05 Nov 2022, 20:23
ތިމާވެއްޓާ ގުޅޭ ގޮތުން އިނގިރޭސިވިލާތާ އެއްވިސްނުމުގެ ގައުމުތަކުން "ބަހާއި އަމަލު އެއްގޮތް ކޮށް" ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުމަސް އިމްޕޯޓް ކުރުމާ ގުޅޭ އެއްބަސްވުމަކަށް ރާއްޖެއާއެކު އަންނަށް ޖެހޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.
އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުގައި މޯނިން ޓްރޭޑް ޔޫކޭ އަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ އިނގިރޭސިވިލާތުން ކުޑަ ޖަޒީރާ ގައުމަކަށް އަދަބު ދެނީ މަހުގެ ބާވަތްތަކުން 20 ޕަސެންޓް ޓެރިފް ނަގައިގެން ކަމަށާއި މި އަހަރުގެ މިހާތަނަށް ރާއްޖެއިން އިނގިރޭސިވިލާތަށް 10 މިލިއަން ޑޮލަރުގެ ޓޫނާ ފޮނުވާފައި ވާކަމަށެވެ. އެފަދަ ޓެކްސްއެއް ނުނަގާނަމަ އެ އަދަދު އިތުރުވާނެ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.
ކޮމަންވެލްތަށް ނިސްބަތްވާ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރެއިން، އިނގިރޭސިވިލާތަށް އެތެރެކުރާ މުދަލުން ޓެރިފް ނަގަމުންދާ ހަމައެކަނި ޤައުމަކީ ރާއްޖެއެވެ. ރާއްޖެއާއި އެއް ހާލަތެއްގައި ހިމެނޭ އެހެން ކުދި ޖަޒީރާ ޤައުމުތަކުން އެކިއެކި އިންތިޒާމުތައް މެދުވެރިކޮށް ޓެކްސް މާފްކޮށްފައި ވާއިރު، ރާއްޖެ އަތުން ނަގާ ޓެކްސް އަކީ ވެވިފައިވާ އިހުމާލެއް ކަމުގައި ރާއްޖެއިން ދެކެއެވެ.
އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ދެމެހެއްޓެނިވި އުފެއްދުންތެރިކަމަކީ "ވަރަށް މަޤުބޫލު ވެގެން ބުނާ ބަހެއް" ކަމަށާއި ރާއްޖެއަކީ މަސްވެރިކަމުގެ މުޅި ސިނާއަތުގައި ދޮށީގެ މަސްވެރިކަން ގެންގުޅޭ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ނުވަތަ ހަމައެކަނި އެފަދަ މަސްވެރިކަމެއް ކުރާ ޤައުމު ކަމަށެވެ.
ކޮންމެ މަހެއްވެސް ބާނަނީ ފަހަރަކު މަހެއް ވަކިންކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ, އަޅުގަނޑުމެންގެ ކަނޑުގެ ސަރަޙައްދުގައި ދާ ޖަހައިގެން މަސްވެރިކަން ކުރުން މަނާކުރީ ކަނޑުގެ ދިރުން ސަލާމަތްކުރަން ކަމަށެވެ. އަދި ކަނޑުތަކަކީ ރާއްޖެއާއި ކުދި ޖަޒީރާ ޤައުމުތައް ދަމަހައްޓާ ދިރުން ކަމުގައި ވިދާޅުވިއެވެ.
