޯޓުން ބުނެއެވެ.

ނަތާޝާ އަދި ސާރާ ރާއްޖޭގެ ޓޫރިޒަމުގައި މަސައްކަތްކުރާ ބައެއް ބޭފުޅުންނާއިއެކު ---

ނަތާޝާ އަކީ ސްރީލަންކާގައި ވަރަށް މަޤްބޫލު ލަވަކިޔުންތެރިއެކެވެ. އޭނާ އެންމެ މަޤްބޫލުވެގެން ގޮސްފައިވަނީ 2017 ވަނަ އަހަރު ނެރުނު "ޝޭކް ދެޓް" މި ލަވައިންނެވެ.

ބައިސްކޯފުން ވަނީ މިދިޔަ ހޮނިހިރު ދުވަހު ހުޅުމާލޭގައި ބޭއްވި "ޗަނާޗާ 2022" ޝޯއަށް ސްރީލަންކާގެ ލަވަ ކިޔުންތެރިޔާ، ޔޮހާނީވެސް ރާއްޖެ ގެނެސްފައެވެ. އެ ޝޯއަށް ބޮޑު ތަރުހީބެއް ލިބި ކާމިޔާބުކަމާއެކު ނިންމާލާފައި ވާއިރު، މިއީ ޔޮހާނީ ރާއްޖެއައި ފުރަތަމަ ފަހަރެވެ.

ހައިޑްއަވޭ ރިސޯޓަކީ ހއ. ދޮނަކުޅީގައި ތަރައްގީކޮށްފައިވާ ފަސްތަރީގެ ރިސޯޓެކެވެ. މި ރިސޯޓަކީ ރާއްޖޭގައި ފުރަތަމަ ޔޮޓް މެރީނާއަކާއެކު ހުޅުވި ރިސޯޓެވެ. އެ ޔޮޓް މެރީނާގެ ބޮޑު މިނުގައި ހުންނަނީ 297,000 އަކަމީޓަރެވެ.