ވަކި މަސްލަހަތުތަކެއް ރައްކާތެރިކުރުމަށްޓަކައި އެއްވެއުޅުމުގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް އެއްވެއުޅުމުގެ މިނިވަންކަމުގެ ބިލެއް ކުށުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

އެއްވެއުޅުމުގެ ގާނޫނަށް ވުޖޫދަށް އަންނަންޖެހޭ ސަބަބެއް ކަމަށް ނަޝީދު މަޖިލީހަށް ފޮނުއްވެވި ބިލުގައި ވަނީ ދައުލަތުގެ ހުއްދަ ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ގާނޫނު އަސާސީގެ ކަށަވަރުކޮށްދީފައިވީ ނަމަވެސް އެ މިނިވަންކަމުގެ ހައްގުތަކުގެ ހަމަތައް ގާނޫނެއްގައި ބަޔާންވެފައި އޮންނަންޖެހޭނެ ކަމަށެވެ. އެގޮތުން ވަކި މަސްލަހަތުތަކެއް ރައްކާތެރި ކުރުމަށްޓަކައި އެއްވެ އުޅުމުގެ މިނިވަންކަން ހަނިކުރެވޭނެ ކަމަށް މަދަނީ އަދި ސިޔާސީ ހައްގުތަކުގެ ބައިނަލް އަގުވާމީ މުއާހަދާގައި ބަޔާންވެފައިވާ ކަމަށެވެ. ވުމާއެކު އެ ހައްގުތައް ހަނިކުރެވިދާނެ ހާލަތްތައް އެއްވެއުޅުމުގެ މިނިވަންކަމުގެ ބިލުގައި ނަޝީދު ކަނޑައަޅުއްވާފައިވެ އެވެ.

އެއްވެއުޅުމުގެ ބިލް ފާސްވެއްޖެނަމަ އެ ގާނޫނު ނުހިނގާނެ ކަންތައްތަކުގެ ތެރޭގައި ދައުލަތުގެ މުއައްސަސާއަކުން އިންތިޒާމްކޮށްގެން ބާއްވާ ބައްދަލުވުންތަކާއި ޖަލްސާތަކެވެ. އަދި އެހެން ގާނޫނެއްގެ ދަށުން އިންތިޒާމް ކުރެވިގެން ބާއްވާ ބައްދަލުވުންތަކާއި ޖަލްސާތަކާއި ހަރަކާތްތައް އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ބާރު ނުފޯރާނެ ކަމަށް އެ ބިލުގައިވެ އެވެ.
ބިލުގެ 21 ވަނަ މާއްދާގެ (އ) ގައި ބުނެފައި ވަނީ އެއްވުމެއްގެ ބައިވެރިންނަށް މާއްދީ، އަދި ޖިސްމާނީ ގެއްލުމެއް ލިބުނީ އެ މީހުންނަށް ރައްކާތެރިކަން ދޭންޖެހޭ ފުލުހުންގެ އިދާރާގެ އިހްމާލަކުންނަމަ އެއްވި މީހުންނަށް ލިބުނު ގެއްލުމުގެ ބަދަލު ފުލުހުންގެ އިދާރާއިން ލިބެންޖެހޭނެ ކަމަށެވެ. އަދި އެއް މާއްދާގެ (ވ) ގައި ބުނެފައި ވަނީ އެއްވުމެއްގެ ހަރަކާތެއްގައި ބައިވެރިވިކަމަށްޓަކައި އޭނާގެ މައްޗަށް ދައުވާއެއް އަދަބެއް ނުދެވޭނެ ކަމަށް ވެސް ބުނެ އެވެ.

"... އެއްވުމެއްގައި ބައިވެރިވާ އެއްވެސް ފަރާތަކުން ކަނޑި، ވަޅި، ހަންޖަރު، ލަކުޑިބުރި، ދަނޑިބުރި، ދަގަނޑުބުރި، މުގުރު، ބްލީޗް، ޕެޓްރޯލް، އެސިޑް ނުވަތަ ހަތިޔާރުގެ ގޮތުގައި ބޭނުން ކުރެވިދާނެ އެފަދަ އެއްޗެއް ނުވަތަ ފުލުހުންގެ އިދާރާއިން ގާނޫނު ތަންފީޒު ކުރުމަށްޓަކައި ނުވަތަ އާންމު މަސްލަހަތު ގާއިމު ކުރުމަށްޓަކައި ބޭނުންކުރާ ބާވަތުގެ އެއްވެސް އެއްޗެއް ބޭނުންކޮށްގެން ނުވާނެ އެވެ،" ބިލުގެ 22 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވެ އެވެ. އަދި އެ މާއްދާގައި އިތުރަށް ބުނެފައި ވަނީ އެއްވުމެއްގައި ބައިވެރިވާ މީހުން ކާކުކަން ނޭނގޭ ގޮތަށް، މާސްކު ނުވަތަ ފޮތި އެހެންވެސް އެއްޗެއް އެހެންވެސް އެއްޗެއް ބޭނުންކޮށްގެން އެއްވުމެއްގައި މޫނު ނިވާކޮށްގެން ނުވާނެ ކަމަށެވެ.

