05 Nov 2022, 21:21
ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅަކީ ވަކި ފިކުރެއްގެ ވަކި ޕާޓީއަކަށް ނިސްބަތްވާ ބަޔަކާ ބައްދަލުކުރައްވަން ކުރައްވާ ދަތުރުފުޅެއް ނޫންކަމަށާއި، މި ދަތުރުފުޅުގައި ކޮންމެ ރައްޔިތަކަށް ވެސް އެމަނިކުފާނާ ބައްދަލުކުރެވޭނެ ޕީޕީއެމުން ބުނެފިއެވެ.
ޔާމީން މާދަމާ އައްޑޫ ސިޓީއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅާ ބެހޭގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕީޕީއެމުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ، އެމަނިކުފާނުގެ ދަތުރުފުޅުގައި އައްޑޫސިޓީގެ ހުރިހާ އުމުރެއްގެ ހުރިހާ ކުލައެއްގެ ބޭފުޅުންނާވެސް ބައްދަލުކުރައްވާނެކަމަށެވެ.
"ޕާޓީއަކަށް ނިސްބަތްވާ މީހުންނަށް އެކަންޏެއްނޫން ފުރުސަތު އޮތީކީ. މި ދަތުރުފުޅުގައި ހުރިހާ ރައްޔިތުންނަށްވެސް އެމަނިކުފާނާ ބައްދަލުކުރުމުގެ ފުރުސަތު އޮންނާނެ،" ހީނާ ވިދާޅުވިއެވެ.
ޔާމީންގެ މި ދަތުރުފުޅަކީ ކުރިއަށްއޮތްތަނުގައި އައްޑޫސިޓީގެ ތަރައްޤީއާ ގުޅޭގޮތުން ރައްޔިތުންނާ ޚިޔާލުބަދަލުކޮށް މަޝްވަރާކޮށްލުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެއްކަމަށް ހީނާ ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނުގެ މި ދަތުރުފުޅުގައި އައްޑޫސިޓީގެ ވިޔަފާރިވެރިންނާއި، އަންހެނުންނާއި، ޒުވާނުންނާއި، މަސްވެރިންގެ އިތުރުން ވެސް އެކިއެކި ދާއިރާތަކުގައި މަސައްކަތްކުރައްވާ ބޭފުޅުންނާ ބައްދަލުކުރައްވާނެއެވެ.
ޔާމީން އައްޑޫ ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު 12:45 ގައެވެ.
އައްޑޫ ސިޓީގެ ކުރިން ޔާމީން އެންމެފަހުން ވަޑައިގެންނެވީ އެމަނިކުފާނުގެ މަންމާފުޅު އެއަތޮޅަކަށް ނިސްބަތްވެވަޑައިގަންނަވާ ނ. އަތޮޅަށެވެ. ނ. އަތޮޅަށް ވަޑައިން އެ އަތޮޅުގެ ރަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ޔާމީން ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ކޮށްދެއްވަން ވިސްނަވާ ބައެއް ކަންތައްތަކުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.