މަހުގެ ބާވަތްތައް ގަންނަ ގައުމުތައް "ބަހާއި އަމަލު އެއްގޮތް ކުރަން ޖެހޭ" ކަމުގައި ވެސް ޝާހިދު ވިދާޅުވިއެވެ. އެއްކޮޅުން ތިމާވެއްޓާއި ކަނޑުތަކާއި ބަޔޯޑައިވާސިޓީ ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކުރުމުގެ ވާހަކަ ދައްކަމުން ގެންދާއިރު، އެންމެ ދެ ސިނާއަތަށް، ޓޫރިޒަމާއި މަސްވެރިކަމަށް ބަރޯސާވެފައިވާ ކުޑަކުޑަ ގައުމަކުން 20 ޕަސެންޓް ޑިއުޓީ ނަގައި އަދަބު ދިނުމަކީ ބަހާއި އަމަލު ދިމާނުވުން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ ތަރައްގީގެ މަގުގައި ކުރިއަރައި، އެ ގައުމަކަށް ލިބުނު އެހީގެ ފައިސާ ހެޔޮގޮތުގައި ބޭނުންކުރި ގައުމެއްގެ އަތުން ޓެރިފް ނެގުމަކީ "ކްލާހުގައި ކިޔަވާ ދަރިވަރަކަށް ކިޔެވުމުގެ އަދަބު ދިނުން ފަދަ ކަމެއް" ކަމަށެވެ.
ނަމަވެސް، ފޮރިން ސެކްރެޓަރީ ޖޭމްސް ކްލެވާލީ އާއި އެހެނިހެން ވަޒީރުންނާ އެކު ބޭއްވި ބައްދަލުވުންތަކަށް ފަހު، އެއްބަސްވުމަކަށް އާދެވޭނޭ ކަމުގެ އުއްމީދު އެބައޮތް ކަމަށް ވެސް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.
"ކުރީގެ ދަތުރުތަކާ ޚިލާފަށް އަޅުގަނޑު މިފަހަރު އިނގިރޭސިވިލާތުން ފުރައިގެން މިދަނީ އެންމެ ފަހުގެ ހައްލެއް ފެންނާނެ ކަމުގެ ބޮޑު އުއްމީދުގައި،" ޝާހިދު ވިދާޅުވިއެވެ.
އޮކްޓޯބަރު މަހު ބޭއްވި ކޮންޒަވޭޓިވް ޕާޓީގެ ކޮންފަރެންސްގައި އެކަމާ ބެހޭ ގޮތުން ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޑރ. ފަރަހްނާޒް ފައިޞަލް ސުވާލު ކުރުމުން، އިނގިރޭސިވިލާތުގެ ސެކްރެޓަރީ ފޯ ސްޓޭޓް އިންޓަނޭޝަނަލް ކެމީ ބާޑެނޮކް ވިދާޅުވީ ޓޫނާ އެގްރީމެންޓަކީ "އިތުރަށް ވިޔަފާރީގެ ގުޅުން ބަދަހިކޮށްގެން، ޕާޓްނާޝިޕަކުން ހައްލު ގެނެވިދާނެ ކަމެއް ކަމަށާއި، އެއީ ކޮންމެހެން އަބަދަކު ވިޔަފާރީގެ އެއްބަސްވުމަކަށް ވާން ނުޖެހޭނެ ކަމަށެވެ.
ރާއްޖެއާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓެއް ޤާއިމްކުރެވިދާނެ ނުވަތަ ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ފުޅާކޮށް ބަދަހިކުރުމަށް އެހެނިހެން ހަރުދަނާ ސިޔާސަތުކާއި ނިޒާމްތައް ގާއިމް ކުރެވިދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭނާ އެއްބަސްވެވަޑައިގަތީ ދެ ގައުމުގެ އިސް އޮފިޝަލުންގެ މެދުގައި ރަސްމީކޮށް ބައްދަލުވުމެއް ބާއްވާ އޮތް ހައްލަކާ މެދު އިތުރަށް މަޝްވަރާ ކުރުމަށެވެ.
އިނގިރޭސިވިލާތުގެ 2019 ވަނަ އަހަރުގެ އާންމު އިންތިޚާބު ކާމިޔާބުކޮށް އެގަމުގެ ވެރިކަން ކުރަނީ ކޮންސަވޭޓިވް ޕާޓީން އިންނެވެ. އަދި 2019 ވަނަ އަހަރުން ފެށިގެން އިނގިރޭސި ވިލާތުގެ ބޮޑުވަޒީރުގެ މަގާމަށް އެތަކެއް ފަހަރު ބަދަލުވެފައިއެވެ.