އެއްވެއުޅުމުގެ ބިލުގެ 25 ވަނަ މާއްދާގެ (ށ)ގައި ވަނީ އެއްވެ އުޅުން މަނާ ތަންތަނެވެ. އެ ތަންތަނަކީ ސަލާމަތީ ބާރުތަކުގެ މައި މަޒުކަޒުތަކާއި ސިފައިންނާ ފުލުހުންގެ މަޒުކަޒުތަކުގެ ގޯތީގެ އިންފާރުން ފެށިގެން ކޮންމެ ބިތަކަށް 200 ފޫޓް ހިމެނޭ ސަރަހައްދަން އެއްވު ނޫޅެވޭނެ ކަމަށް ބުނެ އެވެ. އަދި މިސްކިތްތަކާއި ސްކޫލްތަކާއި ޝަރުއީ ކޯޓްތަކާޢި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއީ އެމަނިކުފާނުގެ ރަސްމީ ގެކޮޅާއި ރައްޔިތުންގެ މަޖިލީހުގެ އިތުރުން ހޮސްޕިޓަލްތަކުގެ ގޯތީގެ އިންފާރުން ފެށިގެން ކޮންމެ ބިތަކަށް 200 ފޫޓް ހިމެނޭ ސަރަހައްދަށް އެއްވުމަށް އެ ބިލް ހުރަސްއަޅަ އެވެ.

ވަކި މީހަކާ ދެކޮޅަށް މުޒަހަރާ ކުރުމަށްޓައި އެމީހަކު ދިރުއުޅޭ ގެ ކައިރީގައި ރޭގަނޑު 10 ފަހުން އެއްނުވެވޭނެ ކަމަށާއި ސްކޫލްތަކުގެ ދަރިވަރުން ކިޔަވަމުންދާ ގަޑިއެއްގައި ސްކޫލްތަކުގެ ކައިރީގައި އަޑު ގަދަ ނުކުރެވޭއިރު، ހޮސްޕިޓަލްތަކުގެ ކައިރީގައި ވެސް އަޑު ގަދަ ނުކުރެވޭނެ ކަމަށް ބިލުގައި ބުނެ އެވެ.

އެއްވެއުޅުމުގެ ހައްގު ހަނިކުރެވިދާނެ ހާލަތްތައް ކަމަށް ބިލުގައި ވަނީ ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކުރިމަތިވުމާއި އާންމު ރައްކާތެރިކަން ދެމެހެއްޓުމާއި ގާނޫނުތަކާ އެއްގޮތަށް މުޖުތަމައު ހަމަޖެހުން ގާއުމް ކުރުމާއި އާންމު ސިއްހަތު ރައްކާތެރި ކުރުމާއި މުޖުތަމައުގެ އާންމު އަހުލާގީ މިންގަޑު ރައްކާތެރި ކުރުމުގެ އިތުރުން އެހެން ފަރުދުންނަށް ލިބިދޭ ހައްގުތަކާއި މިނިވަންކަން ހިމާޔަތް ކުރުމަށްޓަކައި އެއްވެއުޅުމުގެ މިނިވަންކަން ހަނިކުރެވިދާނެ ކަމަށް ބިލުގައިވެ އެވެ.

އެއްވެއުޅުމުގެ މިނިވަންކަމުގެ ބިލުގައި ނޫސްވެރިން ވެސް އެއްވުންތަކުގައި ހަރަކާތެރިވާނެ ގޮތްތައް ބަޔާންކޮށްފައިވެ އެވެ. އެގޮތުން 55 ވަނަ މާއްދާގައި ބުނަނީ މީޑިއާ ކައުންސިލުން ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ގަވާއިދެއް އެކުލަވާލަންޖެހޭނެ ކަމަށެވެ. އަދި އެ ގަވާއިދު އެކުލަވާލަންޖެހޭނީ އެއްވެ އުޅުމުގެ ބިލް ފާސްވާތާ އެއް މަސްދުވަހުގެ ތެރޭގައި ކަމަށެވެ. އަދި އެއްވުންތަކުގައި ފުލުހުން ކުރާ ކަންތައްތަކާއި އެއްވުމުގެ ހަބަރުތައް ފެތުރުމަށްޓަކައި އެކްރެޑިޓްކޮށްފައިވާ ނޫސްވެރިން ހަރަކާތްތެރިވެވޭނެ ކަމަށާއި އެ ނޫސްވެރިންނަށް ފުލުހުން ވިޔަސް ވެސް އަދި އެއްވެއުޅޭ މީހަކު ކަމުގައި ވިޔަސް ހުރަސްއަޅައިގެން ނުވާނެ ކަމަށް އެ މާއްދާގައި ބުނެ އެވެ.

އެއްވެއުޅުމުގެ ބިލެއް ނަޝީދު މަޖިލީހަށް ފޮނުވާފައި ވަނީ އެއްވެއުޅުމުގެ ހަމަތައް ބަޔާންކުރާ ގާނޫނަކަށް ދިވެހި މުޖުތަމައު ބޭނުން ވެފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ވިދާޅުވެފައި ވަނިކޮށެވެ. އަދި ގާނޫނު އަސާސީން ކަނޑައަޅާފައިވާ އެއްވެ އުޅުމުގެ މިނިވަންކަމުގެ ގިންތިތައް ކަނޑައަޅާފައިވާ ގާނޫނެއް މަޖިލީހުން ހައްދަވައިދެއްވައި، މުޖުތަމައުގައިވާ ސިޔާސީ މައްސަލަތަކަށް އެކަމުން އަލި މަގެއް ލިބޭނެ ކަމަށް ރިޔާޒް ވިދާޅުވެފައި ވަނިކޮށެވެ.